އުރުދުންއަށް ކުރިމަތި ވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން އެގައުމުގެ ސަރުކާރުން ވަނީ ރައްޔިތުންގެ އަތުން ޓެކްސް ނެގުމުގެ އައު ސިޔާސަތެއް ތައާރަފް ކުރަން ނިންމާފައެވެ. މިސިޔާސަތުތަށް ބިނާވެފައިވަނީ ޚަރަދުތައް ކުޑަކުރުމާއި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާ ދަނޑުވެރިކަމާއި ފަތުރުވެރިކަން އިތުރުކުރުމަށާ އަދި ބޭރުގެ އެހީ އަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމުގެ މައްޗަށެވެ.
މިސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އިންކަމް ޓެކްސްގެ ބިލެއް ޕާލަމެންޓަށް ހުށަހެޅުމުން އުރުދުންގެ ރައްޔިތުންވަނީ ރުޅިގަދަވެ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކާއި އިޙްތިޖާޖްތައް ކުރަން ފަށައިފައެވެ. އުރުދުން ސަރުކާރުގެ އިގްތިސާދީ މި ސިޔާސަތުތަކާ ދެކޮޅަށް އާންމު ރައްޔިތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ހުއްޓުމެއްނެތި ކުރިޔަށް ގެންދާ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ހާނީ އަލްމުލްގީ މަގާމުން ދުރުކުރަން އެގައުމުގެ ރަސްގެފާނު އަބްދުﷲ (ދެވަނަ) ވިސްނަވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.
އުރުދުންގެ ރަސްކަމުގެ ދީވާނުގެ އިސް މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ "އަލްޣަދު" ނޫސް ބުނާގޮތުން ބޮޑުވަޒީރު ހާނީ އަލްމުލްގީ މަގާމުން ދުރުކޮށްގެން ނޫންގޮތަކަށް ރައްޔިތުން މައިތިރި ނުކުރެވޭނެކަން އަބްދުﷲ ރަސްގެފާނަށް ވިސްނި ވަޑައިގެންފައިވާ ކަމަށާ އެހެންކަމުން މުލްގީ މަގާމުން ދުރުކުރުމަށް ރަސްގެފާނު މިހާރުވަނީ ނިންމަވާފައެވެ.
އުރުދުންގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވެ މަގުތަކުގައި އުތުރިއަރާގޮތަށް އިޙްތިޖާޖް ކުރަންފެށީ މުލްގީގެ ސަރުކާރުން ރައްޔިތުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި ޓެކްސްއެއް ނަގާނެކަން އިއުލާން ކުރުމާއެކު އެކަމާބެހޭ ބިލެއް އުރުދުންގެ ޕާލަމެންޓަށް ވެއްދުމުންނެވެ. މިކަމާދެކޮޅަށް މަގުތަކުގައި މުޒާހަރާކުރަން ފަށާފައިވާ ރައްޔިތުން އެދެމުންދަނީ އެބިލް އަނބުރައި ގެނައުމަށާއިބޮޑުވަޒީރު މުލްގީ މަގާމުން ދުރުކުރުމަށެވެ. މިދެކަންތައް ނުކުރާނަމަ އިޙްތިޖާޖްތައް ހުއްޓާނުލާނެކަމަށްވެސް ރައްޔިތުން ބުނެއެވެ. 14 ވަރަކަށް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އަރަބި ފަގީރު ގައުމެއް ކަމަށްވާ އުރުދުން އަކީ އެގައުމުގެ އިގްތިސާދު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ބޭރުގެ މާލީ އެހީތަކަށް ވަރަށްބޮޑަށް ބަރޯސާ ވާ ގައުމެކެވެ.
އުރުރުދުންގެ ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި މައިގަނޑު ގޮތެއްގައި ފައިސާގެ އެހީ ދެނީ ސައޫދީ އަރަބިޔާ، ގަތަރު، ކުވައިތު އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިންނެވެ. 2014 ވަނަ އަހަރުން ފެށިގެން ތެލުގެ އަގު ދަށަށްދާން ފެށުމާއެކު ގަލްފުގެ ގައުމުތަކަށްވެސް ލިބޭ ތެލުގެ އާމްދަނީ ދަށަށްދާން ފެށުމުން އެގައުމުތަކުންވަނީ އުރުދުން އަށް ކޮންމެ އަހަރަކު ދޭ މާލީ އެހީ އުނިކުރަން ފަށައިފައެވެ. މިގޮތަށް މާލީ އެހީ އުނިކުރަމުންގޮސް މިހާރު އެގައުމުތަކުން އުރުދުންއަށް ލިބެނީ ވަރަށް ކުޑަމިންވަރެއްގެ އެހީއެކެވެ. އަދި މިއަހަރުގެ މިހާތަނަށް ގަލްފުގެ ގައުމުތަކުންހިލޭ އެހީ ނުލިބޭ ކަމަށް އުރުދުން އިން ބުނެއެވެ.
