ގައުމީ ޓީމު ޖާޒީގެ އެންމެ މޮޅު ފަރުމާއަކަށް ބީއެމްއެލްއިން 25،000 ރުފިޔާގެ ގިފްޓް ކާޑެއް!

ގައުމީ ޓީމުގެ ޖާޒީގެ ފަރުމާއަށް ބީއެމްއެލްއިން ހުޅުވާލި ފުރުސަތުގެ ޕޯސްޓަރު ----

ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީ ފަރުމާކުރަން ބީއެމްއެލްއިން ހުޅުވާލައިފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުތަކުން ކުރިއަށް އޮތް މުބާރާތްތަކުގައި ބޭނުންކުރާނެ ޖާޒީ ފަރުމާކުރަން މިއަދު ބީއެމްއެލްއިން ހުޅުވާލާފައިވާ އިރު، އެއްވަނަ ފަރުމާއަށް އިނާމެއްގެ ގޮތުން 25000 ރުފިޔާގެ ގިފްޓް ކާޑެއް ބީއެމްއެލްއިން ވަނީ ހުށަހަޅައިފައެވެ.

ޑިޒައިނެއް ފަރުމާކުރުމަށްފަހު ޕީޑީއެފް ފޯމެޓްގައި ދިހަ އެމްބީއަށްވުރެ ފައިލް ސައިޒް ކުޑަކޮށް ބީއެމްއެލްގެ މެއިލް [email protected] އަށް މެއިލްކޮށްގެން ޖާޒީގެ ފަރުމާތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައިވާ އިރު، ބީއެމްއެލްއިން ބުނެފައިވަނީ ޖާޒީ ފަރުމާކުރަން އާންމުންނަށް ހުޅުވާލީ ތަފާތު ހުނަރުވެރިންނަށް ރާއްޖޭގެ ގައުމީ ޓީމުގެ ތާރީހުގައި ނަން ލިޔެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. ޖާޒީގެ ފަރުމާ ހުށަހެޅުމަށް އެންމެ ފަހު ތާރީހެއްގެ ގޮތުގައި ބީއެމްއެލްއިން ކަނޑައަޅާފައިވަނީ މިމަހުގެ 13 ވަނަ ދުވަހެވެ.

ގައުމީ ޓީމުގެ ޖާޒީގެ ފަރުމާއަށް ބީއެމްއެލްއިން ހުޅުވާލި ފުރުސަތުގައި ޖާޒީގެ ފަރުމާ ހުށަހެޅުމުގެ ތަފްސީލު ---

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ސްޕޮންސާ، ބީއެމްއެލްއިން ބުނެފައިވަނީ އެއްވަނައަށް ހޮވޭ ލޯގޯ ކަނޑައަޅާނީ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށާއި، އެއްވަނައަށް ހޮވޭ ޖާޒީ އިއުލާންކުރާނީ މިމަހު 21 ވަނަ ދުވަހު، އެ ކުންފުނީގެ ރަސްމީ ފޭސްބުކާއި ޓްވިޓާގައި ކަމަށެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކިޓް ޕާޓްނަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އެޑިޑާސް ކުންފުނި ދޫކޮށް ސްޕެއިންގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ޖޯމާއާއެކު އެއްބަސްވުމަށް އައީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ގައުމީ ޓީމުގެ ކިޓް ސަޕްލައި ކޮށްދީފައިވަނީ ޖޯމާއިންނެވެ.

ރާއްޖޭގެ ގައުމީ ސީނިއާ ޓީމު އަދި 23 އަހަރުން ދަށުގެ ފިރިހެން ޓީމާއި އަންހެން ސީނިއާ ޓީމަށްވެސް ކުރިއަށް މުހިންމު މުބާރާތްތަކެއް އެބަ ހުއްޓެވެ. އެގޮތުން އަންނަ އޯގަސްޓް މަހު އިންޑޮނޭޝިއާގައި ބާއްވާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ޓީމާއި އަންހެން ސީނިއާ ޓީމު ވާދަކުރާ އިރު، ސެޕްޓެމްބަރު މަހު ބަންގާޅުގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ސީނިއާ ފިރިހެން ޓީމު ވާދަކުރާނެއެވެ.

ޖާޒީގެ ފަރުމާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ އިތުރު ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ.

comment ކޮމެންޓް