ސާއިދު: ކުޅަދާނަ ނޫސްވެރިއެއް، އެންމެންގެ އެކުވެރިއެއް، އެދެނީ އެހީތެރިކަމަކަށް

ނޫސްވެރިޔާ ސާއިދު --- ފޮޓޯ/ މީސް މީޑިއާ

ގދ. ތިނަދުއަށް އުފަން އަތޮޅުގެ ފަހުރުވެރި ދަރިއެކެވެ. ޕީއެސްއެމްގެ ކުޅިވަރު ޓީމުގެ ހީވާގި ނޫސްވެރިއެކެވެ. ދިވެހިންގެ އެތައް ބައެއްގެ ކަންފަތްތަކަށް ފަސޭހަ ރޭޑިއޯ ކޮމެންޓްރީގެ އަޑުގެ ވެރިޔާ އެވެ. އެންމެންގެ ވެސް އެކުވެރި، އެންމެނާ ގުޅޭ މިޒާޖުގެ އަހެކެވެ.

ރާއްޖޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ، އުމުރުން 28 އަހަރުގެ ސާއިދު އަހުމަދުގެ ދެ ކިޑްނީ ފެެއިލްވެފައިވާކަން އެނގުނީ ކުއްލި ގޮތަކަށެވެ. މިދިޔަ ހޮނިހިރު ދުވަހު އޭޑީކޭއަށް ސާއިދު ޑޮކްޓަރަށް ދެއްކީ އިންފެކްޝަނެއް އުފެދިގެންނެވެ. އިންފެކްޝަނަށް ފަރުވާކުރުމަށް ހެދި ޓެސްޓްތަކުން އޭނާއަށް ލިބުނީ އަޑުއަހަން އުނދަގޫ ހަބަރެކެވެ. ދެ ކިޑްނީ ފެއިލްވެ މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރު ބުނުމާ އެކު، ކިޑްނީގެ ހާއްސަ ޑޮކްޓަރަކަށް ދައްކާ ސާއިދު ވަނީ އިތުރު ޓެސްޓްތައް ވެސް ހަދައިފަ އެވެ. އިތުރު ޓެސްޓްތަކާއެކު ވެސް އޭނާއަށް ލިބުނީ ހަމަ އެއް ޖަވާބެކެވެ.

ސާއިދު ކުޅިވަރު ނޫސްވެރިކަމުގައި --- ފޮޓޯ/ މީސް މީޑިއާ

ސަންއެފްއެމް އިން 2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދަކީ ފުޓުބޯޅަ ކޮމެންޓްރީގައި ފާހަގަކޮށްލެވޭ އަޑެކެވެ. ހާއްސަކޮށް ރޭޑިއޯ ކޮމެންޓްރީގައި ދެވަނައެއް ނެތް ހީވާގި ނޫސްވެރިއެކެވެ. ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ކުޅިވަރު ޕްރޮގްރާމްތައް ހުށަހެޅުމާއި، ހަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސާއިދު ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އޭނާއަކީ ކުޅިވަރު އާއިލާއަށް މުހިއްމު ފަރާތެކެވެ. ކުރިއަށް އޮތް ވޯލްޑް ކަޕަށް ޕީއެސްއެމް އިން ގެނެސްދޭ ހާއްސަ ކަވަރޭޖުގެ މުހިއްމު މޫނެކެވެ.

ކިޑްނީ ފެއިލްވެފައިވާކަން ސާއިދުއަށް އެނގުމާއެކު އޭނާގެ ފޭސްބުކުގައި ޖެހި ސްޓެޓަސްއަކާ އެކު ގިނަ ބަޔަކަށް ސުވާލުމާކެއް ގެނުވި އިރު، އޭނާ ފޭސްބުކްގައި ޖެހީ "ސަލާމަތް ސިއްހަތެއްގައި ލެއްވުމަކީ ހާދަ ބޮޑު ނިއުމަތެއް ނޫންތޯ..." މި ސްޓެޓަސް އެވެ. އެ ސްޓެޓަސްއާ އެކު ގިނަ ބަޔަކު އޭނާގެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ އިރު، އާއްމުންނަށް ސާއިދުގެ ހާލަތު އެނގުނީ ދެ ދުވަހެއް ކުރިންނެވެ.

ސާއިދަށް މަރާ ހަނގުރާމަ ކުރަން ޖެހިފައިވާކަން އެނގުމާއެކު މުޅި ކުޅިވަރު އާއިލާގެ އިތުރުން ސާއިދު ދަންނަ އެތައްބައެއް ފޭސްބުކާއި އެހެނިހެން މީސް މީޑިއާތަކުގައި އޭނާއަށް ހެޔޮ ދުއާކޮށް ޕޯސްޓް ކޮށްފައިވެ އެވެ. އަދި އޭނާއަށް އެހީވުމަށް ހާއްސަ ކެމްޕެއިނެއް ވެސް މިހާރު ކުރިއަށްދެ އެވެ.

ކިޑްނީގެ ފަރުވާތައް ސާއިދު ފަށައިފައިވާ އިރު، އޭނާ ބުނީ އެންމެ ބޭނުން ވަނީ އެންމެންގެ ހެޔޮ ދުއާކަމަށެވެ. ފަރުވާތައް ފެށި ނަމަވެސް ސާއިދުގެ ހާލަތުން ބޭސް އެކަނި ކައިގެން އޭނާ ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ލަފައެއް ނުކުރެ އެވެ. ކިޑްނީގެ ފަރުވާއަކީ ޑައިލިސިސް ނުވަތަ ކިޑްނީ ބަދަލު ކުރުން ކަމަށްވާ އިރު، ސާއިދު ކިޑްނީގެ ހާލަތު އިތުރަށް ބެލުމަށް އާދީއްތަ ދުވަހު ލަންކާއަށް ފުރަން ވަނީ ނިންމައިފަ އެވެ. ސާއިދު ބުނީ ލަންކާއަށް ގޮސް އިތުރު ޓެސްޓްތައް ހެދުމަށް ނިންމާފައިވާ ކަމަށާއި، ކިޑްނީ ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރަން ހުރި ކަމަށެވެ. އަދި މިހާރު ވެސް ގިނަ ބަޔަކު އޭނާއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ސާއިދު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

ސާއިދުއަށް އެހީވުމަށް ހާއްސަ ކެމްޕެއިންތައް ހިނގަމުންދާ އިރު، އޭނާއަށް އެހީވުމަށް ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ރުފިޔާ އެކައުންޓް: 7701175423101

ޑޮލަރު އެކައުންޓް: 7713225362101

ސަން އެފްއިން ނޫސްވެރިކަން ފެށި ޕީއެސްއެމްގެ ޖާނަލިސްޓް ސާއިދު --- ފޮޓޯ/ މީސް މީޑިއާ

ބޭނުން ކޮންމެ އެކައުންޓަކަށް ވެސް ފައިސާ ޓްރާންސްފާ ކުރެވޭނެ އެވެ. އަންބަކާއި ތިން އަހަރުގެ ދަރިއަކު ސާއިދުގެ އެބަހުއްޓެވެ. ސާއިދުގެ ފުރާނަ ސަލާމަތް ކުރުމަށް އޭނާ ކުރަމުންދާ ހަނގުރާމައަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވާށެވެ.

comment ކޮމެންޓް