ގަލްފުގެ އެހީ ގާތްގަނޑަކަށް ހުއްޓުމަކަށް އައުމުން އުރުދުންގެ ސަރުކާރަށް ވަނީ ބަޖެޓް ދޮކޮޅު ޖެއްސުމުގައި ގޮތްހުސްވާ ހިސާބަށް ގޮސްފައެވެ. މިކަން ފޫބެއްދުމަށްޓަކައި ސަރުކާރުން މަސައްކަތްކުރީ ރައްޔިތުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި ޓެކްސް އެއް ނަގައިގެން ބަޖެޓްގެ އުނިވާބައި ފޫބެއްދުމަށެވެ. ނަމަވެސް އުރުދުންގެ ރައްޔިތުން ވަނީ މިކަމާދެކޮޅަށް މަގުތަކަށް ނުކުމެ އިޙްތިޖާޖްތައް ކުރަން ފަށުމުން މިއީ ކުރެވިދާނެ ކަމެއްކަމާމެދު ސުވާލު އުފައްދައިފައެވެ.
އިންކަމް ޓެކްސް ތަޢާރަފް ކުރުމުގެ އިތުރުން އުރުދުންގެ ސަރުކާރުންވަނީ ތެލުގެ އަގުމަތިކޮށް ކާބޯތަކެތީގެ އަސާސީ ތަކެއްޗަށް ދޭ ސަބްސިޑީގެ ބޮޑުބައެއްވެސް ކަނޑާލާފައެވެ. ނަތީޖާއެއްގެ ގޮތުން އުރުދުންގެ ރައްޔިތުންގެ ކެއުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރާ ޕާނާއި ފުށުގެ ބާވަތްތަކާއި ހަނޑުލާއި ހަކުރުގެ އަގު އުފުލިގެން ގޮސްފައެވެ. ތެލުގެ އަގު ބޮޑުވުމާއެކު ޓްރާންސްޕޯޓް ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ތަރުކާރީ އާއި މޭވާފަދަ ކޮންމެ ދުވަހެއްގެ ކެއުމުގައި ބޭނުންކުރާ ތަކެތީގެ އަގުތައްވެސް ވަނީ 50 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުވެގެން ގޮސްފައެވެ.
އުރުދުންގެ ބަޖެޓް ދެކޮޅު ޖެއްސުމަށް އަހަރެއްގެ މައްޗަށް ސައޫދީ، ގަތަރު، ކުވައިތު އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސްއިން ހަތަރު ސަތޭކަ ފަންސާސް މިލިޔަން ޑޮލަރާ ގާތްކުރާ އަދަދަކަށް މާލީ އެހީ ލިބެއެވެ. މިއެހީ ހުއްޓިގެން ދިޔުމުން އުރުދުންއަށްވަނީ ގޮތްހޮސްވެފައެވެ.
ގަލްފުގެ އެހީހުއްޓިގެން ދިޔުމުގައި ތެލުގެ އަގު ދަށަށް ދިޔުމުގެ އިތުރުން ގަލްފުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ އަރާރުންތަކާއި ގަލްފުގެ ގައުމުތަކުން ޔަމަންއާއި ސޫރިޔާއާއި ލީބިޔާފަދަ އަރަބި ގައުމުތަކުގައި ކުރަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށްވަދެ ސިޔާސީ މަގްސަދުތައް ޙާސިލްކުރުމަށްޓަކައި އެ ހަނގުރާމަތަކަށް ބޮޑެތި ޚަރަދުތަކެއް ކުރާ މައްސަލަވެސް ހިމެނެއެވެ.
ގަތަރާއި ސައޫދީގެ އަރާރުންތަކުގައި އުރުދުން ޖެހުނީ ސައޫދީ ކޮޅަށެވެ. މިކަމުގެ ސަބަބުން ގަތަރުގެ އެހީ ގެއްލިގެންދިޔައެވެ.
ސައޫދީއަށް ބަލާއިރު އެގައުމުން ޔަމަންގެ ހަނގުރާމައަށް މަހެއްގެ މައްޗަށް 5 ބިލިޔަނާއި 7 ބިލިޔަނާ ދެމެދުގެ އަދަދަކަށް ޑޮލަރު ޚަރަދު ކުރާކަމަށްވެއެވެ. ޔޫއޭއީ އަކީވެސް ޔަމަންގެ ހަނގުރާމައަށް މަހެއްގެ މައްޗަށް އެތަށް ބިލިޔަން ޑޮލަރެއް ޚަރަދުކުރާ ގައުމެކެވެ. ގަތަރަށް ބަލާއިރު ސައޫދީ އިސްކޮށް އޮވެގެން ގަތަރާ ދެކޮޅަށް އެޅި ޙިސާރުގެ ފިޔަވަޅުގެ ސަބަބުން މަހެއްގެ މައްޗަށް 2 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ގަތަރު ކުރިމަތި ލާންޖެހެއެވެ. މީގެއިތުރުން ސޫރިޔާ، އަދި ލީބިޔާގައި ހަނގުރާމަކުރާ ޖަމާއަތްތަކަށްވެސް ޚަރަދުކުރަނީ މައިގަނޑު ގޮތެއްގައި ސައޫދީ ޔޫއޭއީ އަދި ގަތަރުންނެވެ.
