އަންހެން ޑަބަލްސް ކެޓަގަރީން ނަބީހާއާއި ނަބާހާ ރިހިމެޑަލް ހޯދައިފި

ނަބީހާއާއި ނަބާހާ މިއަދު ކުޅުނު ފައިނަލް މެޗުގެ ތެރެއިން --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ އަންހެން ޑަބަލްސް ފައިނަލްގައި ކުޅެ ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާއާއި ފާތިމަތު ނަބާހާގެ ޕެއާއިން ރިހި މެޑަލް ހޯދައިފިއެވެ.

ނާބީހާއާއި ނަބާހާ ފައިނަލްގައި ވާދަކުރީ އިންޑިއާގެ ސިމްރާން ސިންހާއި ރިތިކާ ތަކާގެ ޕެއާއާއެވެ. މެޗުގެ ސެޓުތައް އިންޑިއާގެ ޕެއާއިން ގެންދިޔައީ 17-21 އަދި 14-21 އިންނެވެ.

މުބާރާތުގެ އަންހެން ޑަބަލްސް ކެޓަގަރީގެ އެއްވަނައަށް ސީޑު ކޮށްފައިވާ ދެ ކުޅުންތެރިންނަކީވެސް ރާއްޖޭގެ ނަބާހާއާއި ނަބީހާއެވެ. އެ ދެކުޅުންތެރިން ސެމީއަށް ދިޔައީ މޮރިޝަސްގެ ޕެއާ ބަލިކުރުމަށްފަހުގައެވެ.

ރޭ ކުޅުނު ސެމީ ފައިނަލް (ދެވަނަ ބުރުގެ) މެޗުގައި ނަބީހާއާއި ނަބާހާ ވާދަކުރީ މޮރިޝަސްގެ ޖެމީމާ ލިއުން ފޯ ސޭންގާއި ގަނޭޝާ މުންގުރާއާއެވެ. އެ މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ގެންދިޔައީ 21-18 އިންނެވެ. ދެވަނަ ސެޓު މޮރިޝަސްގެ ޕެއާއިން ގެންދިޔައީ 21-14 އިންނެވެ. ނަބީހާއާއި ނަބާހާއިން މެޗުން މޮޅުވި ސެޓު ގެންދިޔައީ ތަފާތު ބޮޑުކޮށް 21-8 އިންނެވެ.

މޮރިޝަސް ސީރީސްއަކީ ބީ ޑަބްލިއު އެފްގައި ހިމެނޭ ސީރީސްއެކެވެ. އެ މުބާރާތަށް ރާއްޖެ ވަނީ މިދިޔަ ހަތަރު އަހަރުވެސް ގޮސްފައެވެ. ރާއްޖެއަށް ބީ ޑަބްލިއު އެފް މުބާރާތަކުން ފުރަތަމަ ފަހަރު މެޑަލްއެއް ލިބުނީ މިދިޔަ އަހަރު މޮރިޝަސް ސީރީޒްގައެވެ.

މިދިޔަ އަހަރު މޮރިޝަސް ސީރީޒް އިން ރާއްޖެއަށް ދެ ކެޓަގަރީއަކުން ތިން މެޑަލް ލިބިފައިވާ އިރު، މެޑަލް ލިބިފައިވަނީ ރާއްޖޭގެ އަންހެން ޑަބަލްސްގެ ދެ ޕެއާ އަދި މިކްސް ޑަބަލްސް ޓީމަށެވެ. މިދިޔަ އަހަރު އަންހެން ޑަބަލްސް ކެޓަގަރީން ރާއްޖޭގެ ދެ ޕެއާއަކުން ލޯ މެޑަލް ހޯދި އިރު، އޭގެ ތެރެއިން އެއް ޕެއާއަކީ މިއަހަރު ރިހި މެޑަލް ހޯދި ނަބީހާއާއި ނަބާހާގެ ޕެއާއެވެ.

މޮރިޝަސް ސީރީޒްގެ ފައިނަލް މެޗުތައް މިއަދު ކުރިއަށްދާ އިރު، ރާއްޖެއިން ވަނީ މިކްސް ޑަބަލްސްގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. އެ މެޗު މިއަދު އޮންނަ އިރު، ރާއްޖޭގެ މުހައްމަދު ސާރިމް އަދި އައިމިނަތު ޝަހުރުނާޒްގެ ޕެއާ މިކްސް ޑަބަލްސް ފައިނަލްގައި ވާދަކުރާނީ މުބާރާތުގެ އެއްވަނައަށް ސީޑު ކޮށްފައިވާ މޮރިޝަސްގެ ޕެއާއާއެވެ.

comment ކޮމެންޓް