ހަފްތާ ބަންދާއި ޗުއްޓީ ދުވަސްތަކަކީ މާލެ އާއި ހުޅުމާލެ އާއި ދެމެދު ކުރާ ދަތުރުތަކުގެ ޑިމާންޑު ބޮޑުވާ ދުވަސްތަކެކެވެ. ގިނަ ވަގުތު ކިއު ގައި ތިބެން ޖެހޭތީ އާންމުންގެ ޝަކުވާ ގިނަވުން ކުޑަކުރުމަށް އެމްޓީސީސީ އިން މިފަދަ ދުވސްތަކުގައި އިތުރު ފެރީތައް ބޭނުންކުރެއެވެ.
ފިތުރު އީދާ ދިމާކޮށް މި ރޫޓުގެ ދަތުރުތަކުގެ ބާރު ބޮޑުވާނެތީ އެކުންފުނިން ވަނީ މާދަމާ މާލެ އާއި ހުޅުމާލެ އާއި ދެމެދު ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފައެވެ.
މާލެ ސަރަހައްދުގައި އީދާ ދިމާކޮށް ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާއިރު އެ އަވަށުގައި ހުރި ގެސްޓް ހައުސްތަކަށްވެސް ވަނީ ބާރު ބޮޑުވެފައެވެ.
އެމްޓީސީސީ އިން ބުނީ މާލެ އާއި ހުޅުމާލެ އާއި ދެމެދު ކުރާ ދަތުރުތަކަށް މާދަމާ ބާރު ބިޑުވާނެތީ، އިތުރު ފެރީތައް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ހުޅުމާލެ އަށް ޒިޔާރަތްކުރާ ފަރާތްތަކުން ކުރިއާލާ ދަތުރރާވާ، ޓާމިނަލް އަށް އައުމަށްވެސް އެދިފައިވެއެވެ.
ފެރީގެ އިތުރުން ހުޅުމާލެ އާއި މާލެ އާއި ދެމެދު ދަތުރުކުރާ އެކްސްޕްރެސްގެ އިތުރު ދަތުރުތައް ބާއްވަންވެސް އެމްޓީސީސީ އިން ވަނީ ނިންމައިފައެވެ.
އެމްޓީސީސީ އިން ބުނީ މާދަމާ ހެނދުނު ހަތަކުން ފެށިގެން 8:15 އަށް ހުޅުލެ-ހުޅުމާލެ ޝަޓްލް ބަސް ފިޔަވައި މާލެ ސަރަހައްދުގައި އެކުންފުނިްދޭ ދަތުރު ފަތުރުގެ ހިދުމަތް އީދު ނަމާދަށް މެދުކަނޑާލާނެ ކަމަށެވެ.