ފަރެސްމާތޮޑާގައި އެއާޕޯޓު އަޅާ ބިން ހިއްކުމަށް ގަލްފް ކޮބްލާ ޓެންސާއަށް

ގދ ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ގަލްފް ކޮބްލާ ޓެންސާ އާ ހަވާލު ކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ގަލްފް ކޮބްލާ ޓެންސާއާ ހަވާލުކޮށްފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކައި، ފަސްގަނޑު އެއްވަރުކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2.5 މިލިއަން ޑޮލަރު ޚަރަދުކުރާނެއެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ތިން މަސް ތެރޭގައެވެ. ނަމަވެސް ދެ މަހާއި ބައި ތެރޭ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ވަނީ ދީފައެވެ.

ގަލްފް ކޮބްލާގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައިކަލް ވިދާޅުވީ އެ ކުންފުނިން މާދަމާއިން ފެށިގެން ފަރެސްމާތޮޑާގައި މަސައްކަތް ފަށާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގއ. އަދި ގދ. އަތޮޅަކީ ދަތުރުފަތުރުގެ ކަންތައް އުނދަގޫ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި އެއާޕޯޓުތައް އޮތުން މުހިންމު ކަމަށެވެ.

މި ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް އެއާޕޯޓުތައް ތަރައްގީކުރުމުން މި ވަގުތަށްވެސް މުހިންމުކަމަށާއި ފަރެސްމާތޮޑާ އެއާޕޯޓާއެކު މީހުން ދިރިއުޅޭ ރަށްރަށުން 30-40 މިނެޓުން ދެވޭ ސަރަހައްދުގައި އެއާޕޯޓު އެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ފުރިހަމަވީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސަރަހައްދުގައި ފަތުރުވެރިކަމަށް ޕޮޓެންޝަލް ރަށްތައް އެބަހުރި. ނަމަވެސް ދަތުރުފަތުރުގެ ދަތިކަމާއެކު ރިސޯޓު ތަރައްގީ ނުކުރެވި ހުރީ،"ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިން ހިއްކައި ނިމުމުން އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު އެ މަސައްކަތް ކުރާ ސަރަހައްދުގެ ސާވޭ ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު އީއައިއޭގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މި އެއާޕޯޓަކީ ސަރަހައްދުގެ ރައްޔިތުން ވަރަށް އެދި އެދި ތިބި ކަމެއް ކަމަށެވެ. ހާއްސަކޮށް މަސްވެރިކަމަށް ބަރޯސާވާ ރައްޔިތުންތަކެއް ތިބި އެ ސަރަހައްދުގައި އެއާޕޯޓާއެކު އިތުރު ވަޒީފާތައް ހުޅުވި، ފަތުރުވެރިކަން ފުޅާވާނެކަން މެންބަރު ފާހަގަ ކުރެއްވިއެވެ. މިއީ ސްކޫލު ނިންމާފައި ވަޒީފާގެ ބާޒާރަށް ނިކުންނަން ތިބި ކުދިންނަށް އޮތް އުފާވެރި ޚަބަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެއާޕޯޓުގެ މަސައްކަތް ކުރުމަށް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ ވަނީ ހަތަރު މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރަށް ދީފައެވެ. އެއްވެސް އިންޓްރެސްޓަކާ ނުލާ ދިން މި ލޯނު ސަރުކާރަށް ފަސޭހަ ވަގުތެއްގައި ދައްކާ ނިންމާގޮތަށް ދީފައިވާއިރު ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތަށް ސަރުކާރު ބަޖެޓުންވެސް ހަރަދު ކުރާނެއެވެ.

ގދ. މާވާރުލުގައިވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މިއަހަރުގެ މިހާތަނަށް އަށް ރީޖަނަލް އެއާޕޯޓުގެ މަސައްކަތް ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް