ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚު ބުރާސްފަތި ދުވަހު އިއުލާނުކުރަނީ

އިލެކްޝަންސް ކޮމިޝަނުގެ ތިން މެމްބަރެއް --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާ ތާރީޚު ކަނޑައަޅައިފި ކަމަށާއި، ބުރާސްފަތި ދުވަހު އެ ތާރީޚު އިއުލާނުކުރާނެކަމާށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަނުގެ މެމްބަރުންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އޮތީ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ސަން"އަށް ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި އިންތިޚާބުގެ ތާރީޚު ކަނޑައަޅައިފި ކަމަށާއި، ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމެއްގައި އެ ތާރީޚު އިއުލާނުކުރާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ އެ ބައްދަލުވުމުގައި އިންތިޚާބާ ބެހޭ ސްޓޭކްހޯލްޑަރުންނާއި މީޑިއާވެސް ބައިވެރިކުރާނެ ކަމަށެވެ.

ރޭ ޓީވީއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އަދި މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މި މަހުގެ ތެރޭގައި އާންމުކުރާނެކަމަށާއި، ރީރެޖިސްޓްރޭޝަންވެސް މި މަހުގެ ތެރޭގައި ހުޅުވަލާނެކަމަށް އަކްރަމް ރޭ ވިދާޅުވިއެވެ.

comment ކޮމެންޓް