ޑާބީ ކައުންޓީގެ ކޯޗަކަށް ލަމްޕާޑް ހަމަޖައްސައިފި

ޑާބީ ކައުންޓީގެ ކޯޗެއްގެ ގޮތުގައި ލަމްޕާޑް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކުރަނީ ---

އިނގިރޭސި ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޑާބީ ކައުންޓީގެ ކޯޗުގެ މަގާމަށް ޗެލްސީ އަދި އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ފްރޭންކް ލަމްޕާޑް ހަމަޖައްސައިފިއެވެ.

ޑާބީއާ އެކު ލަމްޕާޑް ވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ޑާބީއަކީ ލަމްޕާޑް ކޯޗުކަން ކޮށްދޭ ފުރަތަމަ ކްލަބެވެ. ލަމްޕާޑް ވެފައިވަނީ މިދިޔަ ތިން އަހަރު ތެރޭގައި ޑާބީއާ ހަވާލުވި ހަތްވަނަ ކޯޗަށެވެ. މި ސީޒަންގައި ޑާބީގެ ކޯޗު ކަމުގައި ހުރި ގެރީ ރޮވެޓް އެ މަގާމު ދޫކޮށްލީ ޕްރިމިއާ ލީގުން ރެލިގޭޓްވި ސްޓޯކް ސިޓީގެ ކޯޗު ކަމާ ހަވާލުވުމަށެވެ.

ޑާބީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ލަމްޕާޑް ބުނެފައި ވަނީ ތާރީހީ ގޮތުން ބޮޑު ކްލަބެއްގެ ކޯޗުކަން ކުރުމަކީ އޭނާ އަބަދުވެސް ބޭނުންވި ކަމެއް ކަމަށާއި، މިއީ ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

ލަމްޕާޑް ބުނީ ކްލަބުން ބޭނުންވާ ކަންކަމާ މެދު ވަރަށް ގިނަ މަޝްވަރާތައް ކްލަބުގެ ބޯޑާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށާއި، ކުރިން މޮޅެތި ކޯޗުންނާއެކު މަސައްކަތްކޮށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ކުރާނެ ކަމަށެވެ.

އުމުރުން 39 އަހަރުގެ ލަމްޕާޑް ވަނީ އިނގިރޭސި ގައުމީ ޓީމަށް 106 މެޗު ކުޅެދީ އޭނާގެ ކްލަބު ކެރިއަރުގެ 14 އަހަރު ހޭދަކުރި ޗެލްސީއަށް 649 މެޗު ކުޅެފައެވެ. ޗެލްސީއާއެކު 11 ތަށްޓެއް ހޯދައިފައިވާ ލަމްޕާޑް ވަނީ އެޓީމާއެކު ތިން ފަހަރަށް ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް އުފުލާލައިފައެވެ. 2014 ވަނަ އަހަރު ޗެލްސީ ދޫކޮށްލުމަށްފަހު މެންޗެސްޓާ ސިޓީއަށްވެސް ކުޅުނު ލަމްޕާޑް ކެރިއަރު ނިންމާލީ 2017 ވަނަ އަހަރު އެމެރިކާ ލީގުގެ ނިއުޔޯކް ސިޓީއަށް ކުޅުމަށްފަހުގައެވެ.

ރިޓަޔާ ކުރުމަށްފަހު ފުޓުބޯޅަ އެނަލިސްޓެއްގެ ގޮތުގައި ފެނިގެންދިޔަ ލަމްޕާޑަކީ އޭނާގެ ޖީލުގައި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ލަމްޕާޑު ވަނީ އިނގިރޭސި ގައުމީ ޓީމާއެކު ޔޫރޯއާއި ވޯލްޑް ކަޕްވެސް ކުޅެފައެވެ.

ޑާބީއިން މިދިޔަ ސީޒަން ނިންމާލީ ލީގުގެ ހަ ވަނައިގައެވެ. ލީގުގެ ހަ ވަނަ ލިބުމުން ޑާބީއަށް ޕްރިމިއާ ކޮލިފިކޭޝަން ޕްލޭ އޮފް ކުޅެން ޖެހިފައިވާ އިރު، އެޓީމު ޕްލޭ އޯފްއިން ކެޓީ ސެމީ ފައިނަލްގައި ފުލްހަމް އަތުންނެވެ. ޑަބީއަކީ ކުރިން ފުރަތަމަ ޑިވިޝަންގައިވެސް ގިނަ އަހަރުތަކެއްގައިވެސް ކުޅެފައިވާ ތާރީހީ ކްލަބެކެވެ.

comment ކޮމެންޓް