ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމަށްވާ އީޕީއެސް ނުވަތަ މިހާރުގެ ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން، ރަންޔޫބީލް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ.
އީޕީއެސްގެ ރަންޔޫބީލް ފާހަގަކުރުމާ ބެހޭ ގޮތުން މައުލޫމަތު ދިނުމަށް މިއަދު ބިލަބޮންގް ސްކޫލުގައި ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އީޕީއެސް ފައުންޑޭޝަންގެ ރައީސް އަލީ ޝަމީމް ވިދާޅުވީ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތަކީ މި މަހު 27 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ފެންވަރުގެ ޖަލްސާ ކަމަށެވެ.
އޭނާ ވިދާޅުވީ ދަރުބާރުގޭގެ ރަންޑަބަޑޭރި މާލަމުގައި ޖަލްސާ ބޭއްވުމަށް މަޝްވަރާތައް ކުރަމުން އަންނަ އިރު އެ ޖަލްސާގައި އެ ސްކޫލުގެ ތާރީޚް އެނގިގެންދާނެ ގޮތަށް ތައްޔާރުކުރާ ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް އަޅުވާނެ ކަމަށެވެ.
ސްކޫލުގެ ފައުންޑަރުންނާއި ގިނަ ދުވަހު ސްކޫލަށް ހިދުމަތްކުރެއްވި ޓިީޗަރުންނާއި މުވައްޒަފުންގެެ އަގު ވަޒަން ކުރުމުގެ އިތުރުން ރަންޔޫބީލްގެ މަޖައްލާ އަދި ޅެންކިޔުން ވެސް އެރޭ ކުރިއަށްދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން އަންނަ އޯގަސްޓް މަހުގެ 10 އަކުން 12 އަށް ނޭޝަނަލް އާޓް ގެލެރީގައި ފޮޓޯ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މައުރަޒުގައި ބައިވެރިކުރާ ފޮޓޯތަކުން އީޕީއެސްގެ ހަޔާތް، ތާރީޚު އަދި މާޒީ ރަނގަޅަށް ދައްކުވައިދޭނެ ކަމަށެވެ.
އޭގެ އިތުރުން ޓެލެންޓް ޝޯ އަކާއި ލަވަ އަލްބަމެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލަވަ އަލްބަމް ނެރެވިގެންދާނެ މި އަހަރު ނިމުމުގެ ކުރިން. ޑިނާ ނައިޓް އެއް ވެސް ބާއްވާނެ. އެއީ ހަރަކާތްތައް ހިންގުމަށް ފަންޑްރައިޒް ކުރުމަށް. ދުއިސައްތަ ފަންސާސް ރުފިޔާ އަށް ޓިކެޓް ލިބިވަޑައިގަންނަވާނީ،" ޝަމީމް ވިދާޅުވި އެވެ.
އީޕީއެސްގެ ވެބްސައިޓް އަކީ އީޕީއެސް.ސްކޫލް އެވެ.
އީޕީއެސްގެ އަހަރީ ދުވަހަކީ 21 ޖޫން އެވެ.
އެކާވީސް ޖޫން 1968ގައި ހުޅުވި އީޕީއެސް ސްކޫލުން ވަނީ ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުން ތައުލީމް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ މިހާރުގެ މުހިންމު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނެ އެވެ.