"ޒިންމާ ނަގާނީ މުޅި ކްލަބު، މިވަގުތަށް އެންމެ މުހިއްމީ ރެލިގޭޝަނުން ސަލާމަތްވުން"

ރޭގެ މެޗަށްފަހު ސޮބާ ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި ސީޒަނަށް ކްލަބު ވެލެންސިއާއިން ތައްޔާރުވީ މާ ބޮޑު އުންމީދެއް ނެތިއޭ ބުނެވިދާނެއެވެ. ކުޅުންތެރިން ހޯދުމަށް ޓްރާންފާ މާކެޓަށްވެސް ވެލެންސިއާ ނުކުތީ ގިނަ ކުޅުންތެރިންތަކެއް ކްލަބުތަކަށް ގޮސް ހުސްވިފަހުންނެވެ.

އެ ޓީމުގެ ކޯޗަކަށް، މިދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއަށް އުންމީދީ ނަތީޖާތަކެއް ހޯދައިދިން ސޮބާހު މުހައްމަދު (ސޮބާ) ހަމަޖެއްސި އިރު، ފުރަތަމަވެސް އޭނާއާ ހަވާލުވީ އުނދަގޫ ޓާސްކެކެވެ. ޓީމެއް އެކުލަވާލުމުގެ ޓާސްކެވެ. ކޮންމެއަކަސް ކްލަބުގެ ފެންވަރުން ސޮބާ ނެރުނު ޓީމަށް މާލޭ ލީގުގައި ވާދަވެސް ކޮށްނުލެވުނޭ ބުނެވިދާނެއެވެ.

މިހާތަނަށް ވެލެންސިއާއިން 12 މެޗު ކުޅުނު އިރު، އެޓީމަށް ލިބިފައި އޮތީ އެންމެ ޕޮއިންޓެކެވެ. ކްލަބުގެ ކޯޗު، ސޮބާ ލީގުގެ ދެވަނަ ބުރުގައި ފެނުނީ މީޑިއާއާވެސް ދުރު ދުރުން އުޅުނު މަންޒަރެވެ. އޭނާ އަތުގައިވެސް މާ ބޮޑު ޖަވާބެއް ނެތެވެ. ކާމިޔާބުކުރަން ނުކުތް އުނދަގޫ ޗެލެންޖުން ފެއިލްވެސް ވުމުންނެވެ.

"ހުރިހާ ގޮތަކަށް ބަލާއިރުވެސް އަޅުގަނޑު މިއަށް އައިއިރުވެސް ވެލެންސިއާ އޮތީ މިގޮތަށް. މިދިޔަ އަހަރުވެސް ފުލަށް ގޮސްގެން ރެލިގޭޝަން ކުޅުނީ. މި ޓީމަކީ އަޅުގަނޑު އައިސް ފޯމްކުރި ޓީމެއް. އެގޮތަށް ޓީމު އެކުލަވާލި އިރު، އޭގެ ތެރެއިންވެސް 11ގައި ކުޅެން ޖެހޭ ކުޅުންތެރިންނަށް އަނިޔާގެ މައްސަލައާ އެހެން މައްސަލަތަކާ ހެދި، އެ ކުޅުންތެރިންގެ 100 ޕަސެންޓް ނުފެނިގެން ދިޔައީ. މިކަހަލަ އެވަރެޖް ޓީމެއްގައި އަޅުގަނޑުމެން ބޭނުންކުރަން ޖެހޭ ހަތަރު ފަސް ވަރަކަށް ކުޅުންތެރިންގެ ފަރާތުން 100 ޕަސެންޓް ނާންނަންޏާ ވަރަށް އުނދަގޫވާނެ ލީގެއްގައި ޑޮމިނޭޓް ކުރަން،" އެންމެފަހުން ނިއު ރޭޑިއަންޓާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗަށްފަހު ސޮބާ ބުންޏެވެ.

އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަން ފުޓުބޯޅަ ކުޅުމަށް ވެލެންސިއާއަށް ރެލިގޭޝަން ޕްލޭ އޯފް ކާމިޔާބުކުރަން މަޖުބޫރުވެފައިވާ އިރު، ސޮބާ ބުނީ ރެލިގޭޝަނަށް ނުކުންނާނީ "ދޭތިން އެކައްޗަށް" ކަމަށެވެ.

"މިވަގުތަށް ބަލާފައި މިހާރު މުހިންމީ ރެލިގޭޝަނުން ޓީމު ސަލާމަތް ކުރުން. ރެލިގޭޝަނަށް ވީވަރެއް ކުރާނަން. ޓްރާންސްފަގައި ބޭރު ކުޅުންތެރިންވެސް ގެންނާނަން ކްލަބުގެ ހާލަތު ތަންދޭ ވަރަކުން. ރެލިގޭޝަނަށް ދޭތިން އެކައްޗަށް ނުކުންނާނީ. މިވަގުތަށް ވެލެންސިއާއަށް އެންމެ މުހިއްމީ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުން،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ ޓީމާ ހަވާލުވިއިރުވެސް ޓީމުގެ ހާލަތު އެނގޭ ކަމަށާއި، އޭނާ ނެގީ ރިސްކެއް ކަމަށެވެ.

"އަޅުގަނޑު ޓީމާ ހަވާލުވި އިރުވެސް އެނގޭ ވެލެންސިއާ އޮތީ މިހާލުގައިކަން. ކްލަބުގެ ފައިނޭންޝިއަލީ ބެކަޕް ހުރިވަރަކުން ކުޅުންތެރިން ހޯދީ. މިދިޔަ ބައިވަރު ސީޒަންގައި ވެލެންސިއާ އޮތް ހާލަތު އެނގޭ. އަޅުގަނޑު މިތަނަށް އައުމަކުން ނޫން.... ކްލަބު ވެލެންސިއާ މިގޮތަށް އޮންނަތާ ވެއްޖެ ދުވަސްތަކެއް. އަޅުގަނޑު މީގެ ތެރޭގައި މަސައްކަތް ކުރަން ބޭނުން ވެގެން، ރިސްކް ނަގައިގެން އައީ. ބަލިތަކެއް އައިމަ އޭތި ރިކަވާ ނުކުރެވިގެން ދިޔައީ. ކޮޅަށް ގޯލެއް ވަންނަ އިރަށް މެޗުތައް ދޫކޮށްލެވެނީ،" ސޮބާ ބުންޏެވެ.

ސޮބާ ބުނީ މި ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ މުޅި ކްލަބު ކަމަށާއި، އޭނާ އެކަނި ނޫން ކަމަށެވެ.

"ޒިންމާ ނަގާނީ މުޅި ކްލަބު. ކްލަބެއް ވެއްޖިއްޔާ އެބައޮވޭ މެނޭޖުމަންޓަކުން ފެށިގެން ގޮސް ކުޅުންތެރިންނާ ހަމައަށް. އަޅުގަނޑު ކޯޗަކަށް ހުރީމަ އަޅުގަނޑަށްވެސް އަންނާނެ މީގެ ޒިންމާ. އެހެންވީމަ ހުރިހާ ގޮތަކަށް ބަލާ އިރު، ވަކި މީހެއްގެ ކަމެއް ނޫން މީކީ. ކްލަބު ވެލެންސިއާއަށް މިހެން ދިމާވީކީ އަލަކަށް ނޫން،" ސޮބާ ބުންޏެވެ.

ދެވަނަ ޑިވިޝަންގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކްލަބާއި ވެލެންސިއާގެ އިތުރުން، މާލޭ ލީގުގެ ހަތްވަނައަށް ދާ ޓީމުވެސް ރެލިގޭޝަން ޕްލޭ އޯފްގައި ކުޅޭ އިރު، އޭގެ ތެރެއިން އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަން (މާލޭ ލީގު)ގައި ދެމި އޮންނާނީ އެއް ޓީމެވެ. އަނެއް ދެޓީމު ރެލިގޭޓް ވާނެއެވެ.

comment ކޮމެންޓް