އަހަރެން ބޮޑުވަމުން އައީ އައިރިޝް ކެތޮލިކް އާއިލާއެއްގެ ތެރޭގައެވެ. އެންމެ ކުޑައިރުއްސުރެ އަހަންނަކީ ކަންތައްތައް ބަލައި ދަސްކުރާހިތްވާ މީހެކެވެ. މައިންބަފައިންނަކީ އެމީހުންގެ ދީނުގައި ސާބިތުވެ ތިބި ބައެއް ނަމަވެސް އަހަންނަށް، އެ ދީން މަތީ ސާބިތުކަމާއެކު ދެމިއެއް ނުހުރެވޭނެއޭ އޭރުވެސް ހިތަށް އަރައެވެ. އެމީހުންގެ ސަގާފަތާއި އާދަކާދައިގައި އަހަންނަށް ގަބޫލު ނުކުރެވޭ ކަންތައްތައް އެކުލެވެއެވެ.
އުމުރުން 13 އަހަރުގައިވެސް އަހަންނަށް ގަބޫލުކުރެވޭ ކަމަކީ ޖީސަސް (އީސާގެފާނު) އަކީ ކަލާންގެ ނޫން ކަމެވެ. އެއްކައުވަންތަ އިލާހަކު ވާނެކަމެވެ.
ކިޔަވަން އުޅުނުއިރު ކްރިސްޓިއަން ދީނާ އިސްލާމްދީނާ ގުޅޭ ގިނަ ކަންތައްތަކެއް އެނގިގެން ދިޔައެވެ. އެންމެ ފުރަތަމަ އިސްލާމްދީނާ ގުޅޭގޮތުން އަހަންނަށް މައުލޫމާތު އެނގުނީ ހައި ސްކޫލުގެ ދުވަސްވަރު މެލްކޮމް އެކްސްގެ އޮޓޯ ބަޔޯގްރަފީ އިންނެވެ.
ސްކޫލު ނިންމައި، ކޮލެޖް ތައުލީމު ފުރިހަމަކުރުމަށްފަހު، އަހަރެން ފެށީ ވޮލަންޓްރީ މަސައްކަތެވެ. އެފްރިކާގެ ގައުމުތަކުގައި ވޮލަންޓިއާ މަސައްކަތް ކުރަން އުޅުނު އިރު އެއްދުވަހަކު އަހަންނާއެކު މަސައްކަތްކުރާ ގާނާ ކުއްޖަކާއެކު ވަރުބަލި ފިލުވާލަން އިށީނީމެވެ. ހޫނު ގަދަ އެ ދުވަހު ހޫނުން ސަލާމަތްވުމަށް އަހަރެން ގެންގުޅުނު ފޮތިގަނޑުން ބޯ ނިވާކޮށްލީމެވެ.
"ހިޖާބާއެކު ވަރަށް ރީތި،" އަހަރެންގެ އެކުވެރިޔާ ބުންޏެވެ.
"ތިއީ މުސްލިމެއްތަ،" އަހަރެންގެ އެކުވެރިޔާ އާ ސުވާލު ކުރީމެވެ. އޭނާ އާނ އެކޭ ބުނެ ޖަވާބު ދިނެވެ. މުސްލިމުންގެ ބައެއް ވާހަކަތައް އަހަންނާ ހިއްސާ ކުރިއެވެ. މާތްﷲ އަކީ އެއްކައުވަންތަ އިލާހު ކަމަށާއި އީސާގެ ފާނަކީ ރަސޫލެއް ކަމަށް ބުންޏެވެ.
އޭރު އަހަރެންގެ ހިތަށް އެރިއެވެ. އުމުރުގައި މިވީހާތާކަށް އަހަރެން ހޯދަން ބޭނުންވި ސުވާލުގެ ޖަވާބަކީ އިސްލާމްދީން ހެއްޔެވެ؟
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެން އުޅެމުންދަނީ އެމެރިކާގެ މިއާމީގައެވެ. ނަމަވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އަބަދުވެސް ހުންނަނީ ކޮންމެވެސް ކަމަކާ ހިތް ނުތަނަވަސްވެފައެވެ. ބައްޕަ އާ އެވާހަކަ ހިއްސާކުރުމުން ބުނީ ފޮތް ކިޔުމަށެވެ. އެ ފިކުރުތަކާ ދުރަށް ދިއުމަށެވެ.
އަހަރެން ފޮތް ކިޔަން ފެށީމެވެ. ދީނީ ފޮތްތަކާ އަދަބީ ފޮތްތަކެވެ. ދީނީ ފޮތްތަކުގެ ތެރެއިން އަހަރެންގެ ހިތް ދަމައިގަތީ އިސްލާމްދީނާ ގުޅޭ ފޮތްތަކެވެ. އެ ފޮތްތަކުން އަހަންނަށް އިސްލާމްދީނާ ގުޅޭ ގިނަ ވާހަކަތައް އޮޅުންފިލިއެވެ. ކިޔަމުން ދިޔަ ވަރަކަށް އެ ދީނަކީ ފުރިހަމަ ދީނެއްކަން ހާމަވަމުން ދިޔައެވެ.
ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމަކަށް ހައްލު އޮތީ އިސްލާމްދީނުގައި ކަން އެނގުމުން އަހަރެން ދެން ބޭނުންވީ އެހީތެރިވާނެ މީހެކެވެ. އަހަންނަށް އެހީތެރިވީ މުސްލިމު އަންހެނެކެވެ. އޭނާ އަކީ ސަޕޯޓިވް ފިރިއަކާއެކު ދެ ދަރިން ބަލަމުން އާއިލާއެއް ބަލަހައްޓާ މީހެކެވެ. އެންމެ މުހިއްމު ކަމަކަށް އޭނާ އަކީ ދީނަށް ލޯބިކުރާ މުސްލިމެކެވެ.
ކޮންމެ ހަފްތާއަކު އެއްފަހަރު އަހަރެން އޭނާ އާ ބައްދަލު ކުރަމެވެ. ރަސޫލާ އާއި އަސްހާބުންގެ ހަޔާތްޕުޅުގެ ވާހަކަތައް އޭނާ އަހަންނަށް ކިޔައިދެއެވެ. ނަމާދުކުރާނެ ގޮތް ދަސްކޮށްދިނެވެ. އީސާގެ ފާނާމެދު ކްރިސްޓިއަނުން ދެކޭގޮތް އޮޅުންފިލުވައިދީ، އޭގެ ސައްހަގޮތް ކިޔައިދިނެވެ.
ޤުރުއާން ތަރުޖަމާ އަކާއެކު އަހަރެންގެ އެކުވެރިޔާ އަހަންނަށް ދެން ދިނީ ޝައިޚް ހަމްޒާ ޔޫސުފްގެ ދަރުސް ތައް އެކުލެވޭ ސީޑީއެކެވެ. ކޮންމެ ދުވަހަކު އަހަރެން އެ ދަރުސްތައް އަޑުއަހައި އިސްލާމްދީނާ ގުޅޭގޮތުން އިތުރަށް ދަސްކުރަމެވެ.
ޝައިޚްގެ ދަރުސްތަކުގައި ޤުރުއާނުގެ އާޔަތްތައް ކިޔަވާވިދާޅުވާ އަޑު އިވުމުން ހީބިހި ނަގައިގެން ދެއެވެ. އަޑުއަހައިގެން އަހަރެން ޤުރުއާން ކިޔަވަން ދަސްކުރީމެވެ.
އަހަރެންގެ ހަޔާތުގައި އެންމެ ފުރަތަމަ ރޯދައަށް ހުރި އަހަރަކީ އަހަރެންގެ އީމާންކަން ވަރުގަދަވެ އިސްލާމްދީނަށް އޮތް ލޯބި އިތުރުވެގެންދިޔަ އަހަރެކެވެ. އަހަރެންގެ ވެރި އިލާހާ ދެމެދު އޮތް ގުޅުން ވަރުގަދަވެގެން ދިޔަކަން އިހުސާސް ކުރެވުނެވެ. މިއީ އިސްލާމްދީން ގަބޫލު ކުރަން އަހަރެން ތައްޔާރަށް ހުރިކަން އިހުސާސްވީ ވަގުތެވެ.
މާތްﷲ ގެ އިރާދަފުޅުން 2016 ވަނަ އަހަރުގެ ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އަހަރެން އިނީ އަހަރެންނަށް ދީނާބެހޭގޮތުން ގިނަ އެއްޗެހި އޮޅުންފިލި، ޝައިހް ހަމްޒާގެ އަރިހުގައެވެ. ޝައިހް އިނގިރޭސިންނާއި އަރަބިން އިސްލާމްދީނާ ގުޅޭ ވާހަކަތައް ދައްކަވައި އޮޅުންފިލުއްވައިދެއްވިއެވެ.
އަހަރެންގެ ދިރިއުޅުމުގައި ކެތޮލިކް ކްރިސްޓިއަނެއްގެ ގޮތުގައި ކުރިމަތިވި ނުތަނަވަސްކަމުގެ ވާހަކަތައް ޝައިހް އާ ހިއްސާ ކުރީމެވެ. އެއީ ހަޔާތުގެ އެންމެ އުފާވެރި އެއް ރެއެވެ. އަހަރެން އިސްލާމްދީން ހިޔާރު ކުރީމެވެ.
މިހާރު އަހަންނަކީ މުސްލިމެކެވެ. ކޮންމެ ދުވަހަކު ފަތިހު ފަތިސްނަމާދަަށް ތެދުވެ އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީއެވެ. އަހަރެން ހޯދަން ބޭނުންވި ސުވާލުތަކުގެ ޖަވާބު ލިބިއްޖެއެވެ.