ހުޅުމާލޭގައި މިރޭ އެކްސިޑެންޓެއް ހިނގައި އެކެއްގެ ހާލު ސީރިއަސް

ހުޅުމާލޭގެ މަގެއް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިންމީހަކަށް އަނިޔާވެ އެކެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ މީޑީއާ އޮފިޝަލް އާޝިޔާ ސާލިހް "ސަން" އަށް ވިދާޅުވީ، ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ފިރިހެނުންނަށް އަނިޔާވެެގެން 09:20 އެހައިކަންހާއިރު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

އަނިޔާވި މީހުންގެ ތެރޭގައި 18 އަހަރުގެ ޒުވާނެއް ވެސް ހިމެނޭ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ''ސަން'' އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް އެ ހިސާބުގަނޑުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ހިނގަފައި ދިޔަ މީހާއަށް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ސީރިއަސް އަނިޔާ ލިބުނު މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އަނިޔާވި އިތުުރު މީހަކު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް