"ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕް"އަށް ދާ ޔައިޝްއަށް އެޑިއުކޭޝަން މިނިސްޓަރު ހިތްވަރު ދެއްވައިފި

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި މަހު ފްރާންސްގެ ކަވަލެއާގައި އޮންނަ "ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕް"އަށް ދާ މުހައްމަދު ޔައިޝްއާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ބައްދަލުކުރައްވައި، އޭނާއަށް ހިތްވަރު ދެއްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ޔައިޝްގެ ބެލެނިވެރިންނާއި ކޯޗު، ހުނަރުވެރި ފްލައި ބޯޑާ އިބްރާހިމް ހުސެއިން (އިއްބަޑޭ)ވެސް ބައިވެރިވެފައިވެއެވެ. އޭގެ އިތުރުންވެސް ޔައިޝް ތައުލީމު ހާސިލް ކުރަމުންދާ ސްކޫލް، މުހިއްޔުންދީން ސްކޫލްގެ އިސް ބޭފުޅުންވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންފައިވެއެވެ.

ޔައިޝް އޭނާގެ މަންމައާއެކު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިމަހު 15 އިން 18 އަށް ފްރާންސްގައި ކުރިއަށްދާ "ވޯޓާ ފްލައިބޯޑް ވޯލްޑްކަޕް"ގައި ޔައިޝް ވާދަކުރާނީ ޖޫނިއާ ކެޓަގަރީންނެވެ. އެ ކެޓަގަރީގައި ވާދަކުރާނީ އުމުރުން 13 އަހަރާއި 18 އަހަރުގެ އެތުލީޓުންނެވެ. މުހްޔުއްދީން ސްކޫލްގެ ގްރޭޑް 10ގައި ތައުލީމް ހާސިލްކުރަމުންދާ އުމުރުން 15 އަހަރުގެ ޔައިޝްއަކީ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ސްކޫލް ދަރިވަރެވެ.

މީގެ ކުރިންވެސް ހަތަރު ފަހަރެއްގެ މަތިން ރާއްޖެއިން "ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕް"ގައި ބައިވެރިވެފައިވާ އިރު، ޔައިޝްގެ ކޯޗު، އިއްބަޑޭ ވަނީ ދުނިޔޭގެ އަށްވަނަ ހޯދައި، ޔޫރަޕިއަން ފްލައިބޯޑިން ޗެމްޕިއަންޝިޕްގެ ތިންވަނަވެސް ހޯދައިފައެވެ. އަދި އޭނާއަކީ ފްލައިބޯޑިންގެ ވަރުގަދަ ނަމެއް ކަމަށްވާ ޒަޕާޓާގެ ސާޓިފައިޑް މާސްޓާ އިންސްޓްރަކްޓަރެކެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖެ ތަމްސީލު ކުރުމަށް ސްކޫލް ދަރިވަރަކު، "ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕް" ފަދަ މުބާރާތަކަށް ދިޔުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، މުހްޔުއްދީން ސްކޫލަކީ އަބަދުވެސް އެފަދަ އެތުލީޓުން އުފައްދާ ސްކޫލެއް ކަމަށެވެ. އަދި ޔައިޝް ފަދަ ހުނަރުވެރި ކުދިންނަށް ބައިނަލްއަގުވާމީ ފުރުސަތުތައް ގިނައިން ލިބެންޖެހޭ ކަމަށާއި، ސްކޫލްތަކުގެ ކިޔަވާ ހުނަރުވެރި ކުދިންނަށް އެފަދަ ފުރުސަތުތައް ހޯދައިދިނުމުގައި ސްކޫލްތައް މެދުވެރިކޮށް އިތުރު މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕް"ގައި ޔައިޝްގެ ޕާފޮމަންސް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ފެންނާނެހެން ލައިވް ސްޓްރީމް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

ޔައިޝްގެ ކޯޗު، އިބްރާހީމް ހުސައިން (އިއްބަޑޭ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޔައިޝްގެ ކޯޗު އިއްބަޑޭ ބުނީ ޔައިޝްއާ މެދު އުންމީދު ބޮޑު ކަމަށެވެ. އެގޮތުން އޭނާ ވާދަކުރާ ކެޓަގަރީގެ ގޮތުން ރަނގަޅު ޕާފޯމަންސަކާއެކު ވަނައަކަށް ދެވިދާނެ ކަމަށްވެސް އިއްބަޑޭ ފާހަގަކުރިއެވެ. އިއްބަޑޭ ބުނީ މިހާރު ޔައިޝް ތަމްރީނު ކުރަމުންދަނީ ސީދާ ވޯލްޑް ކަޕަށް އަމާޒުކޮށްގެން ކަމަށާއި، "ޑަބަލް ބެކް ފްލިޕް" ފަދަ ތަފާތު ހުނަރުތަކަށް ތަމްރީނުވަމުންދާ ކަމަށެވެ. އަދި އެފަދަ ހުނަރެއް ފުރިހަމަކޮށް ދައްކާލެވިއްޖެނަމަ ވަނައެއް ޔަގީންވާނެ ކަމަށްވެސް އިއްބަޑޭ ފާހަގަކުރިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޔައިޝް ވަނީ އޭނާގެ ފަރިތަކުރުންތަކާއި، އޭނާ ފްލައިބޯޑަށް ޝައުގުވެރިވި ގޮތް މިނިސްޓަރާ ހިއްސާކޮށްފައެވެ. ޔައިޝް ބުނެފައި ވަނީ ފްލައިބޯޑުގެ ތެރެއަށްް ވަދެވިގެން އާދެވުނީ އުމުރުން 11 އަހަރުގައި ކަމަށާއި، އޭނާގެ އެންމެ ބޮޑު ރޯލްމޮޑެލްއަކީ ކޯޗު އިއްބަޑޭ ކަމަށެވެ. ރޯދައިގެ ކުރިން ވަކި ގަޑިއެއް ނެތި، ގިނަ ވަގުތުތަކެއް ފްލައިބޯޑަށް ހުސްކޮށްގެން ފަރިތަކުރާ ކަމަށާއި، ރޯދަ މަހުވެސް ކޮންމެ ދުވަހަކު ހަވީރު ފަހަކުން ހަޔަކަށް ފަރިތަކުރާ ކަމަށްވެސް ޔައިޝް ބުންޏެވެ.

އޭޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޔައިޝްއަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން، ގައުމު ފަޚުރުވެރި ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް