ޔަޝް ރާޖްގެ ފިލްމަކުން މިފަހަރު އަކްޝޭ!

އަކްޝޭ ކުމާރު --

ޔަޝް ރާޖް ފިލްމްސް އިން ވަރުގަދަ ޕީރިއަޑް ޑްރާމާ އަކަށް ތައްޔާރުވަމުން އަންނަ އިރު އެ ފިލްމުގެ ލީޑު ރޯލަށް ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު ހަމަޖައްސައިފައި ވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ޑައިރެކްޓަރު ޗަންދްރަޕްރަކާޝް ދުވިވޭދީ ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު ވަރަށް އަވަހަށް ފިލްމުގެ ކާސްޓު އެއްކޮށް ފައިނަލް ކުރެވޭނެއެވެ.

ޚަބަރުތައް ބުނާގޮތުން ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ކުރީކޮޅުއެވެ. އަދި ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ 2020 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

ޔަޝް ރާޖްގެ ފިލްމަކުން އަކްޝޭއަށް ފުރުސަތު ލިބުނު އިރު، މިއީ ފާއިތުވި 10 އަހަރު ތެރޭގައި އެ ޕްރޮޑަކްޝަން ހައުސް އާއެކު އަކްޝޭ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ޔަޝް ރާޖްގެ ފިލްމަކުން އަކްޝޭ ފުރަތަމަ ފެނިގެން ދިޔައީ 1997 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ދިލް ތޯ ޕާގަލް ހޭ" އިން ހާއްސަ ފެނިލުމެއްގެ ގޮތުގައެވެ.

ކުރިއަށް އޮތީ ހަމަގައިމުވެސް އަކްޝޭއަށް ބުރަ ދެތިން އަހަރެވެ. އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އިންޑިއާގެ މިނިވަން ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމު "ގޯލްޑް" އިންނެވެ.

އޭގެ އިތުރުން އަންނަ އަހަރު ވެސް ދެ ފިލްމަކުން އަކްޝޭ ފެނިގެން ދާނެއެވެ. އެއީ "ހައުސްފުލް 4" އަދި "ކޭސަރީ" އިންނެވެ. ދަރްމާ ޕްރޮޑަކްޝަންސްގެ "ކޭސަރީ" އަކީވެސް ޕީރިއަޑް ޑްރާމާ އެކެވެ.

comment ކޮމެންޓް