މޭ މަހުގެ ނިޔަލަށް އައި ޓޫރިސްޓުން 10.6 ޕަސަންޓު އިތުރުވެއްޖެ

މާލޭގައި ފަތުރުވެރިންތަކެއް --- ސަން ފައިލް ފޮޓޯ

މިދިޔަ މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 10 ޕަސަންޓު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އިމިގްރޭޝަނާއި ޓޫރިސްޓު ފެސިލިޓީތަކުން ފޯރުކޮށްދޭ މައުލޫމަތުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޓޫރިޒަމް ސަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 572،318 ޓޫރިސްޓުންނެވެ.

ނަމަވެސް މި އަހަރުގެ މެއި މަސް ނިމުނު އިރު 632،729 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 10.6 ޕަސަންޓުގެ ކުރިއެރުމެކެވެ.

މެއި މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ފަސް ގައުމަކީ ޗައިނާ، ޖަރުމަނު، އިންޑިއާ، އިނގިރޭސިވިލާތް އަދި ރަޝިއާ އެވެ.

  • ޗައިނާ: 16،927
  • ޖަރުމަނު: 10،668
  • އިންޑިއާ: 8،711
  • އިނގިރޭސިވިލާތް: 7،577
  • ރަޝިއާ: 3،903

މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 92،913 އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 0.6 ޕަސަންޓުގެ ވެއްޓުމެކެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އޮފް ޕީކް ދުވަސްވަރެވެ.

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން 41،152 އެނދު އޮޕަރޭޓުކޮށްފައިވެ އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވާ ދުވަހުގެ މުއްދަތު ވެސް ވަނީ 13.7 ޕަސަންޓު އިތުރުވެފަ އެވެ.

comment ކޮމެންޓް