ޔައިޝް: ޒުވާން ސުޕަމޭން ދުނިޔޭގެ ފަސް ވަނައަށް!

މުހިއްޔުއްދީން ސްކޫލްގައި ކިޔަވަމުންދާ ޔައިޝް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އެރި ފުރަތަމަ ދުވަހު 30 ވަރަކަށް މިނެޓް ދުއްވާފަ ފޭބީ. ފުރަތަމަ ދުވަހުވެސް ވެއްޓުނު ދެން. އެކަމަކު އަނެއްކާވެސް ދެތުވެ ދުއްވާފައި ފޭބީ. އެހެން ގޮސް ފަހަރަކު ޓްރިކެއް ފަހަރު ކަމެއް ދަސްކުރަމުން މިހާ ހިސާބަށް ދެވުނީ"

އުމުރުން 15 އަހަރުގެ މުހައްމަދު ޔައިޝް ވަނީ ކަވަލެއާގައި އޮތް "ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕް"ގެ ޖޫނިއާ ކެޓަގަރީގައި ވާދަކޮށް ދުނިޔޭގެ ފަސް ވަނަ ހޯދައި، ދިވެހި ރާއްޖެއަށް ރީތި ނަން ހޯދައިދީފައެވެ. މުހްޔުއްދީން ސްކޫލްގެ ގްރޭޑް 10ގައި ތައުލީމް ހާސިލްކުރަމުންދާ ޔައިޝްއަކީ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ފުރަތަމަ ސްކޫލް ދަރިވަރެވެ.

ފެށުމުގެ ގޮތުން ގެނެސްދީފައި އެވަނީ ޔައިޝް، ރަހުމަތްތެރިންގެ، ނޫނީ ފޭނުންގެ ނަމުން ނަމަ "ސުޕަމޭން"، ވޯލްޑް ކަޕަށް ކުރި ދަތުރުގެ ފެށުމެވެ. ޔައިޝް އޭނާގެ ފްލައިބޯޑިން ކެރިއަރުގެ ފެށުން ސިފަކުރި ގޮތެވެ.

ޔައިޝް، ފްރާންސްގެ ކަވަލެއާގައި ކުރިއަށްދިޔަ "ވޯޓާ ފްލައިބޯޑް ވޯލްޑް ކަޕްގައި --- ފޮޓޯ/ މީސް މީޑިއާ

ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ. ވެއްޓުނަސް ބިރެއް ނެތި، ތެދުވެ އެއަށްވުރެ އުހަށް އަރައެވެ. ފަރިތަކުރުމަށް ހެނދުނެއް، ހަވީރެއް، ހުކުރެއް ހޮނިހިރެއް ނެތެވެ. ކޮންމެ ދުވަހަކުވެސް ފޮތް ދަބަހުން އަތް ދޫކޮށްލާ ހިސާބަކީ ވިލިގިލީ ވޯޓާ ސްޕޯޓްސް އޭރިއާއަށް ޔައިޝް މިސްރާބު ޖަހާ ހިސާބެވެ. އޭނާ ކުރަން ޖެހެނީ އެންމެ ފޯނު ކޯލެކެވެ. އިބްރާހިމް ހުސެއިން (އިއްބަޑޭ)އަށް ކުރަން ޖެހޭ ކޯލެވެ.

"ހެދުނު ހޭލާ ގޮތަށް އިއްބަޑޭއަށް ގުޅަނީ. ޖެޓްގެ މައްސަލަތަކެއް އުޅެންޏާވެސް ދެމީހުން މަރާމާތުވެސް ކުރާނީ. އިތުރު މީހެއް ބޭނުންވެސް ނުވާނެ، ރޯލް މޮޑެލްއަކީ އިއްބަޑޭ. އިއްބަޑޭގެ ހާޑް ވޯކް... އެހިސާބަށް ދާން ވަރަށް ބޮޑަށް އެފަޓް ލާން ޖެހޭނެ. އިއްބަޑޭގެ ވާހަކައަކީ ވެއްޓިގެން އަރައިގެން .... އަނެއްކާވެސް ވެއްޓުނީމަ އެރުން. އެއް ދުވަހު ބޯޑަށް އަރައިގެން ވެއްޓިދާނެ. އެހީސާބުން ނިންމާލީމަ ނުވާނެ. އަނެއްކާވެސް އަރަން ޖެހޭނީ. ވެއްޓުނީމަ އެއައްވުރެ ބާރަށް މައްޗަށް އަރަން ޖެހޭނެ." ޔައިޝް އޭނާ އިއްބަޑޭއާ ދޭތެރޭ ދެކޭ ގޮތާއި ދުވަހުގެ ރޫޓީންގެ ބައެއް ހިއްސާކުރިއެވެ.

