ފައިސާގެ ބޮޑެތި އިނާމުތަކެއް ލިބޭ "އެމްޑަބްލިއުއެސްސީ ރީސައިކަލްސް" މިއަހަރުވެސް!

މިދިޔަ އަހަރު ބޭއްވި "އެމްޑަބްލިޔުއެސްސީ ރީސައިކަލްސް"ގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކުރުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

"ރިވެތި ރާއްޖެ، މަގޭ ރާއްޖެ" ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްޑަބްލިޔުއެސްސީއިން ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކުގެ ތެރެއިން މިއަހަރުވެސް "އެމްޑަބްލިއުއެސްސީ ރީސައިކަލްސް" މުބާރާތާއި މައުރަޒު ބާއްވަން ވަނީ ނިންމާފައެވެ.

މި މައުރަޒަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މައުރަޒެކެވެ. އެގޮތުން، ޕްލާސްޓިކްގެ އެކި ބާވަތްތައް ކަމުގައިވާ ޕްލާސްޓިކް ފުޅި، ޕައިޕު، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕާ އަދި ކޮތަޅު، ޝްރިންކް ފިލްމް އަދި ޕޮލިމާ ފަދަ ތަކެތި ބޭނުންކޮށްގެން އުފެއްދުންތަކެއް ތައްޔާރުކޮށް، އެތަކެތި ދައްކާލުމުގެ މައުރަޒެކެވެ.

އެމްޑަބްލިއުއެސްސީ ރީސައިކަލްސް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ.

މިދިޔަ އަހަރު މި މުބާރާތަށް ވަނީ ސްކޫލްތަކުންނާއި އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ހަމައެއާއެކު މި މައުރަޒަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީތަކެއް ހިމެނިގެން ކުރިއަށް ގެންދެވުނު މައުރުޒެއްކަމުން އެ ފަރާތްތަކުގެ އެއްބާރުލުމާއި ހުނަރުވެރިކަން މި މައުރުޒުން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.

މިއަހަރުގެ މައުރަޒު ދެ ކެޓަގަރީއަކަށް ބަހާލެވިފައިވެއެވެ. ކެޓަގަރީ އޭގައި ހިމެނެނީ 13 އަހަރުން ދަށް، 17 އަހަރުން ދަށް، 18 އަހަރުން މަތި އަދި ސްކޫލް ކެޓަގަރީތަކެވެ. ކެޓަގަރީ ބީއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ކެޓަގަރީއެވެ. އެ ކެޓަގަރީ ހަތް ބަޔަކަށް ބަހާލެވެއެވެ. އެއީ ފެނުމުގެ ނުކުޅެދުންތެރިކަން، އިވުމުގެ ނުކުޅެދުންތެރިކަން، ދަސްކުރުމުގެ ނުކުޅެދުންތެރިކަން، ޑައުން ސިންޑްރޯމް، އޯޓިޒަމް، އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައެވެ.

މައުރަޒުގެ ހުށަހެޅުންތައް ޖަޖުކުރާނީ އެކަމަށް ޚާއްސަވެފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މި ފަނޑޔާރުންގެ ޕެނަލްގައި ކުރެހުމާއި ފަންނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހިމެނެއެވެ.

މައުރަޒަށް ހުށަހެޅޭ އުފެއްދުންތައް ޖަޖުކުރުމުގައި އުފެއްދުންތަކުގެ ކޮންސެޕްޓް، އޮރިޖިނަލްކަން، މަސައްކަތުގެ ހުނަރު އަދި އުފެއްދުމުގެ ބޭނުންތެރިކަމަށް ބެލިގެންދާނެއެވެ.

މި މައުރަޒުގެ ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ފަރާތެއް ހޮވައި ކަނޑައެޅިފައިވާ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިވަނީ 20 ޖުލައި 2018 ގެ ނިޔަލަށް ހުޅުވާލެވިފައެވެ. "އެމްޑަބްލިޔުއެސްސީ ރީސައިކަލްސް" މުބާރާތާ ބެހޭ އިތުރު މައުލޫމާތު recycles.mwsc.com.mv ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް