ގޮނޑި ނާކާމިޔާބުވިޔަސް މުހިންމު މައްސަލަތަކުގައި އަދިވެސް ވަކާލާތު ކުރާނަން: ރާއްޖެ

އދ. ގެ ސަލާމަތީ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލައި ނާކާމިޔާބުވި ނަަމަވެސް މުހިންމު މައްސަލަތަކުގައި އަދިވެސް ވަކާލާތު ކުރާނެކަމަށް ރާއްޖެއިން ބުނެފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި، އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރި އިންޑޮނޭޝިއާ އާއި، އދ. ގެ ސަލާމަތީ މަޖިލީހަށް އަލަށް އިންތިޚާބުވި ގައުމުތަކާއެކު ބައިނަލްއަގުވާމީ މައްސަލަތަކަށް ވަކާލާތު ކުރުމުގައި، ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީން ވަނީ އަރުވާފައެވެ.

ރާއްޖެއިން މިރޭ ނެރުނު ބަޔާނުގައި، ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ސަލާމަތީ މަޖިލީހުގެ ދިގު ތާރީހުގައިވެސް ލިބިފައިވަނީ މަދު ފުރުސަތުތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.

"އ.ދ. ގެ 72 އަހަރުވީ ދިގު ތާރީޚުގައި، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހަށް އިންތިޚާބު ވެފައިވަނީ، ކުދި އަދި ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެންމެ އަށް ގައުމެވެ. ދުނިޔޭގެ ސުލްޙައާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް ވަކާލާތުކުރަން، ކުދި ޤައުމުތަކަށް ފުރުސަތު ނުލިބުމަކީ ރާއްޖޭން ހިތާމަކުރާ ކަމެކެވެ. ނަމަވެސް ރާއްޖެއާއި ރާއްޖެފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ދެކޮޅަށް ވަކާލާތު ކުރުމުގައި، ރާއްޖޭން އިސްދައުރެއް އަދާކުރަމުން ގެންދާނެއެވެ." ރާއްޖެއިން ނެރުނު ބަޔާނުގައި ވެއެވެ.

ރާއްޖެއިން ބުނީ އައު ޚިޔާލުތަކާއި އީޖާދުތަކާ އެކު، ބައިނަލްއަޤްވާމީ މުޖުތަމައުއާއި އިތުރަށް ގުޅުން ބަދަހިކުރުމުގައި ރާއްޖެ އަދިވެސް ދެމިއޮންނާނެ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވި ނާކާމިޔާބަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ވާދަކުރުމަށް އެހެން ކުދި ގައުމުތަކުން ފަސްޖެހެން ޖެހޭނެ ސަބަބަކަށް ވެގެން ނުވާނެ ކަމަށެވެ.

ގައުމުގެ ކުޑަބޮޑު މިނަށް ނުބަލައި، އެ ގައުމަކުން ދުނިޔޭގެ ސުލްހައާއި ސަލާމަތަށް ކޮށްފައިވާ އަގުހުރި މަސައްކަތްތައް ވަޒަންކޮށް، އދ. ގެ ހުރިހާ މެމްބަރު ގައުމަކަށްވެސް ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ކުރުމުގެ ހަމަހަމަ ފުރުސަތުތައް މުސްތަގުބަލުގައި ގާއިމްވެފައި އޮންނާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ރާއްޖެއިން ބުންޏެވެ.

comment ކޮމެންޓް