މޯލްޑިވްސް ބިޒްނަސް އެވޯޑްސް: ވިޔަފާރިތަކަށް ހެޔޮ ވާދަވެރިކަމާއި ކުރިއެރުން

މޯލްޑިވްސް ބިޒްނަސް އެވޯޑު ލޯންޗުކުރުން --- ފޮޓޯ/ އިމޭޖަސް ޑޮޓް އެމްވީ

ރާއްޖެއަކީ ސައިޒުން ކުޑަ ނަމަވެސް ވިޔަފާރީގެ ދާއިރާގައި ދުވަހެއް ދުވަހަކަށް ހަރުފަތެއް ކުރިއަށްޖެހެމުން އަންނަ ގައުމެކެވެ. ތަފާތު އެކި ދާއިރާއިން ވިޔަފާރިތަކާއި ކުންފުނިތައް އުފެދެމުން އަންނައިރު ސަރުކާރުންވެސް އެކަމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް އަންނަނީ ދެމުންނެވެ.

ޒުވާނުންނަށާއި އަންހެނުންނަށް ހާއްސަކޮށްގެންވެސް ލޯނު ސްކީމްތައް ތައާރަފްކޮށް ރާއްޖޭގެ އިގްތިސާދުގައި ވިޔަފާރީގެ ދާއިރާއާއި ވިޔަފާރިތައް ކުރިއެރުވުމަށް އަންނަނީ މަސައްކަތް ކުރެވެމުންނެވެ. ނަމަވެސް އެ ވިޔަފާރިތަކުގެ މެދުގައި ހެޔޮގޮތުގައި ވާދަވެރިކަން ވަރަށް ކުޑައެވެ. ރަނގަޅު ވިޔަފާރީގެ މިންގަނޑުތަކުގައި ވާދަކުރުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑު ލޯންޗުކުރުން --- ފޮޓޯ/ އިމޭޖަސް ޑޮޓް އެމްވީ

އެހެންކަމުން އެ ވާދަވެރިކަން ގެނެސް ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމެންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ބްލޭޒަން އިންކުންވަނީ އެވޯޑެއް ތައާރަފްކޮށް، އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. އެ އެވޯޑުގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައެވެ.

"ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގެ އިގްތިސާދީ އެކި ސިނާއަތްތަކާއި ދާއިރާތަކުން ފާހަގަކުރެވޭ ވިޔަފާރިތަކަށް ދޭ އެވޯޑެއް. އެ އެވޯޑުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދަށް އެ ވިޔަފާރިއަކުން އަންނަ ބަދަލާއި ރާއްޖޭގެ ވިޔަފާރި ސެކްޓަރުތައް ތަރައްގީކުރުމަށް ކުރާ މަސައްކަތް ފާހަގަކުރުން،" ބްލޭޒަންގެ ޗީފް ސްޓްރެޓެޖީ އޮފިސަރު އަހުމަދު އަސްބާބު ވިދާޅުވިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑު ލޯންޗުކުރުން --- ފޮޓޯ/ އިމޭޖަސް ޑޮޓް އެމްވީ

"މިއީ އެންމެ ބޮޑު ކުންފުންޏަށް ދޭނެ އެވޯޑެއް ނޫން"

ބެލޭޒަންއިން ގަބޫލުކުރާގޮތުގައި ރާއްޖޭގެ ވިޔަފާރިތަކަކީ ބައިނަލްއަގުވާމީ މާކެޓުގައިވެސް ފައިހަމަކުރެވޭނެ ވަރުގެ ގާބިލުކަން ލިބިފައިވާ ވިޔަފާރިތަކެކެވެ. އެހެންކަމުން އެ އެވޯޑުގެ ސަބަބުން ވިޔަފާރިތަކަށް އެ ވިޔަފާރިތަކުގައި ހުރި ގާބިލުކަން ހާމަކޮށްދީ، ވިޔަފާރީގެ މާހައުލުގައި އިތުރަށް ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެއެވެ. އެ އެވޯޑުގެ ސަބަބުން ވިޔަފާރި އިތުރަށް ކުރިއަރުވަން ހިތްވަރުލިބި ވިޔަފާރިތަކުގެ އަސްލު އަމާޒާ ދިމާލަށް ދިއުމަށް މަގުފަހިކޮށްދެވިގެން ދާނެކަމަށް ބްލޭޒަންއިން ގަބޫލުކުރެއެވެ.

"މިއީ އެންމެ ބޮޑު ކުންފުންޏަށް ދޭނެ އެވޯޑެއް ނޫން. އެ ދާއިރާއެއްގައި އެންމެ ޕާފޯމަންސް ރަނގަޅު އެންމެ ނަމޫނާ ކުންފުންޏަށް ދޭނެ އެވޯޑެއް،" އަސްބާބު ވިދާޅުވިއެވެ.

