ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވޭނެ، ތާއީދު އެބައޮތް: ޝައިނީ

ސެކިއުރިޓީ ކައުންސިލްގެ ގޮނޑީގެ ކެމްޕެއިނުގެ މަސައްކަތުގެ ތެރެއިން ---

އދ. ގެ ސަލާމަތީ މަޖިލީހުގެ އިންތިޚާބު މާދަމާ އޮންނަ އިރު، ރާއްޖެއިން ކުރިމަތިލާފައިވާ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ މިރޭ ވިދާޅުވީ ރާއްޖެ ގަޑިން މާދަމާރޭ 7:30ގައި ނަގާ ވޯޓުގައި ރާއްޖެއިން ކާމިޔާބު ހޯދާނެ ކަމަށާއި ގައުމުތަކުގެ ތާއީދު ރާއްޖެއަށް އެބައޮތް ކަމަށެވެ.

ސެކިއުރިޓީ ކައުންސިލްގެ ގޮނޑީގެ ކެމްޕެއިނުގެ މަސައްކަތުގެ ތެރެއިން ---

"މިހާރުވެސް ކެމްޕެއިން ކަންތައް ކުރިއަށް މިދަނީ. ވަރަށް ޔަގީންކަން އެބައޮތް މި ގޮނޑި ރާއްޖެއަށް ކާމިޔާބުވާނެ ކަމުގެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ގޮނޑި ކާމިޔާބު ކުރުމަށް ސަލާމަތީ މަޖިލީހުގެ ތިންބައިކުޅަ ދެބައި ގައުމުގެ އާނ ބަސް ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ގޮނޑި ރާއްޖެއަށް ކާމިޔާބުވިޔަ ނުދިނުމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި މިނިސްޓަރު ޝައިނީ ވިދާޅުވީ އޭގެ ސަބަބުން ވޯޓަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަމަށެވެ.

"އެބޭފުޅުން ވަރަށް ބޮޑު އެންޓި ކެމްޕެއިނެއް ޖައްސާފައި އޮތީ. އޭގެ ސަބަބުން އަޅުގަނޑުމެންނާ އެއްކޮޅަށް ވޯޓް ދޭން ތިބި ގައުމުތަކުގެ ވޯޓުވެސް ގެއްލިފައި އޮއްވައި، އަޅުގަނޑުމެން ކުރި މަސައްކަތުން ބައެއް ގައުމުތަކުގެ ނިންމުން އަޅުގަނޑުމެންނާ އެއްކޮޅަށް ބަދަލުވާނެ ކަމުގެ އުއްމީދު އެބައޮތް،"

ސެކިއުރިޓީ ކައުންސިލްގެ ގޮނޑީގެ ކެމްޕެއިނުގެ މަސައްކަތުގެ ތެރެއިން ---

މިނިސްޓަރު ޝައިނީ ވިދާޅުވީ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖެއިން ވައުދުވެފައިވާ ގޮތަށް ކުދި ގައުމުތަކުގެ އަޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރް އަދި ނިއު ޔޯކުގައި ހުންނަ މިޝަންގެ މަސައްކަތް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަކުރަނީ އަންނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އޮންނަ ދައުރަށެވެ. މިއީ އެ މަޖިލީހުގެ މެމްބަރު ކަމަށް ރާއްޖެ ވާދަކުރާ ފުރަތަމަ ފަހަރެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ތިބެނީ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތެވެ.

comment ކޮމެންޓް