ރޮނާލްޑޯއާ ދެކޮޅަށް ނުކުތުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ރާމޯސް

ރާމޯސް، ސްޕެއިންގެ ފަރިތަކުރުންތަކުގައި --- ފޮޓޯ/ އޭޕީ

ވޯލްޑް ކަޕްގައި ސްޕެއިނުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގެ އެއް ދުވަސް ކުރިން ސްޕެއިނުން އެޓީމުގެ ކޯޗު ހުލެން ލެޕޮޓެގީ މަގާމުން ވަކިކޮށް، އާ ކޯޗަކަށް ފެރްނާންޑޯ އިއެރޯއާ މަގާމު ހަވާލުކޮށްފައިވާ އިރު، ސްޕެއިނަށް ވަރުގަދަ ޕޯޗުގަލްއާ ދެކޮޅަށް ނުކުތުން ވެގެންދާނީ އުނދަގޫ ކަމަކަށެވެ.

މިރޭގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފައި ވަނީ ސްޕެއިނަށް ވޯލްޑް ކަޕް ފަށަން މި ޖެހެނީ ބޮޑު ހިތާމައަކުން ކަމަށާއި، އުންމީދު ކުރަނީ ހިނިތުންވުމަކާއެކު ވޯލްޑް ކަޕް ނިންމާލުމަށް ކަމަށެވެ.

ރާމޯސް ބުނީ ޓީމު ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، ޓީމު އޮތީ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް ޓީމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، އެ ބަދަލަށް ކުޅުންތެރިން ހޭނެމުންދާ ކަމަށްވެސް ކެޕްޓަން ރާމޯސް ބުންޏެވެ.

ރާމޯސް މިރޭގެ މެޗުގައި ނުކުންނާނީ އޭނާއާއެކު ރެއާލް މެޑްރިޑުގައި ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެކޮޅަށެވެ. ރެއާލްއާއެކު ސީޒަންގެ ކުރީ ކޮޅުގައި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ދަށްކޮށް ފެނުނު ނަމަވެސް، ސީޒަން ނިންމާލީ ވަރުގަދަ ފޯމެއްގައެވެ. ރޮނާލްޑޯއާ ދެކޮޅަށް ކުޅެން ޖެހުމަކީ ރާމޯސް ބުނާ ގޮތުން ވަރަށް އުނދަގޫވާނެ ކަމެކެވެ.

"ރޮނާލްޑޯއާ ދެކޮޅަށް ކުޅެން ބޭނުން ނުވޭ. ރޮނާލްޑޯއަކީ އެއްކޮށް އެއްޓީމަކަށް ކުޅޭ ކަހަލަ ކުޅުންތެރިއެއް. އޭނާ ޕޯޗުގަލްގެ ފޯވަޑް ލައިންގައި ހުރުމަކީ އަބަދުވެސް ސަމާލުވާން ޖެހޭނެ ކަމެއް. ރޮނާލްޑޯގެ ނުރައްކާ ފެންނާނެ،" ރާމޯސް ބުންޏެވެ.

ސްޕެއިންގެ ކެޕްޓަން ރާމޯސް ބުނީ މިރޭގެ މެޗަށް ނުކުންނާނީ ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، ޓީމުގެ ރޫހު ވަރަށް ރަނގަޅު ކަމަށެވެ.

ގްރޫޕް ބީގައި ސްޕެއިންއާއި ޕޯޗުގަލް ވާދަކުރާ މެޗު އޮންނާނީ މިރޭ 11:00 ގައެވެ.

comment ކޮމެންޓް