ރާއްޖެއަށް މިއަދަކީ ޝައްވާލް މަހުގެ އެއްވަނަ ދުވަސް ކަމަށް ވުމުން، ބައެއް ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންވެސް މިއަދު އީދު ނަމާދުކުރުމަށް ދިވެހި ސަރުކާރުން އަންގައިފިއެވެ.
ރާއްޖެއިން މިއަހަރު މުލަ ރޯދަ ދުވަސް ވީ މެއި 16 ވީ ބުދަ ދުވަހެވެ. ރާއްޖެއިން އެގޮތަށް ނިންމީ އިތުބާރުހުރި ފަލަކީ ހިސާބުތަކަށް ރިއާޔަތްކުރުމަށްފަހުއެވެ. އެހެން ނަމަވެސް ސައުދީ އަރަބިއްޔާއިން ރޯދަ ހިފަން ފެށީ މެއި 17 ވަނަ ދުވަހުއެވެ. އަދި ރާއްޖެ ފިޔަވައި އެންމެ ގިނަ ދިވެހީން ދިރިއުޅޭ ސްރީލަންކާއަށް މުލަ ރޯދަ ދުވަސް ވެގެން ދިޔައީ މެއި 18 ވީ ހުކުރު ދުވަހުއެވެ.
މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދިވެހިރާއްޖެއާއި އިސްލާމީ ގިނަ ގައުމުތަކަކަށް ފެނި، ޝައްވާލް މަހުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމުގައި ކަނޑައެޅި ނަމަވެސް، ސްރީލަންކާއަށް ހަނދު ނުފެންނަ ކަމަށް ކޮލޮމްބޯ ގްރޭންޑް މޮސްކް (މަސްޖިދުލް ކަބީރު ކޮލޮމްބޯ)އިން ވަނީ ކަނޑައަޅާފައެވެ. މަސްޖިދުލް ކަބީރުގެ އުލަމާއިން ނިންމާފައިވަނީ މިރޭ ރަމަޟާން މަހުގެ 29 ވަނަ ރޯދައަށް ފަހު، ޝައްވާލް މަހުގެ ހަނދު ފެނޭތޯ ބެލުމަށެވެ.
އެހެން ނަމަވެސް ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީން، ލަންކާގައި އުޅޭ ދިވެހީންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއަދު (ޖޫން 15، ހުކުރު ދުވަސް) އަކީ ދުނިޔޭގެ ހުރިހާ ތަނަކަށް އީދު ދުވަސް ފަކަމަށާއި، މިއަދު އެއްވެސް ދިވެއްސަކު ރޯދަ ނުހިފުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ލަފާ ދެއްވާފައިވާ ކަމަށެވެ.
"15 ޖޫން ވާ ހުކުރު ދުވަހަކީ ޝައްވާލް މަހުގެ އެއްވަނަ ދުވަސް ކަމުގައި އިސްލާމީ ހުރިހާ ގައުމުތަކަކުން ކަނޑައަޅާފައިވާތީ 15 ޖޫން 2018 ވާ ހުކުރު ދުވަހު ސްރީލަންކާގައި ދިރިއުޅުއްވާ ހުރިހާ ދިވެހި ރައްޔިތުންވެސް އީދުކުރުމަށް އިސްލާމިކް މިނިސްޓަރު ލަފާ ދެއްވާ،" މެސެޖުގައި ވެއެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ)ގައި މިއަދު ވަނީ ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކޮށްފައެވެ.
ސްރީލަންކާގައި ރޯދަ ހިފަން ފެށީ ދެ ދުވަސް ލަހުން ކަމަށް ވުމުން އިއްޔެއާ ހަމައަށް އެގައުމުގައި ހިފީ 28 ރޯދައެވެ. ނަމަވެސް ހަނދުމަހެއްގައި ހިމެނޭނީ 29 ނުވަތަ 30 ދުވަސް ކަމުގައި ވާންޖެހޭ އިރު، ރަމަޟާން މަހުގައި ވެސް އެންމެ މަދުވެގެން 29 ދުވަސް ހިމެނެން ޖެހެއެވެ. އެހެންކަމުން ސްރީލަންކާގައި 28 ރޯދަ ހިފައި، މިއަދު ފިތުރު އީދު ފާހަގަކުރާ ދިވެހީން ޝައްވާލް މަހުގެ ކޮންމެވެސް ދުވަހެއްގައި ރަމަޟާން މަހުގެ އެއް ރޯދަ ގަޟާއަށް ހިފުމަށް އިސްލާމިކް މިނިސްޓަރު ލަފާ ދެއްވިކަމަށް އެމްބަސީން ފޮނުވި މެސެޖުގައި ވެއެވެ.