މައުމޫނާއި ދެ ފަނޑިޔާރުންގެ މިރޭގެ އަޑުއެހުން ކެންސަލް ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ---

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ފޯނު ފުލުހުންގެ ތަހުގީގަށް ނުދިން މައްސަލާގައި ކުރި ދައުވާގެ، މިރެއަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެ މައްސަލާގައި އެ ތިން ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ. މިރޭ 9:30 ގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލާގައި ޖެހިޖެހިގެން ދެ އަޑުއެހުން މިދިޔަ ދެ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. ފުރަތަމަ ރޭގެ އަޑުއެހުމުގައި މައުމޫންގެ ވަކީލުން މައްސަލަ ދޫކޮށްލި އިރު ރޭގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ވަކީލުން ވެސް ވަނީ މައްސަލަ އިން ތަނާޒުލްވެ އަޑުއެހުން ދޫކޮށް ނިކުމެވަޑައިގެންފައެވެ.

އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. ރޭގެ އަޑުއެހުމުގައި ތިން މީހަކު ވަނީ ސިއްރުން ހެކިބަސް ދީފައެވެ.

ވަކީލަކާ ނުލައި އަޑުއެހުންތައް ކުރިއަށް ގެންދާތީ ތިން ބޭފުޅުން ވެސް ވަނީ އަޑުއެހުންތައް މަޑު ޖައްސާލައި ވަކީލަކު އައްޔަނުކުރުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ތިން ބޭފުޅުންނަށް ވެސް އެބައޮތް ކަމަށެވެ. އެކަމަކު ޝަރީއަތް ފަސްކޮށްދެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް