އާޖެންޓީނާއިން އިސްރާއީލާ ދެކޮޅަށް ގުދުސްގައި ކުޅެން އޮތް މެޗު ކެންސަލް ކޮށްފި

ފަލަސްތީނުން ހާއްސަ މެސެޖެއް ދިނުމަށް ހަރުކޮށްފައިވާ ޕޯސްޓަރެއް --- ފޮޓޯ/ އޭއެފްޕީ

އާޖެންޓީނާ ގައުމީ ޓީމުން އިސްރާއީލާ ދެކޮޅަށް ކުޅެން ހަމަޖައްސާފައި އޮތް އެކުވެރިކަމުގެ މެޗު ކެންސަލް ކޮށްފައިވާ ކަމަށް އެގައުމުގެ ކުޅުންތެރިންނާއި ފެޑަރޭޝަނުން ބުނެފިއެވެ.

އާޖެންޓީނާއިން ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް އެކުވެރިކަމުގެ މެޗު ކުޅުމަށް ހަމަޖައްސާފައި އޮތީ، އިސްރާއީލުން ގަދަކަމުން ވެރިވެގެންފައިވާ މުސްލިމުންގެ މުގައްދަސް ބިމެއް ކަމަށްވާ އަލް އަގްސާގައެވެ.

އާޖެންޓީނާއިން މެޗަށް ތައްޔާރުވަމުން ދިޔަ އިރު، ފަލަސްތީނުގެ ރައްޔިތުންނާއި ގިނަ އަދަދެއްގެ މުސްލިމުން ވަނީ އެ މެޗު ބޮއިކޮޓްކޮށް، އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް އާޖެންޓީނާ ޓީމަށާއި، އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ގޮވާލައިފައެވެ.

އާޖެންޓީނާގެ ފުޓުބޯޅަ އިދާރާގެ ނައިބު ރައީސް ހޫގޯ މޮޔާނޯ ބުނެފައިވަނީ އާޖެންޓީނާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ނުރައްކާތެރި އިންޒާރުތައް އައިސްފައިވާ ކަމަށާއި، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގެ ތެރެއަށް ވަދެ އާޖެންޓީނާއިން މެޗެއް ކުޅުމަކީ މިވަގުތަށް އެގައުމުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އާޖެންޓީނާގެ ފޯވަޑް، ގޮންޒާލޯ ހިގުއައިން ބުނީ އާޖެންޓީނާގެ އެފްއޭއިން ނިންމި ނިންމުން ރަނގަޅު ކަމަށާއި، ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި މެޗު ކުޅުން ރަނގަޅު ނޫން ކަމަށެވެ.

ގުދުސްގައި ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖައްސާފައިވާ މެޗަކީ ވޯލްޑް ކަޕްގެ ކުރިން އާޖެންޓީނާއިން ތާވަލުކޮށްފައިވާ އެންމެ ފަހު އެކުވެރިކަމުގެ މެޗެވެ. އާޖެންޓީނާއިން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިމަހު 16 ވަނަ ދުވަހު ނުކުންނާނީ އައިސްލޭންޑާ ދެކޮޅަށެވެ.

comment ކޮމެންޓް