އިއްބަޑޭއަކީ ޔައިޝްގެ ކޯޗުގެ އިތުރުން އޭނާގެ ރޯލް މޮޑެލެވެ. ފްލައިބޯޑިންގައި ރާއްޖެއަށް ފަހުރުވެރި ވަނަތަކެށް ގެނެސްދީ، މުޅި ފްލައިބޯޑިން ދުނިޔޭގައި ރާއްޖޭގެ ނަން ލިޔެލަދިން އިއްބަޑޭގެ އުންމީދުވެސް ޔައިޝްއާ ދޭތެރޭ އެހާ ފޮންޏެވެ.

"11 އަހަރު ތެރޭގައި ޔައިޝް ފަށައިފި. އަހަރެން އައި ލައިން މަތިން އައިސްފައި އެ ހުރީ. ޔައިޝްއަށް އިނގޭނެ ފްލައިބޯޑަކީ ކޯއްޗެއް ކަން. ހަމަ މިތަނަށް އިއްބަޑޭ އަންނަ އިރަށް ޔައިޝް އަންނާނެ. ދެން އުޅޭނީ ދުއްވާލަން ނުލިބިގެން. އެކަނި އެރިގެން އުޅޭނެ އިއްބަޑޭ ނައިސްގެން. ދެން އިއްބަޑޭ އައިމަ ބޯޑެއް ހިފައިގެން ދާނީ ވަކިން. މަނާ ވާނެ އަސްލު. އެކަމުވެސް އެކަމަށް ޔައިޝް ހުންނަ ލޯތްބެއްގެ ބޮޑުކަމުން ކޮންމެވެސް ވަރަކަށް ދެވެނީ ދެން،" އިއްބަޑޭ ޔައިޝްގެ ފެށުން ކިޔައިދިނެވެ.

ޔައިޝް އިއްބަޑޭއާއެކު ވޯލްޑް ކަޕްގައި ވާދަކުރުމަށް ތައްޔާރުވެފައި ---

އިއްބަޑޭއާއެކު ކިހާ ވަރަކަށް ފަރިތަކުރަންތޯ އަހާލުމުން ޔައިޝް ދިނީ ކުރު ޖަވާބެކެވެ. "ޖެޓު ރަނގަޅަށް އޮތިއްޔާ އޮންނާނީ މޫދުގައި" އެ ޖަވާބެވެ. ރާޅާ އެޅުމާ މޫދުގެ ކުޅިވަރަކީ ޔައިޝްގެ ދިރިއުޅުމުގެ ބޮޑު ބައެކެވެ. އަމިއްލައަށްވެސް ޔައިޝް އޭނާ ސިފަކުރަނީ "މޫދު މީހެއްގެ" ގޮތުގައެވެ.

"މިދިޔަ އަހަރު ފަހުކޮޅުން ސީރިއަސް ޓްރެއިނިންތަކެއް ފެއްޓީ. ސީދާ ވޯލްޑް ކަޕަށް. ފުރަތަމަ ފެއްޓީ ސްޕަމޭންއިން. އެއީ ޓްރިކެއް. ފެވަރިޓް ޓްރިކްސްތަކުގައި އުޅޭ ޓްރިކެއް އެއީ. އޭތި އެންމެ ފުރިހަމަކޮށް. މިއަހަރު މިއައީ ބެކް ފްލިޕްއަށް، އެއް ދުވަސް އެއްކޮށް ބެކްފްލިޕް ޓްރެއިނިންގައި އުޅުނިން،" ވޯލްޑް ކަޕްގައި ފުރިހަމަ ޝޯއެއް ދިން ޔައިޝް ކިޔައިދިނެވެ.

މުބާރާތަށް ދިޔަ އިރުވެސް އޭނާގެ އުންމީދަކީ ރާއްޖެ ތަމްސީލުކޮށް، ރާއްޖެއަށް ފަހުރުވެރިކަން ހޯދައިދިނުމެވެ. ޔައިޝް ބުނާ ގޮތުންނަމަ "މޭ މަތީގައި އިންނަ ރާއްޖޭގެ ބެޖަށް ޕާފޯމް" ކުރުމެވެ. ޖޫނިއާ ކެޓަގަރީން މުޅި ދުނިޔޭގެ ފަސް ވަަނަ ހޯދި ހިސާބަކީ ޔައިޝްގެ ހުވަފެންތައް ނިމުނު ހިސާބެއް ނޫނެވެ. ޓާގެޓަކީ ޕްރޯ ކެޓަގަރީން މުޅި ދުނިޔެެއިން އެއްވަނައެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތް ޔައިޝްއަށް ބޮޑެވެ.

ޔައިޝް އިއްބަޑޭއާއެކު ވޯލްޑް ކަޕްގައި ވާދަކުރުމަށް ތައްޔާރުވެފައި ---

ސަޕޯޓް ދޭ، ހިތްވަރު ދޭ - ނެތީ ވަސީލަތް

ޔައިޝްއަކީ ހަމައެކަނި މޫދުގެ ހުނަރުވެރިއެއް ނޫނެވެ. ފުޓުބޯޅަ ދަނޑުމަތީގައިވެސް ތަރިއެކެވެ. ކުރިން ކުޅުނީ ފުޓުބޯޅައެވެ. އިންޓަ ސްކޫލް މުބާރާތުގައި މުހިއްޔުންދީން ކެޕްޓަންކަންވެސް ކޮށް، ގައުމީ ޒުވާން ޓީމަށާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅުނު ޔައިޝް، ފުޓުބޯޅައަށްވުރެ ބޮޑަށް އިސްކަން ދީގެން ކެރިއަރަކަށް ފްލައި ބޯޑު އިހުތިޔާރު ކުރީ އޭނާގެ ހުނަރު އެހެން ލެވެލްއަކަށް ގެންދިއުމަށެވެ. ފުޓުބޯޅަ ހުއްޓާ ނުލިޔަސް، ޔައިޝް ގަބޫލުކުރާ ގޮތުން ފުޓުބޯޅައަށްވުރެ މުސްތަގުބަލް ބޮޑީ ހައިޑްރޯ ސްޕޯޓްސްގައެވެ.

ހައިޑްރޯ ސްޕޯޓްސްއަށް ނުކުމެ ޔައިޝްއަށް ކުރަން ޖެހުނު މަސައްކަތް ދެގުނަ ބޮޑުވިއެވެ. އެތައް ބައެއްގެ ސަޕޯޓް ބޭނުންވިއެވެ. ވަސީލަތްތަކަށްވެސް އިންތިހާ ބޭނުންވިއެވެ. ޔައިޝްގެ ކޯޗު އިއްބަޑޭއާއި ޔައިޝްއަށްވެސް މިއަދު އެންމެ ބޮޑު ޗެލެންޖަކީ ވަސީލަތެވެ. އަމިއްލަ ހަރަދުގައި ބޮޑެތި މުބާރާތްތަކަށް ދަނީ ޖީބު ހުސްކޮށްލައިގެންނެވެ. މާ ބޮޑު ސްޕޮންސާއެއް ނެތިއެވެ.

"އެންމެ ބޮޑަށް ބޭނުން ވަނީ ޖެޓްސްކީ ކަހަލަ ކުޅިވަރަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތްތައް. ރާއްޖޭގައި ފްލައިންބޯޑުގެ އެތުލީޓުން އުފެދިއްޖެ 2014އިން ފެށިގެން. ދުނިޔޭގެ ތެރެއަށް ރާއްޖޭގެ ނަން އެނގިގެން ހިނގައްޖެ. އަސްލު އެހިސާބަށް ފުރަތަމަވެސް ދެވުނީ އެހިސާބަށް ޓާގެޓް ކަނޑައެޅީމަ. އަބަދުވެސް އެ ވިސްނުން ދެކެމުން ދިޔައީ. މި ހަމަ ހުރެފައި ބޯޑެއް އޮތީމަ ކުރަން ކުރި ކަމެއް ނޫން. ބޯޑުވެސް އަމިއްލަ ހަރަދު ގަނެގެން ވަރަށް އުނދަގުލުން ފުރުސަތު ހޯދައިގެން ފެށީވެސް. މިކޮޅުގެ ވޯޓާ ސްޕޯޓްސް ލިބުނީމަ ފެށުނީވެސް،" އިއްބަޑޭގެ ވަސީލަތްތަކުގެ މަދުކަން އޭނާ ފާހަގަކުރިއެވެ.

ޔައިޝްގެ ކޯޗު، އިބްރާހީމް ހުސައިން (އިއްބަޑޭ) --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދުވެސް އެތައް ޒުވާން ހުނަރުވެރިންތަކެއް އޭނާގެ ފިޔައިގެ ދަށުން ފަރިތަކުރަމުންދާ އިރު، ވަސީލަތްތަކުގެ ގޮތުން ޔައިޝްއާއި އިއްބަޑޭވެސް ދެކޭ ހުވަފެންތަކެއް އެބަހުއްޓެވެ.

