އިޓަލީގެ ގައުމީ ޓީމުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި، އަނެއްކާވެސް ފްރާންސް ފަދަ ވަރުގަދަ ޓީމުތަކުގެ ލެވެލްއަށް ދިޔުމަށް ނަގާނީ އެންމެ ގިނަ ވެގެންވެސް އަހަރެއް ކަމަށް ކޯޗު ރޯބާޓޯ މަންޗިނީ ބުނެފިއެވެ.
އިޓަލީއަކީ އަބަދުވެސް ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ވަރުގަދަ ގައުމެއް ނަމަވެސް، މިއަހަރުގެ ވޯލްޑްކަޕުން އެޓީމަށް ވަނީ ފުރުސަތު ގެއްލިފައެވެ. ދެހާސް ހަވަނަ އަހަރުގެ ވޯލްޑްކަޕްވެސް އުފުލާލި އިޓަލީއަށް މިއަހަރުގެ ވޯލްޑްކަޕުން ޖާގަ ގެއްލުމާއެކު އެޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުން ރިޓަޔާކޮށްފައި ވާއިރު، އަލަށް ހަވާލުވި ކޯޗު މަންޗިނީއާއެކު އެޓީމުން ވަނީ ފުޓުބޯޅައިގެ އާ ޖީލެއް ބިނާކުރުމުގެ މަސައްކަތް ފަށައިފައެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމެނޭ އިރު، މަންޗިނީއާއެކު ކުރިން އިންޓަމިލާނާއި މެންޗެސްޓާ ސިޓީގައި މަސައްކަތްކުރި މާރިއޯ ބަލޮޓެލީއަށް ވެސް އިޓަލީ ސްކޮޑުން ޖާގަ ދީފައިވެއެވެ.
މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީ ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ ބަލިކުރި ނަމަވެސް، ރޭ ފްރާންސާ ދެކޮޅަށް އެޓީމުން ކުޅުނު މެޗުން ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ. ރަޝިޔާ ވޯލްޑްކަޕްގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ފްރާންސަށް ރޭގެ މެޗުގައި ގޯލްތައް ޖަހައިދިނީ ޑިފެންޑަރު ސަމިއުލް އުމިޓީޓީގެ އިތުރުން އެންޓޮއިން ގްރީޒްމަން އަދި އޮސްމާން ޑެމްބޭލޭއެވެ.
އިޓަލީގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއެނާޑޯ ބޮނޫޗީއެވެ.
"މިއީ ލިބޭ ތަޖުރިބާތައް. ބަލިވާކަށް އެއްވެސް ޓީމަކުން ބޭނުމެއް ނުވާނެ. އެކަމަކު ރޭގެ މެޗުން ރަނގަޅު ކަންތައްތަކެއް ނެގިދާނެ. 2-2 އަކަށް ނަތީޖާ ބަދަލުކޮށްލަންވެސް ލިބުނު،" މެޗަށްފަހު ވާހަކަ ދައްކަމުން މަންޗިނީ ބުންޏެވެ.
މަންޗިނީ ބުނީ ފްރާންސަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ސްކޮޑު ކަމަށާއި، އެ ލެވެލްއަށް ދާން ދުވަސްތަކެއް ނަގާނެ ކަމަށެވެ.
"މިވަގުތު ދުނިޔޭގެ ފުޓުބޯޅައިގައި އިޓަލީއަށްވުރެ ވަރުގަދަވާނީ ފްރާންސް. ސްކޮޑަށް ނަގަން ހުނަރުވެރި އެތައް ކުޅުންތެރިންނެއް އެބަތިބި. ރޭގެ މެޗުން ފެނުނު އެންމެ މުހިންމު އެއް ކަމަކީ އަލަށް އިޓަލީގެ ޓީމަށް އެރި ކުޅުންތެރިންގެ ފަރާތުން ފެނުނު ރަނގަޅު ކުޅުން. އޭގެން އެނގެނީ މިސްރާބު ހުރީ ރަނގަޅަށްކަން. ފްރާންސްގެ ލެވެލްއަށް ނޫނީ އެ ލެވެލްއާ ގާތަށް ދިއުމަށް އިޓަލީއަށް މިހާރު ބޭނުންވާނީ އަހަރެއް،" މަންޗިނީ ބުންޏެވެ.
އިޓަލީއަކީ ހަތަރު ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލާލައިފައިވާ ތާރީހީ ގައުމެކެވެ. އިޓަލީއަށް މިފަހަރުގެ ވޯލްޑްކަޕުން ޖާގަ ގެއްލުނީ 60 އަހަރަށްފަހުގައެވެ.