މަޖިލީހުގެ ޖަލްސާތައް މިމަހު 25ގައި ފަށަނީ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި މަހުގެ ޖަލްސާތައް މިމަހު 25 ވާ ހޯމަ ދުވަހު ފަށަން ނިންމައިފި އެވެ.

މަޖިލިސް މަސް ދުވަހުގެ ޗުއްޓީއަކަށް ދިއުމަށް ފަހު ޖަލްސާތައް ފަށަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނަނީ މި މަހުގެ ފުރަތަމަ ހޯމަ ދުވަހު އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ފެށުން ލަސްވީ ރޯދަމަހާ ދިމާކޮށް ގިނަ މެމްބަރުން އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރަން ބޭނުން ވުމާއި ބައެއް މެމްބަރުން އުމުރާއަށް ވަޑައިގެން އުޅުއްވާތީ މެމްބަރުންގެ ފަސޭހައަކަށް ކަމަށެވެ.

އަދި މިހާރު ޖަލްސާ ބާއްވަން މިމަހުގެ 25 ވަނަ ދުވަސް ކަނޑައަޅައި އެކަން މެމްބަރުންނަށް އަންގާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުން މުހިންމު ކަންތައްތަކެއް އެދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެ އެވެ. އަދި އެ ކަންކަމުގެ ތަފްސީލު ފަހުން އާންމު ކުރާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް އަދި އެފަދަ ކަމެއް އެޖެންޑާގައި ނެތް ކަމަށް ނިހާން ވިދާޅުވި އެވެ. ނަމަވެސް ވަގުތު ޖެހުމުން އެކަންކަން ވެސް ވާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ މިދިޔަ ދައުރަކީ މަޖިލީހުގެ ހަޔާތުގައި ވެސް އެންމެ މަދުން ޖަލްސާ ބޭއްވި ދައުރެވެ. އެއީ 13 ޖަލްސާއެެވެ. އޭން އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ބައިވެރިވެފައެއް ނުވެ އެވެ.

comment ކޮމެންޓް