ނީސްގެ ކޯޗުގެ މަގާމަށް އާސެނަލްގެ ކުރީގެ ކެޕްޓަން ވިއެރާ

އާސެނަލްގެ ބޭންޑް އަޅައިގެން މުހިއްމު ކުޅުމެއް ދެއްކި ވިއެރާ --- ފޮޓޯ/ އޭޕީ

ފްރާންސްގެ އެއްވަނަ ޑިވިޝންގެ ނީސްގެ ކޯޗުގެ މަގާމަށް އާސެނަލަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، އެޓީމުގެ ކެޕްޓަންކަން ކުރި ޕެޓްރިކް ވިއެރާ ހަމަޖައްސައިފިއެވެ.

ކުރިން މެންޗެސްޓާ ސިޓީއާއި އިންޓަ މިލާން އަދި ޔުވެންޓަސްއަށްވެސް ކުޅުނު ވިއެރާ، މިދިޔަ ތިން ސީޒަންގައިވެސް ހޭދަކޮށްފައި ވަނީ އެމެރިކާގެ ނިއުޔޯކް ސިޓީގެ ކޯޗުގެ މަގާމުގައެވެ. އާސެނަލްގެ ކޯޗުކަމާ އުނައި އެމެރީ ހަވާލުވުމުގެ ކުރިން އާސެނަލްގެ ކޯޗުގެ މަގާމަށްވެސް ޝޯޓް ލިސްޓް ކުރެވިފައި އޮތް އުމުރުން 41 އަހަރުގެ ވިއެރާ މީގެ ކުރިން ސިޓީގެ ފުޓުބޯލް ޑެވަލޮޕްމަންޓް އެގްޒެކިއުޓިވްގެ މަގާމުވެސް އަދާކޮށްފައެވެ. އަދި ސިޓީގެ އެކަޑެމީގެ ކޯޗުގެ މަގާމުވެސް އޭނާ ވަނީ އަދާކޮށްފައެވެ.

ފްރާންސާއެކު 1998 ވަނަ އަހަރު ވޯލްޑް ކަޕްވެސް އުފުލާލި ވިއެރާ ބުނެފައި ވަނީ ނިއުޔޯކް ސިޓީ ދޫކޮށްލުމަކީ އޭނާ ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އަމިއްލަ ގައުމަށް އަނބުރާ ދިޔަ ނަމަވެސް އާއިލާއަށްވެސް މިއީ އުނދަގޫ ދުވަސްކޮޅެއް ކަމަށެވެ.

ނީސްއިން މި ސީޒަން ނިންމާލީ ފްރާންސް ލީގުގެ އަށް ވަނައިގައެވެ. އެޓީމަށް އަންނަ ސީޒަންގެ ޔޫރޮޕާ ލީގުވެސް ގެއްލިފައިވާ އިރު، ނީސްގެ ކޯޗުގެ ކަމުގެ މަގާމުގައި ވިއެރާ ފުރާނީ އެޓީމާ މިދިޔަ ސީޒަންގައި ހަވާލުވެހުރި ކޯޗު، ލޫސިއަން ފަވޭގެ މަގާމެވެ.

އުމުރުން 35 އަހަރުގައި ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކުރި ވިއެރާ އެންމެ ގިނަ ދުވަހު ހޭދަކުރި އެއް ކްލަބަކީ އާސެނަލެވެ. އާސެނަލްގެ ކޯޗުގެ މަގާމާ ހަވާލުވުމަށް ވިއެރާއަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ ބުނީ އޭރު ހުރީ ނިއުޔޯކާއެކު ކުރިއަށް ދިއުމަށް ކަމަށެވެ.

comment ކޮމެންޓް