މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަށް ކުރިމަތިލާންވީ ކީއްވެ؟

މޯލްޑިވްސް ބިޒްނަސް އެވޯޑު ލޯންޗުކުރުން --- ފޮޓޯ/ އިމޭޖަސް ޑޮޓް އެމްވީ

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އަދި ހަމައެކަނި އެވޯޑު، މޯލްޑިވްސް ބިޒްނަސް އެވޯޑްސް ވަނީ މިދިޔަ މަހުގެ ތެރޭގައި އިއުލާނު ކޮށްފައެވެ.

ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި "ބްލޭޒަން އިންކް"އިން ދޭން ތައްޔާރުވަމުންދާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މަގުސަދަކީ ރާއްޖޭގެ އިގްތިސާދަށް އެ ވިޔަފާރިއަކުން އަންނަ ބަދަލާއި ރާއްޖޭގެ ވިޔަފާރި ސެކްޓަރުތައް ތަރައްގީކުރުމަށް ކުރާ މަސައްކަތް ފާހަގަކުރުމެވެ.

ތަފާތު ދާއިރާތަކުން ވަކި ވަކި ވިޔަފާރިތަކާއި، ވިޔަފާރީގެ އެކި ސިނާއަތްތަކާއި ރޮނގުތަކުން ފާހަގަކުރެވޭ ވަކިވަކި ފަރުދުންގެ އަގު ވަޒަންކޮށް، ގިނަ އެވޯޑުތަކެއް މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ދޭނެއެވެ.

އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތް ނަމަވެސް، މުއްދަތު ހަމަވަނީއެވެ. ޖޫން 23 ވާ ހޮނިހިރު ދުވަހުގެ ކުރިން އެވޯޑަށް ކުރިމަތިލެވޭނެއެވެ.

https://sun.mv/106310

އެހެން ނަމަވެސް ހިތަށް އަރާފާނެއެވެ. މި އެވޯޑަށް ކުރިމަތިލާންވީ ސަބަބަކީ ކޮބާހެއްޔެވެ؟

ބްލޭޒަން އިންކުން ބުނާ ގޮތުގައި، ސަބަބުތައް ބައިވަރެވެ.

އެންމެ ކުޑަމިނުން އެވޯޑަށް ކުރިމަތިލުމަކީވެސް ކުރާ ފައިދާއެކެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަށް ކުރިމަތިލުމަކީ، ކުރިމަތިލާ ވިޔަފާރިއަކާއި އެ ވިޔަފާރީގެ ފަހަތުގައި އޮތް ޓީމުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ނުވަތަ ރިކޮގްނިޝަނަށް އޮތް ފުރުސަތެކެވެ.

އެވޯޑަށް ކުރިމަތިލުމާ އެކި ކުރިމަތިލި ކުންފުނި ނުވަތަ ވިޔަފާރީގެ އެޕްލިކޭޝަން ދިރާސާކުރާނީ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޖަޖުންގެ ޕެނަލުންނެވެ. ވިޔަފާރީގެ ދާއިރާއާއި ޕަބްލިކް ސާވިސްގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ، އަދި ވަމުންދާ، އިންސާފުވެރި ޖަޖުންގެ ފަރާތުން ކުންފުންޏަށް ފީޑްބެކް ލިބިގެންދާނެއެވެ. އަދި ޝޯޓްލިސްޓުވެ، ފައިނަލް ބުރަށް ގޮސްފި ނަމަ، ކުންފުނީގެ ކުރިއެރުމެއް އެހީތެރިވެދޭނެ ފީޑްބެކް ހިމެނޭ ޚާއްސަ ރިޕޯޓެއް ލިބޭނެއެވެ.

https://sun.mv/106070

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އެވޯޑަކަށް ނޮމިނޭޓުވުމަކީ ނުވަތަ އެވޯޑެއް ކާމިޔާބުކުރުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެކެވެ. އެ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށް އަދި މުވައްޒަފުންނަށް ވެސް ލިބޭ ފަޚުރެކެވެ. އަދި އެވޯޑު ކާމިޔާބުކުރެވިއްޖެ ނަމަ، ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ލިބުނު ކުންފުންޏެއްގެ ގޮތުގައި ތައާރަފުވެވޭނެއެވެ.

ތިޔައީ "އެވޯޑް ވިނިންގް ކޮމްޕެނީ"އެއްކަން، ކުންފުނީގެ ހޯމްޕޭޖުތަކުގައި ޖެހޭނެއެވެ. ކަސްޓަމަރުންނާއި ވާދަވެރީންގެ ކުރިމަތީގައި ކުންފުނީގެ "ހައިބަތު" ދައްކާލެވޭނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން 23 އަށް ހަމަވާ އިރު، ކުރިމަތިލާ ވިޔަފާރިތަކުގެ އެޕްލިކޭޝަންތައް ބެލުމަށްފަހު އެންމެ ރަނގަޅު ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓުވި ކުންފުނިތަކުގެ އެޕްލިކޭޝަންތައް އަލުން ދިރާސާ ކުރުމަށްފަހު ޖުލައި މަހުގެ ތެރޭގައި ފައިނަލިސްޓުން އިއުލާނުކުރާނެއެވެ.

ފައިނަލިސްޓުންގެ ގޮތުގައި ހޮވުނު ކުންފުނިތަކާ ޖަޖުން އިންޓަވިއުކުރާނެއެވެ. ކުންފުނިތަކުން ޖަޖުންނަށް ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ދިނުމުގެ ހަފްލާ އޮންނާނީ ޖުލައި މަހުގެ ފަހުކޮޅު ބާއްވާ ޚާއްސަ ގާލާއެއްގައެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް