ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޒަކާތް ބެހުމުގެ ކަންތައް ކުރިއަށްގެންދަނީ --- ފޮޓޯ/ އިސްލާމިކް އެފެއާޒް

ފައިސާގެ ބަދަލުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި އިސްލާމިކް މިނިސްޓްރީން އިއްޔެ ޝާއިއު ކުރި އިއުލާނެއްގައި ބުނީ ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މިއަދުން ފެށިގެން ބުދަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ބަލައިގަންނާނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން ކަމަށާއި އަދި އެ ބާވަތަކުން ދައްކަން ޖެހޭނީ 2.4 ކިލޯ ކަމަށެވެ.

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 12:00 އަށް، މެންދުރު 13:00 އިން ހަވީރު 14:30އަށް އަދި
ރޭގަނޑު 20:30 އިން 22:30 އަށެވެ.

ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތައް އަންނަ ބުދަ ދުވަހު ބަހަން ފަށާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް