ފާރިސްގެ ދިފާއީ ބައެއް ހެކިން ހެކިބަސް ދޭން އުޒުރުވެރިވޭ: ކޯޓް

ޝަރީއަތުގެ އަޑުއެހުމަށް ފާރިސް ގެންދަނީ: އޭނާގެ ދިފާއުގައި ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިނުމަށް ވަނީ އުޒުރުވެރުވެފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ޝަހްސު އޮޅުވާލިކަމުގެ ދައުވާ އުފުލާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ ދިފާއުގައި ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިނުމަށް އުޒުރުވެރިވާކަން ކޯޓަށް އަންގައިފި އެވެ.

މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ދިފާއުގައި ހުށަހެޅި 47 ހެކީންގެ ތެރެއިން 10 ހެކިން ކޯޓަށް ހާޒިރުކުރުމަށް މަސައްކަތްކުރި ކަމަށް ގާޒީ އަލީ އިބްރާހިމް ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރެއިން ތިން ހެކިވެރިއަކު ހެކިބަސް ދިނުމަށް އުޒުރުވެރިވާ ކަމަށް ސިޓީއަކުން ކޯޓަށް އަންގާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ތިން ހެކިވެރިންނަނީ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒް ކަމަށް ގާޒީ ވިދާޅުވި އެވެ. އެ ތިން ހެކިވެރިން އުޒުރުވެރިވެފައިވާ އިރު ދެން ހާޒިރުކުރުމަށް މަސައްކަތްކުރި އަނެއް ފަސް ހެކިވެރިންނާ ގުޅިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުމަށް ހާޒިރުކުރެވިފައި ވަނީ އެންމެ ހެއްކެކެވެ. އެއީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ. އޭނާ ހާޒިރުކޮށްފައި ވަނީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި އަހްމަދު ފާރިސް މައުމޫން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވާފައި ވާތީ އެެވެ.

މިއަދުގެ އަޑުއެހުމުގައި މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ، މިދިޔަ އަހަރު ފާރިސް މައުމޫން މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ޕީޕީއެމް ތަމްސީލުކޮށްފައިވާ ކަމަށާއި އަދި އޭނާ އެ ކޮމެޓީން ވަކިކުރިކަން އެނގިފައި ނުވާ ކަމަށެވެ.

ދިފާއުގައި ފާރިސްގެ ފަރާތުން ހުށަހެޅި 47 ހެކިވެރިން ގިނަ ކަން ފާހަގަކޮށް ގާޒީ ވަނީ އެންމެ ބޮޑަށް އިސްކަން ދޭ ތަރުތީބުން ހެކިންގެ ލިސްޓް އެކުލަވާލުމަށް ފަހު ކޯޓަށް ހުށަހެޅުމަށް ފާރިސްއަށް އަންގައިފަ އެވެ. އަދި މާދަމާ އެކެއް ޖަހާއިރު ބާއްވާ އަޑުއެހުމުގެ ކުރިން ހެކިންގެ ލިސްޓު ހުށަހަޅައި ހުލާސާ ބަޔާން ހުށަހެޅުމަށް ތައްޔާރުވުމަށް ގާޒީ އެންގެވި އެވެ.

ހެކިންގެ ލިސްޓު ތަރުތީބުކޮށް ހުލާސާ ބަޔާން ތައްޔާރުކުރުމަށް އެއް ދުވަސް ދެއްވުމުން ފާރިސް ވަނީ ހިތްހަމަޖެހުން ފާޅުކުރައްވައި ހަފްތާއެއް ދެއްވުމަށް އެދިވަޑައިގަތްފަ އެެވެ. ފާރިސް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވައި ފަސް މަސްދުވަހަށް ވުރެން ގިނަ ދުވަސް ވެފައިވާ ކަމަށާއި ކުއްލިއަކަށް އަވަސް އަރުވާލައިގެން އަޑުއެހުންތައް ބާއްވަން މަސައްކަތްކުރަނީ ކޮން މަޖުބޫރީ ހާލަތެއްގައިކަން ސާފުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

ނަމަވެސް ގާޒީ ވިދާޅުވީ ޝަރީއަތް ކެންސަލް ނުކުރާކަން ކޯޓުން ނާންގާހާ ހިނދެއްގައި މާދަމާ އެކެއް ޖަހާއިރު އަޑުއެހުން އޮންނާނެ ކަމަށާއި އަދި އަޑުއެހުމާ ދެމެދު އެކަށީގެންވާ ވަގުތު އޮތްކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

comment ކޮމެންޓް