"ބޭނުންވާ ވަސީލަތްތައް ނުލިބޭ. އަމިއްލައަށް އެންމެ ޖެޓަކުން މިކުރަން ޖެހެނީ. ޖެޓް ހަލާކުވެސް އަމިއްލައަށް މަރާމާތު ކުރަން އެއް ރޭ އެއްކޮށްވެސް ގޮސްދާނެ. އެކަމްވެސް އެކަން ކޮށްގެން ވާނީ،" އިއްބަޑޭ ބުންޏެވެ.

ޔައިޝްއަށްވެސް ވަސީލަތުގެ އަތެއް ބޭނުން ވެފައިވާ އިރު، އޭނާއަށް މިހާރުވެސް ހިތްވަރުދޭ ގިނަ ބަޔަކު ފަހަތުގައި އެބަތިއްބެވެ. ޔައިޝްއަށް ވާނެއޭ ބުނާނެ ބަޔަކު އެބަތިއްބެވެ. ބެލެނިވެރިންނާއި ސްކޫލެވެ. އެކުވެރިންނާއި އާއިލާގެ އެހެންވެސް ހުރިހާ މެމްބަރުންނެވެ.

ޔައިޝް އޭނާގެ މަންމައާއެކު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އިއްބަޑޭއަށް އެންމެ ފުރަތަމަވެސް ޝުކުރު އަދާކުރާނީ. އެންމެ ކުރިންސުރެ އިއްބަޑޭގެ މަސައްކަތް މިއީ. އިއްބަޑޭއަކީ އެންމެ ރަނގަޅު ކޯޗު. އަބަދުވެސް މޯޓިވޭޓް ކުރާނެ. ވަކި ޓްރިކްސްތަކެއް ހިފައިގެން މާސްޓާސް ކުރަން މިކުރަނީ. ދެމީހުން އެއް ޖެޓެއްގައި މިކުރަނީ. އާއިލާ ވަރަށް ސަޕޯޓިވް. ބައެއް ފަހަރު މާ ބޮޑަށް ޕްރޮޓެކްޓް ކުރަން އުޅޭނެ. އަބަދުވެސް މަންމައާއި ބައްޕަވެސް އަންނާނެ. ރައްޓެހިން އަންނަނާނެ ކޮންމެތާކު ފްލައި ކުރިއަސް. ދެން ސްކޫލަކީ ވަރަށް މުހިއްމު ރޯލެއް ކުޅޭނެ ބައެއް. ސްކޫލަކީ ހަމަ އެންމެ ބޮޑު ބައި މީގެ. ބުނާނެ ކިޔަވާފަ ޔައިޝް ފްލައިބޯޑު ދޫކޮށް ނުލައްޗޭ. އެ ހުނަރު އެބަ ހުއްޓޭ،" ޔައިޝް އޭނާގެ ސަޕޯޓަރުންގެ ވާހަކަ ކިޔައިދިނެވެ.

ޔައިޝް ފަރިތަކުރުންތަކުގައި ---

ޒުވާން ވުމަކީ ޔައިޝް ދެކޭ ގޮތުގައި ލިބޭ ފަސޭހައެކެވެ. އަވަހަށް ދަސްވެފައި މީހާގެ ހަށިގަނޑު ފިޓް ވުމަކީ ފްލައި ބޯޑުގައި ޔައިޝް ނަގާ ފައިދާއެކެވެ.

މަސައްކަތާ ކެރުމުގެ ނަމޫނާއެކެވެ. ކުޅިވަރުގެ ރޫހާ ޑިސިޕްލިން ދައްކަމުންދާ ތަރިއެކެވެ. ޔައިޝްގެ ކުރިމަކަށް އުފެއްދޭނެ ސުވާލެއް ނެތެވެ. ސާބިތު ކޮށްދީފިއެވެ. އޭނާއާއި ކޯޗު އިއްބަޑޭގެ ތަކުލީފުތައްވެސް ކިޔައިދީފިއެވެ. ދުނިޔޭގެ ފަސް ވަނައަށް ކުރި ދަތުރު ބުރަ ނަމަވެސް ކާމިޔާބެވެ. އިއްބަޑޭގެ ފިޔައިގެ ދަށުން އިއްބަޑޭ ޖަހާލާނެ ތަރިއަކަށް ޔައިޝްވުން ގާތެވެ.

comment ކޮމެންޓް