އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅެ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން ޕޮއިންޓެއް ހޯދި ނަމަވެސް އެޓީމަށް ގަދަ ހައެއްގެ ޖާގަ ގެއްލި، ރެލިގޭޝަން ޕްލޭ އޯފް ކުޅެން ޖެހިއްޖެއެވެ.
މިރޭގެ ނަތީޖާއާއެކު ކްލަބު ގްރީން ސްޓްރީޓްސްއަށް ގަދަ ހައެއްގެ ފަހު ޖާގަ ޔަގީން ވެފައިވާ އިރު، ރެލިގޭޝަން ޕްލޭ އޯފް ކުޅެން ޖެހޭނީ ތާވަލުގެ ފުލުގައި އޮތް ކްލަބު ވެލެންސިއާއި ޔޫވީއެވެ. ދެން ރެލިގޭޝަން ޕްލޭ އޯފްގައި ކުޅޭނީ ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމު، ޖޭޖޭ ސްޕޯޓްސް ކްލަބެވެ. އެ ތިން ޓީމުގެ ތެރެއިން އަންނަ އަހަރު މާލޭ ލީގު ކުޅޭނީ ކޮންމެވެސް އެއް ޓީމެކެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ އީގަލްސްއާއި ޔޫވީ ވާދަކުރި މެޗު ނިމުނީ 2-2ގެ ނަތީޖާއަކުންނެވެ. ގަދަ ހައެއް ޔަގީންވެ ކުރިއަށް އޮތް ޕްރިމިއާ ލީގުގެ ޖާގައެއް އީގަލްސްއަށް ޔަގީންވެފައި އޮތް އިރު، މިރޭގެ މެޗަށް އެޓީމު ނުކުތީ ސަސްޕެންޝަނުގައި ހުރި ޓީމުގެ ކެޕްޓަން، ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާއާއި އަނިޔާގައިހުރި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ވެސް ނުލައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ އީގަލްސްއިންނެވެ. އެހެން ނަމަވެސް ކައުންޓާ އެޓޭކް ފުރުސަތުތަކުގައި ޔޫވީގެ ބިދޭސީ ފޯވަޑް ސެމިއުލް ކޯޑޭލްގެ ނުރައްކާ ފާހަގަކޮށްލެވުނެވެ.
މެޗުގެ ހަ ވަނަ މިނެޓުގައި އީގަލްސްގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައެވެ. އަރިމަތިން ހަސަން ރާއިފް (ހަންނަ) ނަގައިދިން ހުރަސް އިބްރާހީމް މުބީން (މުއްކި) ކުރިއަށް ފޮނުވާލި އިރު، ހަމަލާގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް)އެވެ. އަދި އެ ހަމަލާގެ ރީބައުންސް ބޯޅަވެސް މުއްކި ފޮނުވާލި އިރު، އެ ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެެ ދެ މިނެޓްފަހުން އީގަލްސްއިން ލީޑު ނެގިއެވެ. ފޯވަޑް ލުއިޒް އެޑުއާޑޯގެ ބޯޅައަކުން އެޓީމަށް ލީޑު ނަގައިދިނީ ޖުމައިލް ޖަމީލެވެ.
