ކޮލަރޯވްގެ ރީތި ހިލޭ ޖެހުމާއެކު ކޮސްޓަރީކާ ބަލިކޮށް، ސާބިއާއަށް ރަނގަޅު ފެށުމެއް!

ސާބިއާއި ކޮސްޓަރީކާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އެލެކްޒެންޑްރާ ކޮލަރޯވްގެ ރީތި ހިލޭ ޖެހުމާއެކު ކޮސްޓަރީކާ ބަލިކޮށް، ސާބިއާއިން ގްރޫޕް އީގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ރަޝިއާގެ ސަމާރާގައި މިރޭ ކުޅުނު މެޗު ސާބިއާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް މެޗުގައި ފެނުނީ އެޓޭކިން ކުޅުމެކެވެ. މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައި ކޮސްޓަރީކާއިން ރަނގަޅަށް ކުޅުނު އިރު، އެޓީމުން ހަމަލާތައް އުފައްދަން އެންމެ ބޮޑަށް ބޭނުން ކުރި ކުޅުންތެރިއަކީ ކެޕްޓަން ބްރައިން ރުއީޒްއެވެ. ދެހާސް ސާދަވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ކުޅުނު ކޮސްޓަރީކާއަށް، އެ ވޯލްޑް ކަޕްގައިވެސް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ބްރައިން ރުއީޒްއެވެ.

ސާބިއާއި ކޮސްޓަރީކާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަކޮޅުގައި ކޮސްޓަރީކާއިން ރަނގަޅަށް ކުޅުނު ނަމަވެސް ސާބިއާއިން ވަނީ މެޗަށް އަނބުރާވަދެ، ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން އެޓީމުގެ ކުރިއަށް ކުޅޭ ވަރުގަދަ ފޯވަޑް، އެލެކްސެންޑްރާ މިޓްރޮވިޗާއި މެދުތެރެއިން ކުޅުނު މިލިންކޮވިޗް ސަވިޗްގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. އެ ހަމަލާތަކުގެ އިތުރުން ސާބިއާގެ ދެ ފަޅިން، ކޮސްޓަރީކާގެ އޭރިއާ ތެރެއަށް ހުރަސް ކުރާ ބޯޅަތައް ހުއްޓުވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ކޮސްޓަރީގެ ކީޕަރު ކޭލޯ ނަވާސްއެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ސާބިއާއެވެ. ހާފްގެ ކުރީ ކޮޅުގައި މިޓްރޮވިޗްގެ ހަމަލާއެއް ފެނިގެން ދިޔަ އިރު، މިފަހަރުވެސް ކޮސްޓަރީކާ ސަލާމަތް ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު ކޭލޯ ނަވާސްއެވެ.

ސާބިއާއި ކޮސްޓަރީކާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިޓްރޮވިޗްގެ ހަމަލާއަށްފަހު މާ ގިނައިރެއް ނުވެ، ސާބިއާއިން ލީޑު ނެގިއެވެ. ކޮސްޓަރީކާގެ އޭރިއާ ވާތް ފަޅީ ކަނާ ދިމާއިން ލިބުނު ހިލޭ ޖެހުމުން ކޮލަރޯވް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ. ކޮސްޓަރީކާގެ ގޯލްކީޕަރު ކޭލޯ ނަވާސްއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

އޭގެފަހުންވެސް ލީޑު ފުޅާކުރުމަށް ސާބިއާއަށް ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. މިޓްރޮވިޗަށް ލިބުނު ދެ ފުރުސަތުވެސް އޭނާ ނަގާލިއެވެ. މެޗު ނިމެންދަނިކޮށް ވީއޭއާރްގެ އެހީ ހޯދަން ރެފްރީއަށް ޖެހުނެވެ. ސާބިއާގެ ފްލިޕް ކޮސްތިޗްގެ އަތުން ކޮސްޓަރީކާގެ ޑިފެންޑަރު މޫނުގައި ޖެހުމުން ރެފްރީ ފުރަތަމަ ފްލިޕަށް ރަތް ކާޑު ދެއްކި ނަމަވެސް، ވީއޭއާރްގެ އެހީގައި އެ ނިންމުން ރީނދޫ ކާޑަކަށް ބަދަލުކުރިއެވެ.

ސާބިއާއި ކޮސްޓަރީކާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިރޭ ދެން އޮންނާނީ ޖަރުމަނާއި މެކްސިކޯ ވާދަކުރާ މެޗުގެ އިތުރުން ބްރެޒިލާއި ސްވިޓްޒަލޭންޑް ވާދަކުރާ މެޗެވެ.

comment ކޮމެންޓް