ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕްގެ ޖޫނިއާ ކެޓަގަރީން ފަސް ވަނަ ޔައިޝް ހޯދައިފި

ޔައިޝް، ފްރާންސްގެ ކަވަލެއާގައި ކުރިއަށްދިޔަ "ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕްގައި --- ފޮޓޯ/ މީސް މީޑިއާ

ފްރާންސްގެ ކަވަލެއާގައި ކުރިއަށްދިޔަ "ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕް"ގެ ޖޫނިއާ ކެޓަގަރީން ފަސް ވަނަ ރާއްޖޭގެ ޒުވާން ފްލައި ބޯޑާ، މުހައްމަދު ޔައިޝް ހޯދައިފިއެވެ.

މިމަހު 15 އިން 18 އަށް ފްރާންސްގައި ކުރިއަށްދިޔަ "ވޯޓާ ފްލައިބޯޑް ވޯލްޑްކަޕް"ގައި ޔައިޝް ވާދަކުރާނީ ޖޫނިއާ ކެޓަގަރީންނެވެ. އެ ކެޓަގަރީގައި ވާދަކޮށްފައި ވަނީ އުމުރުން 13 އަހަރާއި 18 އަހަރުގެ އެތުލީޓުންނެވެ. މިއީ ފްލައިބޯޑް ވޯލްޑް ކަޕްގައި ޖޫނިއާ ކެޓަގަރީ ތައާރަފްކުރި ފުރަތަމަ އަހަރެވެ. މުހްޔުއްދީން ސްކޫލްގެ ގްރޭޑް 10ގައި ތައުލީމް ހާސިލްކުރަމުންދާ އުމުރުން 15 އަހަރުގެ ޔައިޝްއަކީ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ސްކޫލް ދަރިވަރެވެ.

ޔައިޝްގެ ކޯޗު އިބްރާހިމް ހުސެއިން (އިއްބަޑޭ)ވެސް މިއަހަރުގެ "ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕް"ގައި ބައިވެރިވެފައިވާ އިރު، އޭނާ ވަނީ ޕްރޯ ގެޓަކަރީން 17 ވަނަ ހޯދައިފައެވެ. އިއްބަޑޭ ވަނީ މީގެ ކުރިންވެސް ފްލައި ބޯޑު ވޯލްޑް ކަޕްގައި ވާދަކޮށް ދުނިޔޭގެ އަށްވަނަ ހޯދައި، ޔޫރަޕިއަން ފްލައިބޯޑިން ޗެމްޕިއަންޝިޕްގެ ތިންވަނަވެސް ހޯދައިފައެވެ. އަދި އޭނާއަކީ ފްލައިބޯޑިންގެ ވަރުގަދަ ނަމެއް ކަމަށްވާ ޒަޕާޓާގެ ސާޓިފައިޑް މާސްޓާ އިންސްޓްރަކްޓަރެކެވެ.

ޔައިޝް ބުނެފައި ވަނީ ފްލައިބޯޑުގެ ތެރެއަށްް ވަދެވިގެން އާދެވުނީ އުމުރުން 11 އަހަރުގައި ކަމަށާއި، އޭނާގެ އެންމެ ބޮޑު ރޯލްމޮޑެލްއަކީ ކޯޗު އިއްބަޑޭ ކަމަށެވެ.

comment ކޮމެންޓް