އެމެރިކާގެ ޖަލުތަކުގައި ތިބޭ ގައިދީންގެ ހައްގުތަކާ ގުޅޭ ގޮތުން ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު މަޝްވަރާ ކޮށްފިއެވެ.
އިއްޔެ ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕްގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.
ކިމް ޓްރަމްޕް އާ ބައްދަލުކުރަން ނިންމީ އެމެރިކާޖެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދާ، އުމުރުން 62 އަހަރުގެ މުނި މާމައެއްގެ ވާހަކަ އިވުމަށްފަހުގައެވެ.
އެ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެލީސް މެރީ ނަކަމަށް ކިޔާ މި މީހާއަށް މައާފު ދިނުމަށް ކިމް ވަނީ ޓްރަމްޕްގެ އެޑްވައިޒަރު ޖެރާޑް ކުޝްނާ އަރިހުންވެސް އެދިފައެވެ.
ކިމް އާއެކު ބޭއްވި ބައްދަލުުވުމަށްފަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރުމާއި، ޖަލު ހުކުމުތަކާ ގުޅޭގޮތުން ކިމް އާއެކު ވާހަކަ ދެކެވުނު ކަމަށެވެ.
ކިމްކުރި ޓްވީޓެއްގައި ބުނީ ރައީސް ޓްރަމްޕާއެކު ކުރިއަށް ދިޔަ ބައްދަލުވުމަށްފަހު އެމެރިކާގެ ޖަލުތަކުން ފެންނަން ބޭނުންވާ ބަދަލު ފެންނާނެކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އެލީސްގެ ކުށަށް މައާފުލިބި އޭނާ ޖަލުން މިނިވަންވާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.