ޓްރީޓޮޕުން ނިޒާމަށް ދިން ފަރުވާއާމެދު އާއިލާއިން ހިތްހަމަޖެހޭ

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މި މަހުގެ އެއްވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ލ. ކަލައިދޫ ޕެންޒީމާގެ މުހައްމަދު ނިޒާމަށް ޓްރީޓޮޕް ހޮސްޕިޓަލުން ދިން ފަރުވާއާމެދު ހިތްހަމަޖެހޭ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ނިޒާމުގެެ ބޭބެއަކު ބުނީ ޓްރީޓޮޕުން ދިން ޚިދުމަތް "ވަރަށް ރަނގަޅު" ކަމަށެވެ.

"ސާޖަރީވެސް ވަރަށް އަވަހަށް ހަދައިފި، ރިކަވާ ވީވަރު ވެސް ވަރަށް އަވަސް،" ނިޒާމުގެ ބޭބެ އިބްރާހިމް ނިޒާމު ބުންޏެވެ.

ހުޅުމާލެ ދެވަނަ ފިޔަހި ގައި ހިނގި މި އެކްސިޑެންޓުގައި ނިޒާމުގެ ކޯ ކަށިގަނޑު ބިނދި، މޫނަށާއި ބޮލަށް އަދި ލޮލަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

އަނިޔާތަކަށް ފަރުވާ ދިނުމަށް ޓްރީޓޮޕުންް އޭނާގެ މޫނުގެ ސާޖަރީއަކާއި ބޮލުގެ ދެ ސާޖަރީއެއް ހަދައިފައި ކަމަށް ނިޒާމުގެ ބޭބެ ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުގައި އޭނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީއެއް ވަނީ ޓްރީޓޮޕުން ހަދައިފައެވެ. މީގެ އިތުރުން ނިޒާމުގެ ބޮލަށް ލިބިފައިވާ ގެއްލުމަށް ފަރުވާ ދިނުމަށް ބޮލުގެ ދެ ސާޖަރީއެއްވެސް ވަނީ ހަދައިފައެވެ. މިއީ "ސިކުނޑި ކައިރިއަށް ލޭ އެޅިފައިވާތީ" ހެދި ސާޖަރީތަކެއް ކަމަށްވެސް ނިޒާމުުގެ ބޭބެ ވަނީ ބުނެފައެވެ.

"ސާޖަރީތައް ވެސް ވަރަށް އަވަހަށް ހެދި، ރިކަވާ ވާ ސްޕީޑުވެސް ވަރަށް އަވަސް. ޓްރީޓޮޕުން ކަންތައް ކޮށްދިނީ ވަރަށް ރަނގަޅަށް،" ނިޒާމުގެ ބޭބެ ބުންޏެވެ.

ޓްރީޓޮޕުގައި ދިން ފަރުވާއަށް 300،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ޗާޖުކޮށް ބިލު ފޮނުވާފައިވާއިރު އާސަންދައިން ވަނީ ޕްރީ އޮތޮރައިޒޭޝަންގެ ގޮތުގައި މިހާތަނަށް 18،000 ރުފިޔާ ކަވަރުކޮށްދީފައެވެ. އާއިލާއިން މަސައްކަތްކޮށްގެން ބިލުގެ އެއްބައި ހަމަކޮށްފައިވާއިރު، އަދިވެސް 111،000 ރުފިޔާ ނުދެއްކި އެބައޮތް ކަމަށް ނިޒާމުގެ ބޭބެ ބުންޏެވެ. އޭނާ ވަނީ ނިޒާމުގެ ބިލަށް ފައިސާ ދެއްކުމަށް އާންމުންގެ އެހީ ލިބެމުން އަންނަކަން ފާހަގަކޮށްފައެވެ.

ޓްރީޓޮޕުން ދިޔައީ ކޮންމެ ދުވަހަކުވެސް ބިލަށް އަރަމުންދިޔަ މިންވަރު އާއިލާއާ ހިއްސާ ކުރަމުންނެވެ.

ނިޒާމަށް ޓްރީޓޮޕުގައި ދެ ހަފްތާ ވަންދެން ފަރުވާ ދިން އިރު މިހާރު އޭނާގެ ހާލު ސްޓޭބަލްކަމަށް އާއިލާއިން ބުނެއެވެ. ހޮސްޕިޓަލުން ޑިސްޗާޖުކުރި ނަމަވެސް ބިލަށް ފައިސާ ނުދެއްކޭތީ އަދި ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައެއް ނުވެއެވެ.

ޓްރީޓޮޕުގައި ލޮލުގެ ފަރުވާ ނުދޭތީ، ނިޒާމުގެ ލޮލަށް ފަރުވާކުރުމަށް އިންޑިއާއަށް ދާން ޑޮކްޓަރު ލަފާދީފައިވާ ކަމަށް އާއިލާ އިން ބުނެއެވެ. ނިޒާމުގެ ލޮލަށް ލިބުނު ގެއްލުމަށް ފަރުވާކުރުމަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

ނިޒާމްގެ ހާލަތާއި ފަރުވާގެ ކަންކަމާ ގުޅޭގޮތުން ގުޅޭގޮތުން ޓްރީޓޮޕް ހޮސްޕިޓަލާ ސުވާލުކުރުމުން ބުނީ ޕޭޝަންޓުންނާ ބެހޭ މައުލޫމާތު އެ ހޮސްޕިޓަލުން ހާމަ ނުކުރާ ކަމަށެވެ.

އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލު ނުވެގެންނެވެ. ސައިކަލު ދުއްވާފައި ދިޔައީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. ހުއްދަ ނެތި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަދެ އުޅުމަކީ މަނާކަމެކެވެ. އެކްސިޑެންޓު ހިނގީ ސައިކަލު ކޮންޓްރޯލުނުވެ މަގު ބަންދުކުރަން ޖަހާފައިވާ ހޮޅިއެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓަށްފަހު ނިިޒާމުު ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެތަނުން ސީޓީ ސްކޭނު ނުހެދޭތީ ޑޮކްޓަރުން ލަފާ ދިނީ މާލެ ގެންދިއުމަށެވެ، ނަމަވެސް އާއިލާއިން ބޭނުންވެގެން އޭނާ ޓްރީޓޮޕަށް ބަދަލުކުރީއެވެ.

comment ކޮމެންޓް