ގުއަޓަމާލާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން 25 މީހަކު މަރުވެއްޖެ

ގުއާޓަމާލާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ގެންދަނީ -- ފޮޓޯ: އޭއެފްޕީ

ގުއާޓަމާލާ ސިޓީ (ޖޫން 4): ގުއާޓަމާލާގައި އަލިފާން ފަރުބަދައެއް އިއްޔެ ގޮވުމުގެ ސަބަބުން 25 މީހަކު މަރުވެ، އެތައް ސަތޭކަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ވެރިރަށް ގުއާޓަމާލާ ސިޓީއާ 40 ކިލޯ މީޓަރު ހުޅަނގު ދެކުނުގައި އޮންނަ ފުއޭގޯ އަލިފާން ފަރުބަދައިން ގަލާއި އަޅި އާއި ދުން ބޭރުވާތާ ދުވަސްކޮޅެއްވެއްޖެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ގުއާޓަމާލާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޭޖެންސީން ބުނި ގޮތުގައި އިއްޔެ އެފަރުބަދައިން ނުކުތް އަލިފާން ވަނީ އެލް ރޯޑިއޯ ކިޔާ އަވަށަކަށް ފެތުރިފަ އެވެ. އޭގެ ސަބަބުން ގެތައް ހަލާކުވެ، އެގެތަކުގައި ތިބި މީހުން އަނދާފައިވާ ކަމަށް އެއޭޖެންސީން ބުންޏެވެ.

ގުއާޓަމާލާގައި ގޮވި އަލިފާން ފަރުބަދަ -- ފޮޓޯ: އޭޕީ

އަދި ފަރުބަދަ ގޮވުމުގެ ސަބަބުން އޭގެ އަސަރު ކުރި މީހުންގެ އަދަދު 1.7 މިލިއަނަށް އަރާ ކަމަށާއި ފަރުބަދައިން ނުކުންނަ އަޅީގެ ސަބަބުން ގުއާޓަމާލާ ސިޓީގައި އޮންނަ ލަ އަރޯރާ އެއާޕޯޓު ބަންދުކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުންޏެވެ.

ގުއާޓަމާލާގެ އަސްކަރިއްޔާއިން ދަނީ އަލިފާން ފެތުރިފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތްކޮށް، ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 3،100 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެގައުމުން ބުންޏެވެ.

މީގެ އިތުރުން ގުއާޓަމާލާގެ އޮފިޝަލުން ވަނީ ފަރުބަދައާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުންނާއި އަޅިން ސަލާމަތްވުމަށް މާސްކް އެޅުމަށް އަންގާފައި އެވެ.

އެއީ 1974 ވަނަ އަހަރުގެ ފަހުން އެފަރުބަދަ އެހާވަރަށް ގޮވި ފުރަތަމަ ފަހަރު ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. (ބީބީސީ)

comment ކޮމެންޓް