ލީޑު ނެގުމަށްފަހުވެސް އީގަލްސްގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިފައިވެއެވެ. އެގޮތުން ޖުމައިލް ޖަމީލަށް ހުސް ފުރުސަތެއް ލިބިފައިވާ އިރު، އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު ޓޮޕްލަކެވެ. އޭގެ އިތުރުންވެސް މެޗުގެ ފުރަތަމަ ހާފްގައި ޓޮޕްލަކުގެ ދެ ސޭވްއެއް ފެނިގެންދިޔައެވެ. އެޑުއާޑޯ ހުސްކޮށް އޮވެ ފޮނުވާލި ހަމަލާއެއްގެ އިތުރުން އޭނާގެ ހިލޭ ޖެހުމުގެ ހުރަހަކަށްވީވެސް ޓޮޕްލަކެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ޔޫވީން ނަތީޖާ ހަމަހަމަ ކުރިއެވެ. އީގަލްސްގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި، ޔޫވީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސެމިއުލް އެވެ. ސެމިއުލްގެ ގޯލްގެ އިތުރުންވެސް ފުރަތަމަ ހާފްގައި އޭނާގެ އިތުރު ހަމަލާއެއްވެސް ފެނިގެންދިޔައެވެ. އެ ހަމަލާގެ ހުރަހަކަށްވީ އީގަލްސްގެ ގޯލް ބަލަހައްޓަމުން ދިޔަ މިފްދާދު އަހުމަދެވެ. މެޗުގެ ދެވަނަ ހާފްގައި މިފްދާދަށް އަނިޔާވެ އީގަލްސްގެ ތިން ވަނަ ކީޕަރު ޖިނާހު ހާރޫންވެސް ވަނީ ކުޅެން ނުކުމެފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި އީގަލްސްގެ އިތުރު ހަމަލާތަކެއްވެސް ފެނިގެން ދިޔައެވެ. އެޑުއާޑޯއަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދިޔަ އިރު، ރިޒުވާން އަހުމަދު (ރިޒޭ)ގެ ހަމަލާވެސް ދިޔައީ ބޭރުންނެވެ.
މެޗުގެ ދެވަނަ ހާފްވެސް އީގަލްސްއިން ވަރުގަދަކޮށް ފެށި އިރު، 48 ވަނަ މިނެޓުގައި ރިޒޭ ފޮނުވާލި ރީތި ބޯޅަ އަރިމަތިން ބޭރުކޮށްލީ ޔޫވީގެ ކީޕަރު ޓޮޕްލަކު އަތުން ޖައްސައެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ހައްނަގެ ގޯލުން އީގަލްސް ދެވަނަ ފަހަރަށް ލީޑު ނެގި އިރު، އެގޯލަށް މާ ގިނަ އިރެއް ނުވެ، ޔޫވީން ނަތީޖާ ހަމަހަމަ ކުރިއެވެ. ޔޫވީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު އަލީ ޝަރީފު (އައްޔަ) އެވެ.
މެޗު ނިމެން ދަނިކޮށްވެސް އީގަލްސްއަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެޑުއާޑޯގެ ހުރަހަކަށް ނާއިމް ހުސްކޮށް އެރި ނަމަވެސް، އޭނާ ފައިގައި ބޯޅަ ލައްވާ ނުލާ ދިޔަ އިރު، އެޑުއާޑޯއަށް ލިބުނު ފުރުސަތުވެސް އޭނާއަށް ބޭނުންކުރެވޭ ގޮތެއް ނުވިއެވެ.
މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު އީގަލްސްއަށް 13 މެޗުން ލިބެނީ 22 ޕޮއިންޓެވެ. ދެވަނައިގައި އޮތް މާޒިޔާއަށް 13 މެޗުން 24 ޕޮއިންޓް ލިބޭ އިރު، އީގަލްސް އޮތީ ތިން ވަނައިގައެވެ. ހަތަރު ވަނައިގައި ޓީސީ އޮތީ 13 މެޗުން 19 ޕޮއިންޓާއެކުގައެވެ. ކޮންމެ ޓީމަކަށްވެސް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ.
ޔޫވީއަށް ގަދަހައެއްގެ ފުރުސަތު ގެއްލިފައިވާ އިރު، ހަތް ވަނައިގައި ޔޫވީ އޮތީ 13 މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ހަވަނައިގައި އޮތް ގްރީންއަށް 12 މެޗުން 14 ޕޮއިންޓް ލިބިފައިވެއެވެ.
މާލޭ ލީގުގެ މެޗެއް ދެން އޮންނާނީ ހޯމަ ދުވަހުގެ ރޭގައެވެ. ކުރިން އޮތްގޮތުން މާދަމާ ރޭ މެޗު އޮތް ނަމަވެސް، އެފްއޭއެމްއިން މިއަދު ވަނީ އެ މެޗު ހޯމަ ދުވަހުގެ ރެއަށް ބަދަލުކޮށްފައެވެ. ހޯމަ ދުވަހުގެ ރޭ 10:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު ވެލެންސިއާއާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.