ނަބީލް ފެކީރް ލިވަޕޫލަށް ނުދާނެ، އަންނަ ސީޒަންގައިވެސް ފެންނާނީ ލިޔޯންއިން!

ލިޔޯންގެ ކެޕްޓަން ނަބިލް ފެކީރް --- ފޮޓޯ/ އޭއެފްޕީ

ޔޫރަޕް ފުޓުބޯޅައިގެ ޓްރާންސްފާ މާކެޓް ހަލަބޮލިވަމުން އަންނަ އިރު، މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ފްރާންސްގެ ކްލަބު، ލިޔޯންގެ ކެޕްޓަން ނަބީލް ފެކީރް ލިވަޕޫލަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތަކެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުން ލިވަޕޫލަށް ބަދަލުވުމަށް ދެ ކްލަބުގެ އިތުރުން ފެކީރާއި ލިވަޕޫލާ ދެމެދުވެސް އެއްބަސްވުމަކަށް ވަނީ އައިސްފައެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން މީޑިއާތައް ރިޕޯޓްކޮށްފައި ވަނީ 60 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން ފެކީރް ލިވަޕޫަލަށް ދިއުމަށް ތައްޔާރު ކަމަށެވެ.

އުމުރުން 24 އަހަރުގެ ފެކީރް ވަނީ މިދިޔަ ސީޒަންގައިވެސް ލިޔޯންއާއެކު މޮޅު ކުޅުމެއް ދައްކައިފައެވެ. ހާއްސަކޮށް ލިވަޕޫލަށް ފަބީނިއޯ ގެނައުމަށްފަހު އެޓީމުގެ ކޯޗު ޔާގަން ކްލޮޕްގެ އެންމެ ބޮޑު ޓްރާންސްފާ ޓާގެޓަކީވެސް ފެކީރްއެވެ.

ލިޔޯންއިން އިއްޔެ ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ލިވަޕޫލާއެކު އެއްބަސްވުމަކަށް އާދެވިފައި އޮތް ނަމަވެސް އަންނަ ސީޒަންގައިވެސް ކްލަބުގެ ކެޕްޓަން އެ ޓީމުން ފެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ލިވަޕޫލާއެކު ކުރިއަށް ގެންދިޔަ ހުރިހާ މަޝްވަރާތައް ނިމުމަކަށް ގެނެސްފައިވާ ކަމަށްވެސް ކްލަބުން ބުނެއެވެ.

މީޑިއާތައް ބުނާ ގޮތުން ފެކީރް ވަނީ ލިވަޕޫލާއެކު މެޑިކަލް ފުރިހަމަ ކުރުމަށްވެސް ތައްޔާރުވެފައެވެ. މިވަގުތު ފްރާންސްގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ފެކީރް ވަނީ ފްރާންސުން އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުގައި އެމެރިކާއާ ދެކޮޅަށްވެސް ފެކީރް ވަނީ ކުޅެފައެވެ.

ލިޔޯންގެ ޔޫތު ސިސްޓަމްގެ އުފެއްދުމެއް ކަމަށްވާ ފެކީރް އެޓީމާއެކު ފުރަތަމަ ފަހަރަށް ސީނިއާ މެޗެއް ކުޅުނީ 2013 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބާއެކު 153 މެޗު ކުޅެ 57 ގޯލްވެސް ޖަހައިފައެވެ.

comment ކޮމެންޓް