ބޯޓު ނެރަށް އުރުނީ ނެރަށް ނުވަންނަން ކައްޕިއަށް އަންގާފައި އޮއްވާ!

ނިޔާމަ ބޯޓު ގުރައިދޫ ނެރަށް އަރާފައި--ފޮޓޯ: މީސްމީޑިއާ

"ނިޔާމަ" ބޯޓު މުދާ އުފުލުމުގައި ހޭދަކުރާތާ މިއީ 30 ވަނަ އަހަރެވެ. ގދ. ތިނަދޫއަށް ނިސްބަތްވާ މި ބޯޓަކީ، ތިނަދޫގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވެސް މުދާއުފުލާ ބޯޓެކެވެ.

ނިޔާމަ ބޯޓު މިވަނީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި ތ. ގުރައިދޫ ނެރަށް އަރައިފައެވެ. އެ ހާދިސާ އެނގޭ މީހެއް ކަމަށްވާ ސަމަދު (އަސްލުނަމެއް ނޫން) ބުނީ އެ ހާދިސާ ހިނގިއިރު އެ ދަތުރުކުރަމުން ދިޔައީ މާލެއިން ފުރައިގެން ތިނަދުއަށް ކަމަށެވެ.

ނެރަށް އެރި ބޯޓުން ބައެއް މުދާތައް ސަލާމަތްކުރުމުގެ މަސައްކަތް ގުރައިދޫ ރައްޔިތުން ކުރަނީ-- ފޮޓޯ: މީސް މީޑިއާ

"އިންޖީނު މާ ބޮޑަށް ހޫނުވެގެން ތ. ގުރައިދޫ ކައިރިއަށް މަޑުކުރީ. ގުރައިދޫ ނެރަކީ ވަރަށް ނުރައްކާތެރި ނެރެއް. ގަދަވެއްޖިއްޔާ ވަރަށް ގަދަވާނެ. ކައްޕި ކައިރީގައި އޭރުވެސް ބުނިން ނެރަށް ނުވަންނާށޭ. ދެން އެވަގުތަކީ ވަރަށް ކޮޅިގަނޑު ގަދަ ވަގުތެއް. ހީވަނީ އޭނާ އެވަގުތު ބިރުގެންފަ ހުރިވަރުންހެން ނެރަށް ވަނީހެން،" ސަމަދު ކިޔައިދިނެެވެ.

ސަމަދު ބުނީ އެ ހާދިސާ ހިނގީ އިއްޔެރޭ ފަތިހު 05:30 ކަންހާއިރު ކަމަށާއި އެ ހާދިސާ ހިނގިއިރު ބޯޓުގައި ވަރަށް ބައިވަރު މުދާ ބަރުކޮށްފައި ހުރި ކަމަށެވެ.

" އޭގައި އުޅޭނެ ތީނަދޫ މީހުން ގެދޮރު ހަދަން ގެންނަން ހުރި އެއްޗެތިވެސް. ވަރަށް މަދު އެއްޗެއް ސަލާމަތް ވީ. ސަލާމަތް ވީ މަތީގައި ހުރި އެއްޗެތި އެކަނި. ތިން މިލިއަން ރުފިޔާގެ ގެެއްލުން ލިބުނު ކަަމަށެ ބެލެވޭ." ސަމަދު ބުންޏެވެ.

ނެރަށް އެރި ބޯޓުން ބައެއް މުދާތައް ސަލާމަތްކޮށްފައި-- ފޮޓޯ: މީސް މީޑިއާ

ސަމަދު ބުނީ އެ ހާދިސާގައި ދޯންޏަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބުނު ކަމަށެވެ. އެގޮތުން ދޯނީގެ ދޮރުތަކާއި އެނޫންވެސް ބައެއް ތަންތަން ހަލާކުވެ، އިންޖީނަށްވެސް ދިޔައިގެ އަސަރުކޮށް އަދި ބޯޓުގައި ފަސްވަރަކަށް ލޯވަޅުވެސް އެޅިފައިވާ ކަމަށެވެ.

ނަމަވެސް ނަސީބަކުން ބޯޓު ވަނީ އިންޝުއަރެންސް ކޮށްފައެވެ. އެހެންކަމުން ބޯޓުން ލިބުނު ގެެއްލުންތަކުން އަރައިގަނެވޭނެ ކަަމަށް ބެލެވެއެވެ. އޭގެ އިތުރުން އެ ބޯޓުން ދަތުރުކުރި ތިން ދިވެހިންނާއި ބިދޭސީ ހަތް މީހުންނަށް އެއްވެސް އަނިޔާއެއް ނުވެއެވެ.

ބޯޓު ނެރަށް އެރި ރަށުގެ މީހުންގެ ހިތްހެޔޮކަމުގެ ވާހަކަ އަކީ ނުދައްކައި ދޫކޮށްލެވޭނެ ވާހަކައެއް ނޫންކަމަށް ސަމަދު ކިޔައިދިނެވެެ.

"މި ރަށަކީ ވަރަށް ތަފާތު ބައެއް އުޅޭ ރަށެއް. ވަރަށް އެއްބައިވަންތަ މީހުން ދިރުއުޅޭ ރަށެއް ގުރައިދޫ އަކީ. އެއޮއް ފަދަ ރަމަޟާން މަހުވެސް އެރަށުގެ މީހުން އުޅުނީ މުދާތައް ސަލާމަތް ކުރުމަށް. ބޯޓު ނެރަށް އެރިކަން އެނގުނުއިރަށް އެރަށުގެ މީހުން މުދާތައް ސަލާމަތް ކުރުމަށް ހެނދުނު ނުވަޔަކުން ފެށިގެން ހައެއް ޖަހަންދެން ވެސް މަސައްކަތް ކުރި. ދެން މިއަދުވެސް ހެނދުނު 8 އަކުން ހަވީރު ހަތަރަކަށް މަސައްކަތް ކުރި،" ސަމަދު ކިޔައިދިނެވެ.

ނިޔާމަ ބޯޓުގައި މުދާތައް ސަލާމަތްކުރުމަށް ގުރައިދޫގެ ރައްޔިތުން ހަރަކާތްތެރިވަނީ--- ފޮޓޯ: މީސްމީޑިއާ

ގުރައިދޫ މީހުންގެ އިތުރުން އެ އަތޮޅު މީހުންގެ ހިތްހެޔޮކަމުގެ ވާހަކަވެސް ސަމަދު ފާހަގަ ކުރިއެވެ. ސަމަދު ބުނީ އޮޔާ ދިޔަ ބައެއް ތަކެތި އެ އަތޮޅުގެ މީހުން އެމީހުންގެ ލޯންޗްތަކުގައި ގެނެސްދިން ކަމަށެވެ.

ސަމަދު ބުނީ، އެ ހާދިސާގައި ލިބުނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އަދި ހާދިސާގެ ހަބަރު ލިބުމާއެކު ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމަށެވެ. ނެރަށް އެރި ބޯޓުގެ މުދާތައް އަދިވެސް ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަމަދު ބުންޏެވެ.

comment ކޮމެންޓް