ޕްރިމިއާ ލީގަށް ކޮލިފައި ނުވުމުގެ ފުރިހަމަ ޒިންމާ ނަގަން: ނަޒީހު

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ނަޒީހު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރާ އާއި ޓީސީ ރޭ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު މިހާތަނަށް ލީގުގައި ކުޅުނު 12 މެޗުން ޔޫވީއަށް ލިބެނީ އަށް ޕޮއިންޓެވެ. ހަވަނާގައި އޮތް ގްރީންއަށް 12 މެޗުން 14 ޕޮއިންޓް ޕޮއިންޓް ލިބިފައިވާ އިރު، ދެ ޓީމަށް ވެސް ލީގުގައި ބާކީ އޮތީ ދެ މެޗެވެ.

ޔޫވީއަށް ގަދަ ހަޔަކަށް އެރުމަށް އަމިއްލަ ބާރު ކެނޑިފައިވާ އިރު، އެޓީމަށް ދެން އޮތް ދެމެޗުން މޮޅުވެގެން ވެސް ގަދަ ހަޔަކަށް ދެވޭނީ ގްރީން ކުޅޭ ދެ މެޗުން އެޓީމު ބަލިވެގެންނެވެ.

މިދިޔަ ހަފްތާގައި މާޒިޔާއާ ދެކޮޅަށް ޔޫވީން ކުޅުން މެޗަށް ފަހު ކޯޗު މުހައްމަދު ނަޒީހު ބުނީ ޕްރިމިއާ ލީގަށް ދިއުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި އެހެން ނަމަވެސް ގަދަ ހައެއްގެ ފުރުސަތު އޮތީ "ހިމަ ނަރަކަށް" ހަނިވެފައި ކަމަށެވެ. ރޭގެ މެޗުން އެންމެ ޕޮއިންޓެއް ނެގުމުން ނަޒީހު ބުނީ ޕްރިމިއާ ލީގަށް ދެން ނުދެވޭނެ ކަމަށެވެ.

"ތެދަށް ބުނަންޏާ މިކަން މި ނިމުނީ. ދެވަނަ ފަހަރަށް ސުވާލު ކުރިޔަސް ބުނާނީ ހަމަ މިހެން. މިކަން މި އޮތީ ނިމިފައި،" ނަޒީހު ބުންޏެވެ.

ނަޒީހު އިތުރަށް ބުނީ ދިވެހި ޕްރިމިއާ ލީގަށް ޔޫވީ ކޮލިފައި ނުވުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާނެ ކަމަށެވެ.

"ޒިންމާ ނަގާނީ އަޅުގަނޑު. ޕްރިމިއާ ލީގަށް ކޮލިފައިނުވުމުގެ ހުރިހާ ޒިންމާއެއް ނަގާނެ އަޅުގަނޑެ. ކޮލިފައިނުވުމުގެ ހުރިހާ ޒިންމާއެއް ސީދާ ކޯޗު މި ނަގަނީ،" ނަޒީހު ބުންޏެވެ.

ޔޫވީއަށް ދިވެހި ޕްރިމިއާ ލީގު ގެއްލިއްޖެ ނަމަ އެޓީމުން ދެން ކުޅެން ޖެހޭނީ މާލޭ ލީގު ޕްލޭ އޯފް އެވެ. ޕްލޭ އޯފްގައި ޔޫވީގެ އިތުރުން ދެން ކުޅޭނީ ލީގު ތާވަލުގެ ފުލުގައި އޮތް ވެލެންސިއާއި ނިމި ދިޔަ ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމް، ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

އެ ތިން ޓީމު ކުޅޭ ޕްލޭ އޯފް އިން ދެ ޓީމުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވާ އިރު، އަނެއް ޓީމުން ކުޅޭނީ އަންނަ އަހަރުގެ މާލޭ ލީގެވެ.

ރޭގެ މެޗުގައި ޓީސީގެ ފުރަތަމަ 11 އިން ބޮޑެތި ބަދަލުތަކެއް ފެނިފައިވާ އިރު، އެޓީމުން ވަނީ އަލަށް ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާންބެ) ބުނީ މެޗުގައި ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދިނީ މެޗު ދޫކޮށްލަން، ނޫނީ މެޗުން ނަތީޖާ ނެރެން ބޭނުން ނުވާތީ ނޫން ކަމަށެވެ. އެ ކުޅުންތެރިންނަށް ތަޖުރިބާތަކެއް ހޯދައިދިނުމަށް ކަމަށެވެ.

މެޗަށް ނުކުތީ މޮޅުވުމަށް ނަމަވެސް ލިބުނު ނަތީޖާ މުޅިން ގޯސް ނޫން ކަމަށާއި ރޭގެ މެޗުގައި އަލަށް ކުޅުނު ކުޅުންތެރިން ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ލީގު ތާވަލުގެ ތިންވަނާގައި ޓީސީ އޮތީ ކުޅުނު 12 މެޗުން 19 ޕޮއިންޓާއެކުގަ އެވެ. އެޓީމަށް ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގެ ޖާގަ މިހާރު ވަނީ ޔަގީން ވެފަ އެވެ.

މާލޭ ލީގުގެ މެޗެއް މިރޭ ވެސް އޮންނާނެ އެވެ. މިރޭ 10:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ލީގުގެ އެއްވަނާގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ.

comment ކޮމެންޓް