ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ، މިއަދަށް ތާވަލް ކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
ރިޔާޒުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުވެއެވެ.
ދައުލަތުން ރިޔާޒުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއެވެ.
އެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލީ މިދިޔަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަގުން އޭނާ ހައްޔަރުކޮށް، ފޯނު ހިފަހައްޓައި ޗެކްކުރުމުން އެއިން ދައުލަތުގެ މުވައްޒަފަކާ ރިޔާޒާ ދެމެދު ދެކެވިފައިވާ ވާހަކަތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ގާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެ މަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ދައުލަތުގެ މުވައްޒަފަކާ އެކު މުވާސަލާތެއް ހިންގުމަކީ ކުށެކެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.