ވިޔަފާރިތަށް އެ އެވޯޑަށް ވާދަކުރުމަށްޓަކައި އެ ވިޔަފާރިތަކަކީ ވިޔަފާރީގެ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދާ ވިޔަފާރިތަކަކަށް ހަދަނެ ޖެހެއެވެ. ވިޔަފާރީގެ ރެކޯޑުތަށް ބަލަހައްޓާ ވިޔަފާރިއެއް ކުރިއަށް ގެންދިއުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ކުރާ ވިޔަފާރިއަށްކަަށް ވާންޖެހެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް -- ފޮޓޯ/ އިމޭޖަޒް ޑޮޓް ކޮމް

އެގޮތުންވެސް އެ އެވޯޑުގެ ސަބަބުން ވިޔަފާރިތައް ހެޔޮމަގަށް އެޅުވުމަށް އެހީތެރިކަމެއް ވެދެވެއެވެ. އެކަމުގެ ސަބަބުން ރަނގަޅުގޮތުގައި ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އުފެދިގެން ދާނެއެވެ.

"ވާދަވެރި މާހައުލެއްގައި ރަނގަޅުގޮތުގައި ވާދަކުރަން ނޭގުންއެއީ ރާއްޖޭގެ ވިޔަފާރީގެ މާހައުލުގައި ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް. އަދި އެ އެވޯޑުގެ ސަބަބުން ކުންފުނިތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަންނަން ފަސޭހަވެގެންދާނެ، ރެޖިސްޓާ އޮފް ކޮންޕެނީޒް މަރިޔަމް ވިސާމް ވިދާޅުވިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑު ލޯންޗުކުރުން --- ފޮޓޯ/ އިމޭޖަސް ޑޮޓް އެމްވީ

ބިޒްނަސް އެވޯޑަށް ވާދަކުރެވޭ ކްރައިޓީރިއާ:

  • ރާއްޖޭގައި ހިންގާ ވިޔަފާރިއަކަށްވުން
  • 2017 ވަނަ އަހަރު ނިމުނު އިރު އަހަރީ އަމްދަނީގެ ގޮތުގައި 50،000 ރުފިޔާއަށް ވުރެ މަތީ އާމްދަނީއެއް ލިބިފައިިވުން
  • ވިޔަފާރި އުފެއްދި އަހަރާ ނުލައި ވޭތުވެދިޔަ ދެ އަހަރުގައި ހިންގަމުން އަންނަ ވިޔަފާރިއަކަށްވުން

ކްރައިޓީރިއާ ހަމަވެ އެވޮޑަށް ކުރިމަތިލާ ވިޔަފާރިތަށް އިވެލުއޭޓުކުރުމުގައި ބަލާ ދާއިރާތަށް:

  • ރިސާޗް އެންޑް ޑިވެލޮޕްމަންޓް
  • ވިޔަފާރީގެ ކުރިއެރުން
  • އުފެއްދުންތަކާއި ހިދުމަތްތައް
  • މާކެޓް ޑިވެލޮޕްމަންޓް
  • ސޭލްސް އެންޑް މާކެޓިން
  • ކޮމިއުނިޓީ ސާވިސް
  • އެމްޕްލޯއީ އެންގޭޖްމަންޓް
  • ކަސްޓަމާ އެންގޭޖްމަންޓް
  • ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (އިޖުތިމާއީ ޒިންމާ)

މޯލްޑިވްސް ބިޒްނަސް އެވޮޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރުންގެ ޖަޖިން ޕެނަލްއަކުން ހޮވުމަށްފަހުގައި ދޭން ހަމަޖެހިފައިވާ އެވޮޑެކެވެ.

https://sun.mv/106070

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާ އަކުން ޖުމްލަ 28 އެވޯޑު ދޭން ވަނީ ނިންމައިފައެވެ. މި ދާއިރާތަކަކީ

  • އިންޑަސްޓްރީ އެކްސެލެންސް
  • އެންޓަޕްރައިޒް އެކްސެލެންސް
  • އިންޑިވިޖުއަލް އެކްސެލެންސް
  • އެލައިޓް އެވޯޑްސް

މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު، 23 ޖޫންގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކުންފުނިތަކަށާއި ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް މި އެވޯޑަށް ކުރިމަތިލެވޭނެއެވެ. އެވޯޑަށް ކުރިމަތިލުމަށް އޮންލައިންކޮށް ވެސް ފޯމު ފުރޭނެއެވެ. އަދި ބްލޭޒަންގެ އޮފީހަށްވެސް ފޯމު ހުށަހެޅޭނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން މީޑިއާ އާއެކު އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ހަފްލާ ބާއްވަން ނިންމާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާއެވެ.

comment ކޮމެންޓް