ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ޑިސްޓްރިކްޓުގައި އޮންނަ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަމުން އައި ހަމައެކަނި އެއާލައިނުން އެ އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލައިފިއެވެ.
މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ގާއިމުކުރި އެއާޕޯޓެކެވެ. އެ އެއާޕޯޓު ގާއިމުކުރީ ޗައިނާއިން ދިން ލޯނު އެހީގެ ދަށުންނެވެ.
މައްތަލަ އެއާޕޯޓަށް މިހާތަނަށް ދަތުރުކުރަމުން އައީ ފްލައިދުބާއީއިންނެވެ. ނަމަވެސް އެ އެއާލައިނުން ވަނީ މައްތަލަ އެއާޕޯޓުން ކުރާ އެންމެ ފަހު ދަތުރު، ހުކުރު ދުވަހު ކޮށްފައެވެ.
ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްއިން 2015 ވަނަ އަހަރު އެ އެއާޕޯޓާށް ދަތުރުކުރުން ހުއްޓާލިއެވެ. ސްރީލަންކަންއިން ބުނީ އެ ދަތުރުތައް ހުއްޓާލުމާ ގުޅިގެން އަހަރަކު 18 މިލިޔަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
މައްތަލަ އެއާޕޯޓު ހަދާފައިވަނީ ވަލު ޖަނަވާރު ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދެއްގެ މެދުގައެވެ. އަދި ދުރު ރާސްތާއަށް ހިޖުރަކުރާ ދޫނިސޫފާސޫފި އުދުހޭ ރޫޓަކާ ދިމާލުންނެވެ. ދެހާސް ތޭރަވަނަ އަހަރު މައްތަލަ އެއާޕޯޓު ހުޅުވި ފަހުން، އެކި ފަހަރު މަތިން އެއާކްރާފްޓުތަކުގައި ދޫނި ޖެހުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އަދި އެ ސަރަހައްދުގައި އުޅޭ ފުއްލާ އަދި އެތް ފަދަ ޖަނަވާރު އެއާޕޯޓު ތެރެއަށް ވަންނާތީ އެތަކެތި ފެއްސުމަށް މީގެ ދެ ތިން އަހަރު ކުރިން ސްރީލަންކާގެ އަސްކަރިއްޔާވެސް ވަނީ އެ ސަރަހައްދަށް ނެރެފައެވެ.
ގާތްގަނޑަކަށް 210 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ހެދި މި އެއާޕޯޓުގައި 550 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އިރު، މުވައްޒަފުންނަށް މުސާރަ ދެވޭ ވަރަށް ވެސް އެ އެއާޕޯޓަށް އާމްދަނީއެއް ނުލިބެއެވެ.
މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރަމުން އައި ހުރިހާ އެއާލައިނަކުން ދަތުރުތައް ހުއްޓާލި ނަމަވެސް، އެމަޖެންސީގައި ބޭނުންކުރާ އެއާޕޯޓެއްގެ ގޮތުގައި އެތަން އޮޕަރޭޓުކުރާނެއެވެ.