ކޭންގެ ދެ ގޯލުން އިންގެލްޑް ސަލާމަތް ކޮށްދީފި

އިންގްލެންޑާއި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިންގްލެންޑުން ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ރޭ ކުޅުނު މެޗުގައި ހެރީ ކޭން ޖެހި ދެ ގޯލާ އެކު ޓިއުނީޝިއާ ކައިރިން ސަލާމަތް ވެއްޖެ އެވެ.

ތިން ވަނައަަށް އެންމެ ޒުވާން ޓީމާ އެކު ވޯލްޑް ކަޕަށް ދިޔަ އިންގްލެންޑުން ރޭގެ މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންގްލެންޑްގެ ކެޕްޓަން ކޭން ދެ ގޯލް ޖެހި އިރު، އޭނާ ފަހު ގޯލް ޖެހީ މެޗު ނިންމެން މިނެޓަކަށް ވެފައި ވަނިކޮށް، އިތުރަށް ދިން ހަތަރު މިނިޓްގެ ތެރޭގަ އެވެ.

އިންގްލެންޑުން މެޗު ފެށީ ހަލުވި ޓެމްޕޯއެއްގަ އެވެ. ހާއްސަކޮށް އެޓީމުގެ އެޓޭކަށް ކުޅުނު ކުޅުންތެރިންގެ ނުރައްކާ ފެނިގެންދިޔަ އެވެ. ތިރިން ރިތި ޕާސްތަކާ އެކު ހަލުވި އެޓޭކްތަކެއް އުފައްދަމުން ދިޔަ އިންގްލެންޑަށް މެޗުގެ ފުރަތަމަކޮޅުގައި ވަނީ ތަނަވަސް ފުރުސަތުތަކެއް ލިބިފަ އެވެ. ހާއްސަކޮށް ރަހީމް ސްޓާލިންއަށް ލިބުނު ހުސްފުރުސަތާއި ޔެސޭ ލިންގާޑަށް ލިބުނު ތިން ފުރުސަތެއް ފާހަގަކޮށްލެވުނެވެ.

އިންގްލެންޑާއި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ކީޕަރު ވެސް ނެތި ރަހީމް ސްޓާލިންއަށް ލިބުނު ފުރުސަތު އޭނާގެ ފަޔަށް ރަނގަޅަށް ލައްވާނުލާ ދިޔަ އިރު، ލިންގާޑު ހަމަލާއެއް ވަނީ ގޯލްގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ. މެޗުގައި އިންގެލެންޑަށް ގިނަ ފުރުސަތުތަކެއް ލިބުނު އިރު، އެޓީމުގެ ފޯވަޑުންގެ ފަރާތުން ގިނަ ހަމަލާތަކެއް ބޭކާރު ކޮށްލިތަން ފެނިގެން ދިޔަ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޓިއުނީޝިއާގެ ކީޕަރު މުއެޒް ހަސަނަށް އަނިޔާވެ، ބަދަލު ކީޕަރު ފާރޫގް އަލް މުސްތަފާ ކުޅެން ނުކުމެފައިވާ އިރު، ހަސަން ވަނީ މެޗުގެ ފުރަތަމަ ހާފްގައި ގިނަ ސޭވްތަކެއް ކޮށްފައެވެ. ހާއްސަކޮށް ހެރީ މެގުއޭރާގެ ބާރު ހަމަލާއެއްގެ އިތުރުން ޑެލީ އަލީގެ ހަމަލާއެއް ވެސް ހިމެނެ އެވެ.

މެޗުގެ 11 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނެގައިދިނީ ކޭން އެވެ. އެޓީމަށް ލިބުނު ކޯނަރަކުން ޑިފެންޑަރު ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ހަމަލާގެ ކީޕަރު މަތަކުރުމުން ރީބައުންސް ބޯޅަ ގޯލަށް ވައްދާލީ ކޭން އެވެ.

އިންގްލެންޑާއި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ލީޑާ އެކު އިންގްލެންޑުން ވަރުގަދައަށް ކުޅުނު ނަމަވެސް، އެޓީމަށް މާޔޫސްކަން ގެނުވީ 35 ވަނަ މިނެޓުގައި ޓިއުނީޝިއާއަށް ލިބުނު ޕެނެލްޓީއާއެކުގަ އެވެ. ފަރުޖާނީ ސަސީ ޖެހި ޕެނެލްޓީ ކާމިޔާބުކޮށް ޓިއުނީޝިއާ އިން ނަތީޖާ ހަމަހަމަ ކުރި އިރު، ފުރަތަމަ ހާފް ނިމުނީ އިތުރު ހަމަލާއެއް ނުފެނި އެވެ.

ދެވަނަ ހާފްގައި ވެސް އިންގްލެންޑުން ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، އެންމެ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅޭ ދުވެލި ބާރު ކުޅުންތެރިންގެ ފަރާތުން ޓުއުނީޝިއާގެ ޑިފެންސަށް މާ ބޮޑު ނުރައްކަލެއް ކުރިމަތި ކުރެވިފައެއް ނުވެ އެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ކޭން ޖެހި ގޯލަކީ ލިބުނު ކޯނަރެއްގެ އެހީގައި ޖެހި ގޯލެކެވެ. ކޯނަރުގައި އައި ބޯޅަ މެގުއޭރާ ބޮލުން ޖައްސާލުމުން މިސްރާބު ބަދަލުވެގެން ދިޔައީ އޭރިއާ ތެރޭގައި ހުސްކޮށް އޮތް ކޭންގެ ބޮލަށެވެ. ކޭން އެ ބޯޅަ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގަ އެވެ.

އިންގްލެންޑާއި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިންގްލެންޑަށް ދެން ގްރޫޕް ސްޓޭޖުގައި އޮންނާނީ ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް ފަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންގްލެންޑް ނުކުންނަނީ ރޭ ޕެނަމާ ކޮޅަށް ތިން ގޯލް ޖަހައިގެން މޮޅުވި ބެލްޖިއަމްއާ ދެކޮޅަށެވެ.

މާދަމާ ރޭ އޮންނަ މެޗުތައް:

17:00 ކޮލަމްބިއާ - ޖަޕާން

20:00 ޕޮލެންޑް - ސެނެގާލް

23:00 ރަޝިއާ - މިސްރު

comment ކޮމެންޓް