ދެހާސް ދިހަވަނަ އަހަރުގެ ވޯލްޑް ކަޕުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކައްޗަކީ މެޗުތަކުން މޮޅުވާނެ ޓީމު ދިމާ ކުރުމަށް ޖަރުމަނުވިލާތުން ގެންގުޅުނު "ޕައުލް" ނަމަކަށްކިޔާ ބޯވައެވެ.
ޔޫރޯ 2008ގެ އިތުރުން ވޯލްޑް ކަޕްގައިވެސް ޖަރުމަނުގެ ގިނަ މެޗުތަކެއްގެ ސްކޯ ދިމާކުރި "ޕައުލް" އަކީ ސްކޯ ދިމާ ކުރުމުގެ ލެޖެންޑެކެވެ. "ޕައުލް" ވަނީ 2008 ވަނަ އަހަރުގެ ޔޫރޯއާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ކުޅުނު 13 މެޗަކުން 11 މެޗެއްގެ ސްކޯ ދިމާކޮށްފައެވެ. އޭގެ ތެރޭގައި ޔޫރޯ 2008 ވަނަ އަހަރުގެ ފައިނަލްގައި ސްޕެއިން އަތުން ޖަރުމަނު ބަލިވި މެޗާއި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ސްޕެއިން އަތުން ޖަރުމަނު ބަލިވި މެޗުން މޮޅުވާނެ ޓީމުވެސް "ޕައުލް" ވަނީ ދިމާކޮށްފައެވެ.
އޭގެ އިތުރުންވެސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުން މޮޅުވާނެ ޓީމުވެސް "ޕައުލް" ދިމާ ކުރިއެވެ. ލައިވް ޓީވީގައި ގިނަ މެޗުތަކެއްގެ ނަތީޖާތައް ދިމާކޮށް، ޖަރުމަނުގެ ތަރިކައެއްގެ ގޮތުގައި ބަލަމުން އައި "ޕައުލް" މަރުވެފައި ވަނީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. "ޕައުލް" މަރުވި އިރު، އޭނާއަށް ހާއްސަކޮށްގެން މޯބައިލް ފޯނު އެޕްލިކޭޝަނެއް ކަމަށްވާ "އާސްކް ޕައުލް" ކިޔާ އެޕްލިކޭޝަނެއްވެސް ޔޫޓޯޗް ލެބްސް ކިޔާ ކުންފުންޏަކުން ވަނީ ޑެވަލޮޕް ކޮށްފައެވެ.
މިރޭ ރަޝިއާގައި ފަށާ ވޯލްޑް ކަޕްގެ މެޗުތަކުން މޮޅުވާނެ ޓީމުތައް ދިމާ ކުރުމަށްވެސް އެގައުމުގައި ހާއްސަ ބުޅަލެއް ބޭނުން ކުރެއެވެ. "އެކިލީސް" ނަމަކަށް ކިޔާ އެ ބުޅަލަކީ ހާއްސަ ބާރުތަކެއް އެކުލެވޭ ބުޅަލެއް ކަމަށް ރަޝިއާގެ ގިނަ ބަޔަކު ބުނެފައިވާ އިރު، މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ގިނަ މެޗުތަކަކުން މޮޅުވާނެ ޓީމުވެސް "އަކިލީސް" ވަނީ ދިމާކޮށްފައެވެ.
"އެކިލީސް" އަކީ ރަޝިއާގެ ޕީޓާސްބާގުގެ ދާރުލްއާސާރެއްގައި ދިރިއުޅޭ ބުޅަލެކެވެ. އެ ބުޅަކީ އަޑު ނީވޭ ބުޅަލެއް ކަމަށްވުމުން، ނަތީޖާ ދިމާ ކުރުމަށް އިތުރު ފަރާތްތަކެއްގެ އުނދަގޫ ނުޖެހޭނެ ކަމަށް ބުޅާ ގެންގުޅޭ ފަރާތުން ބުނެއެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗެއްގެ ގޮތުން މިރޭ މުބާރާތް ބާއްވާ ގައުމު ރަޝީއާއާއި ސައުދީ އަރަބިއާ ވާދަކުރާ މެޗުން މޮޅުވާނެ ޓީމަކަށް "އެކިލީސް" ނިންމީ ރަޝިއާ ކަމަށެވެ. ދެ ތަށްޓަކަށް ކާ އެއްޗެހި އެޅުމަށްފަހު ބުޅާ ދޫކޮށްލުމުން، އޭނާ ގޮސް ފުރަތަމަ ކައިފައި ވަނީ ރަޝިއާ ދިދަ ޖަހައިފައިވާ ތަށްޓުންނެވެ.
"ޕައުލް"އާ ވާދަކުރުމަށް "އެކިލީސް" ނުކުމެފައިވާ އިރު، "ޕައުލް"ގެ ވަރުގަދަ ރެކޯޑު މުގުރާލުން ވެގެންދާނީ އުނދަގޫ ކަމަށެވެ.