ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންގެ ވޯކް ވިސާގެ މައްސަލަ ހައްލުކޮށްދޭން އެދިއްޖެ

ކެރެލާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން---

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ވޯކް ވިސާގެ މައްސަލަ ހައްލުކޮށްދިނުމަށް އިންޑިއާގެ ކެރެލާ ސްޓޭޓުގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން އެ ގައުމުގެ ސަރުކާރުގައި އެދިއްޖެ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖަށް އެޑްރެސްކޮށް ޕިނަރަޔީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންޑިއާގެ 30،000 އަށްވުރެ ގިނަ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކެރެލާއަށް ނިސްބަތްވާ މީހުން ކަމަށެވެ.

ސިއްހީ، ތައުލީމީ އަދި ޓޫރިޒަމް ދާއިރާގައި ވެސް އިންޑިއާގެ ރައްޔިތުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމީހުންގެ ވޯކް ވިސާގެ މައްސަލަ ކުރިމަތިވެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ސިޓީގައި ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ހަފްތާއެއް ތެރޭ ވިސާގެ ކަންތައް ހަމަޖެހޭ ކަމަށާއި މިހާރު އެތައް ދުވަހެއް ވާއިރު ވެސް ވިސާގެ ކަންތައް ހަމަނުޖެހޭކަން ފާހަގަކުރައްވާ ސިޓީގައި ވިދާޅުވެފައި ވަނީ ގައުމީ މައްސަލައެއް ކަމުގައި މި މައްސަލަ ދެކި، މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިނިސްޓަރުގެ އަރިހުން އެދޭ ކަމަށެވެ.

އިންޑިއާ ރައްޔިތުންނަށް ރާއްޖެ އިން ވޯކް ވިސާ ނުލިބެނީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން ކަމަށް އެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާ ރައްޔިތުންނަށް ރާއްޖެއިން ވޯކް ވިސާ ނުދޭކަމަށް ބުނެފައިވާ އިރު، ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުންދާތީ އިންޑިއާ އިން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން ފާޑު ކިޔަމުންނެވެ. އަދި އިންޑިއާ އިން ރާއްޖޭގެ މީހުންގެ ވިސާ އަށް ދަތިކުރާ ކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ އެވެ.

comment ކޮމެންޓް