ބްރިޖްގެ މައި ތަނބުތައް ގުޅާލުމުގެ ފަހު މަރުހަލާ ފަށައިފި

ސްޓީލް ބޮކްސް ގާޑާ ބީމްސްތައް ތަނބުތަކާ ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ/ ހައުސިން މިނިސްޓްރީ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މައި ތަނބުތައް ގުޅާލުމުގެ ފަހު މަރުހަލާގެ މަސައްކަތް ފަށައިފި އެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ މިހާރު ކުރިއަށްދަނީ މައި ތަނބުތައް ގުޅާލުމުގެ ފަހުމަރުހަލާގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގެ ދަށުން ޗައިނާއިން ފެބްރިކޭޓް ކޮށްގެން ގެނައި "ސްޓީލް ބޮކްސް ގާޑާ ބީމްސް" ބްރިޖްގެ މައި ތަނބުތަކާ ގުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މައި ތަނބުތަކުގެ ތެރެއިން 21 ވަނަ ތަނބާއި 22 ވަނަ ތަނބު ގުޅުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ އެ މަސައްކަތް މިހިނގާ ޖޫން މަހުގެ 12 ވަނަ ދުވަހާ ހަމައަށް ނިންމާލެވޭނެ ކަމަށެވެ.

ބްރިޖް ނިންމުމުގެ ފަހު މަރުހަލާގެ މަސައްކަތް ފެށުނު އިރު އެ މަސައްކަތް ކުރިއަށް ދަނީ ހަލުވިކަމާ އެކު ޝެޑިއުލާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. އަދި ބްރިޖާ ގުޅޭ މަގުތަކުގެ މަސައްކަތް ވެސް ހައުސިން މިނިސްޓްރީން ދަނީ ހަލުވިކަމާ އެކު ކުރަމުންނެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގަ އެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް