ތިން ޕޮއިންޓް ނުލިބުމުގެ ޒިންމާ ނަގަން، ކުރިއަށް ދިއުމަށް ހިތްވަރެއް ނުގެއްލޭ!

އާޖެންޓީނާއާއި އައިސްލޭންޑް ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާއި އައިސްލޭންޑް ރޭ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

އައިސްލޭންޑުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅޭ އިރު، އެ ގައުމުގެ އާބާދީއަކީ ތިން ލައްކައެއްހާ މީހުނެވެ. އެންމެފަހުން ކުޅުނު ޔޫރޯގެވެސް "ސަޕްރައިޒިން" ޓީމު، މިފަހަރުގެ ވޯލްޑް ކަޕްވެސް ފެށީ ބޮޑު ސަޕްރައިޒަކާ އެކުގައެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނަލް މެސީއާއި އޭނާގެ ވަރުގަދަ އޭޖެންޓީނާ ޓީމު އައިސްލޭންޑުން ހިފެހެއްޓި އިރު، މެޗުން މޮޅުވާން އާޖެންޓީނާއަށް ލިބުނު ފުރުސަތު ބޭކާރުކޮށްލީ މެސީއެވެ.

"ޕެނެލްޓީ ނާކާމިޔާބު ވުމުން ހިތްދަތިވޭ. އަހަންނަށް އެނގޭ ޕެނެލްޓީ ޖެހިނަމަ ނަތީޖާ ބަދަލުވާނެ ކަން. ތިން ޕޮއިންޓް ނުލިބުމުގެ ޒިންމާ ނަގަން،" އާޖެންޓީނާއަށް ލިބުނު ޕެނެލްޓީ ނާކާމިޔާބުކޮށްލި މެސީ، މެޗަށްފަހު ބުންޏެވެ.

މިހާތަނަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ފަސް ފަހަރު ހޯދައިފައިވާ މެސީ ބުނީ މެޗުގެ ނަތީޖާ އެއްވަރުވެގެން ނިމުމު ނަމަވެސް ކަރު އެލުވާ ނުލާނެ ކަމަށެވެ.

"ދުވަސްކޮޅެއް އެބައޮތް ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް، އިސްޖަހައިގެން ނުތިބޭނަން. ވޯލްޑް ކަޕްގެ ތައްޓަށް ކުރަމުން އައި އުމްމީދަށް ފަނޑުކަމެއް ނާދޭ،" މެސީ ބުންޏެވެ.

ރޭގެ މެޗުގައި މެސީ ވަނީ 11 ޝޮޓެއް ގޯލަށް ފޮނުވާލައިފައެވެ. އޭނާ ކައިރީގައި އަބަދުވެސް އައިސްލޭންޑުގެ ދެތިން ކުޅުންތެރިން މާކް ކޮށްގެން ތިބޭކަން ރޭގެ މެޗުން ފާހަގަވެފައިވާ އިރު، މެސީ ވަނީ ރޭގެ މެޗަށްފަހު މާޔޫސީ މޫނަކާއެކު ގިނަ އިރުތަކެއް ވަންދެން ދަނޑުމަތީގައި މަޑުކޮށްފައެވެ.

މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެސީ ވަނީ މީގެ ކުރިންވެސް އާޖެންޓީނާއަށް މުހިއްމު ޕެނެލްޓީއެއް ނާކާމިޔާބުކޮށްލައިފައެވެ. އެ ގޮތުން ކޮޕާ އެމެރިކާގެ ފައިނަލްގައި އޭނާ ޗިލީ ކޮޅަށް ޖެހި ޕެނެލްޓީ ނާކާމިޔާބުވި އިރު، އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މެސީއަށް ވަނީ އަމާޒުވެފައެވެ.

މެސީ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައި އާޖެންޓީނާއާއެކު ފައިނަލް ކުޅެފައެވެ. އަދި އެ އަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއަކީވެސް މެސީއެވެ.

comment ކޮމެންޓް