ކެތަލޯނިއާގައި އާ ސަރުކާރެއް އެކުލަވާލައިފި

ކެތަަލޯނިއާގެ އާ ސަރުކާރުގައި އިސްކޮށް ހުންނަވާނީ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮންގެ އަރިސް ފަރާތެއް ކަމަށްވާ ކިމް ޓޯރާ (ވ) -- ފޮޓޯ: އީޕީއޭ

މެޑްރިޑް (ޖޫން 3): ސްޕެއިންގެ ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ކެތަލޯނިއާ ގެނައިތާ ހަތް މަސް ފަހުން، އެސަރަހައްދުގައި އާ ސަރުކާރެއް އެކުލަވާލައި އަނެއްކާ ވެސް އަމިއްލަ ވެރިކަމެއް ގާއިމުކޮށްފި އެވެ.

ކެތަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮންގެ އަރިސް ފަރާތެއް ކަމަށްވާ ކިމް ޓޯރާ އެސަރަހައްދުގެ ރައީސްކަމުގެ ހުވާ ކުރެއްވީ، ހުކުރު ދުވަހު ސްޕެއިންއަށް އާ ބޮޑުވަޒީރަކު އައްޔަން ކުރި ފަހުންނެވެ.

އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަރިއާނޯ ރަހޯއިގެ އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުން ނިންމައި، އޭނާ މަގާމުން ދުރުކުރުމާ ގުޅިގެން މިހާރު ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފައި ވަނީ ސޯޝަލިސްޓް ޕާޓީގެ ލީޑަރު ޕެޑްރޯ ސަންޗޭޒް އެވެ.

ސަންޗޭޒް ވަނީ ކެތަލޯނިއާގެ ސަރުކާރާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ނަމަވެސް ކެތަލޯނިއާގެ މިނިވަންކަމާ ބެހޭ އިންތިހާބެއް އަނެއްކާ ވެސް ބޭއްވުމާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ.

ސްޕެއިން އިން ވަކިވެ، މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ކެތަލޯނިއާ އިން ނެގީ މިދިޔަ އޮކްޓޯބަރު މަހުގައި އެވެ. އަދި އެވޯޓު ކާމިޔާބުވުމުން ކެތަލޯނިއާ އިން ވަނީ މިނިވަންކަން އިއުލާންކޮށްފަ އެވެ.

ނަމަވެސް އޭގެ ސަބަބުން ސްޕެއިންގެ މައި ސަރުކާރުން ކެތަލޯނިއާގެ މައްޗަށް ސީދާ ވެރިކަން ހިންގަން ނިންމައި، ކެތަލޯނިއާގެ ސަރުކާރު އުވާލި އެވެ. އޭގެ ފަހުން ސްޕެއިންއިން ވަނީ ކުރީގެ ސަރުކާރުގެ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް ގައުމަށް ގައްދާރުވުމުގެ ދައުވާކޮށްފަ އެވެ.

އޭގެ ސަބަބުން ގައުމުން ފިއްލެވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް ޕުޖިޑެމޮން ވެސް ހިމެނެ އެވެ. އޭނާ މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ. އަދި ސްޕެއިން އިން ދަނީ އެގައުމާ އޭނާ ހަވާލު ކުރުމަށް ޖަރުމަނަށް ގޮވާލަމުންނެވެ. (އަލްޖަޒީރާ)

comment ކޮމެންޓް