މިއީވެސް ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކަށް މާލީ މައްސަލަތައް ކުރިމަތިވާ މައިގަނޑު ސަބަބެކެވެ. މީގެއިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ޓްރަމްޕް ކުރިމަތި ކުރައްވާ ފިއްތުން ތަކުގެ ސަބަބުން ސައޫދީ އާއި ޔޫއޭއީ އަދި ގަތަރުންވަނީ އެމެރިކާއިން ހަތިޔާރާއި އަސްކަރީ ސާމާނުތަށް ގަންނަ މިންވަރުވެސް އެތަށް ގުނައެއް އިތުރުކޮށްފައެވެ. އެއީ އެމެރިކާގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުންނެވެ.
އުރުދުންގެ ބަޖެޓް ދެކޮޅު ޖެއްސުމަށްޓަކައި ކުވައިތުންވަނީ ދިގުމުއްދަތަކުން އަދާކުރާގޮތަށް ލޯން އެހީއެއް ދޭނެކަމުގެ އިޝާރާތެއް ދީފައެވެ. އުރުދުންގެ ޖީޑީޕީ ނުވަތަ ގައުމީ އާމްދަނީ އަކީ މިދިޔަ އަހަރު 39 ބިލިޔަން ޑޮލަރެވެ. މި އާމްދަނީ ލިބޭ މައިގަނޑު ވަސީލަތްތަކަކީ ދަނޑުވެރިކަމާއި ސިނާއަތާ އަދި ފަތުރުވެރިކަމެވެ. މީގެއިތުރުން ގަލްފުގެ ގައުމުތަކުގައި ވަޒީފާ އަދަކުރާ އުރުދުންގެ ރައްޔިތުންގެ ފަރާތުންވެސް އެކަށީގެންވާ އާމްދަނީ އެއް ގައުމަށް ލިބެއެވެ.
އުރުދުންގައި 14 މިލިޔަން މީހުންގެ އާބާދީއެއް އޮންނައިރު އޭގެތެރެއިން 60 އިންސައްތަ މީހުންނަކީ ފަލަސްތީނުގެ ރައްޔިތުންނެވެ. އުރުދުންއަށް ލިބޭ އާމްދަނީން ރައްޔިތެއްގެ ބޮލަށް ޖެހެނީ އަހަރެއްގެ މައްޗަށް 5500 ޑޮލަރެވެ. މިއީ ކުޑަމިންވަރެއް ނަމަވެސް އުރުދުންގައި ހަމަޖެހުން އޮވެފައި ރައްޔިތުން ބުރަކޮށް މަސައްކަތް ކުރަމުން ގެންދާތީ އެގައުމުގެ އިގްތިސާދު 3 އިންސައްތައާއި 4 އިންސައްތަ އާ ދެމެދު ގެ މިންވަރަކަށް ކުރިއަރަމުން ދިޔައެވެ.
ނަމަވެސް އަވަށްޓެރި ސޫރިޔާގައި 2011 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައާއި އަވަށްޓެރި އަނެއްގައުމު ކަމަށްވާ އިރާގު ހަލާކުވެގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އުރުދުންގެ އިގްތިސާދުވަނީ ފާއިތުވި އަހަރުތަކުގައި ދަށަށްދާން ފަށާފައެވެ. މިގޮތުން މިހާރު އުރުދުންގެ އިގްތިސާދު ކުރިޔަށްދަނީ އަހަރެއްގެ މައްޗަށް 1 އިންސައްތައާއި 2 އިންސައްތައިގެ ދުވެއްޔެއްގައެވެ.
އިންކަމް ޓެކްސްއާ ގުޅިގެން ބޮޑުވަޒީރު މުލްގީ މަގާމުން ދުރުކުރި ނަމަވެސް އުރުދުންގެ އިގްތިސާދީ މައްސަލަތަކަށް އަވަސް ހައްލެއް ނާންނާނެ ކަމަށް ތަޖްރިބާކާރުން ބުނެއެވެ. އެހެންކަމުން މުލްގީ މަގާމުން ދުރުމަކީ ހައްލު ނޫންކަމަށް މިފަރާތްތަކުން ދެކެއެވެ.