ރިޔާސީ އިންތިޚާބާ ގުޅިގެން ކެނޑިޑޭޓުންނަށާއި ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދޭނަން: ޕީއެސްއެމް

ޕީއެސްއެމްގެ އިމާރާތް

ކުރިމަތިވަމުން އަންނަ ރިޔާސީ އިންތިޚާބާ އެކު ރިޔާސީ ކެނޑިޑޭޓުންނަށާއި ޕާޓީތަކަށް ހަމަ ހަމަ ފުރުސަތުތަކެއް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް މިއަދު ސަން އަށް ވިދާޅުވީ އިންތިޚާބާ ގުޅިގެން ކެނޑިޑޭޓުންނަށާއި ޕާޓީތަކަށް ހަމަހަމަ ފުރުސަތުތަކެއް ދިނުމަށް ގައިޑްލައިނެއް އެކުލަވާލައި ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

މިފަހަރުގެ އިންތިޚާބާ ދިމާކޮށް ވެސް ވަކިވަކި ކެނޑިޓޭޓުންނަށާއި ޕާޓީތަކަށް އަދި މެނިފެސްޓޯ އާ ގުޅުންހުރި ކަންތައްތަކަށް ވަގުތު ދޭނެ ކަމަށް ޚަލީލު ވިދާޅުވި އެވެ. އެގޮތުން "އިންތިޚާބާ ގުޅޭ ގާނޫނު"ގައި ބުނާ ކަންތަކާ އެއްގޮތަށް ޕީއެސްއެމްގެ ޗެނަލްތަކުން ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމްގެ ޗެނަލްތަކަކީ ވަކި ފަރާތަކަށް ބުރަވެގެން ޚަބަރު ގެނެސްދޭ ޗެނަލްތަކެއް ކަމަށް ބުނާ ވާހަކައާ ގުޅިގެން ސުވާލު ކުރުމުން ޚަލީލު ވިދާޅުވީ އެކަން އެގޮތަށް ދިމާވަނީ "އެމީހަކު ހުންނަ ތަނެއްގެ" ސަބަބުން ކަމަށެވެ. އެއީ ވަރަށް ބޮޑަށް ބަހުސް ކުރެވިދާނެ މައުލޫއެއް ކަމަށާއި ނަމަވެސް މީހަކު ދެކޭ ގޮތް ބިނާވާނީ އެމީހެއްގެ ވިސްނުން ހުންނަ ގޮތެއްގެ މައްޗަށް ކަމަށް ހަލީލު ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 23ގައި ބާއްވަން ތާވަލުކޮށްފައިވާ އިރު އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ މަހު 15ގައި ހުޅުވައިލާނެ އެވެ.

comment ކޮމެންޓް