އާ ހެކިތަކެއް ފެނިއްޖެ ނަމަ އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުން އެކަށީގެންވޭ: މަހާތީރު

ވީނުވީއެއް ނޭނގި ގެއްލިފައިވާ ފްލައިޓް އެމްއެޗް370ގެ ހަނދާނުގައި ހަނދާފައިވާ ފާރެއްގެ ކުރިމަތީގައި މީހަކު މަޑުކޮށްލައިގެން ---

ކުއަލަ ލަމްޕޫރު (ރޮއިޓާސް) – މީގެ ހަތަރު އަހަރު ކުރީން ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް370 އާ ގުޅޭ އާ ހެކިތަކެއް ފެނިއްޖެ ނަމަ އެ ފްލައިޓް ހޯދުމުގެ މަސައްކަތް އަލުން ފެށުމަކީ އެކަށީގެންވާ ކަމެއްކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަހާތީރު އެހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޝެން އިންފިނިޓީން އެމްއެޗް370 ހޯދުމަށް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ފެށި މަސައްކަތް އިއްޔެ ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ކަނޑުއަޑީގެ ބޮޑު ސަރަހައްދެއް ބަލައިގެން ވެސް ފްލައިޓްގެ އެއްވެސް ހިލަމެއް ވެފައެއް ނުވެ އެވެ.

ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު މަހާތީރު ވިދާޅުވީ، ފެންނަން ނެތް އެއްޗެއް ހޯދަން ކުރިއަސް ނުގެންދެވޭނެ ހާލަތަކަށް އަންނަން ޖެހޭ ކަމަށެވެ.

"އާ މައުލޫމާތުތަކެއް ލިބިއްޖެ ނަމަ، ހޯދުމުގެ [ފްލައިޓް ހޯދުމުގެ] މަސައްކަތް ފެށުން އެކަށީގެންވޭ،" މަހާތީރު ވިދާޅުވި އެވެ.

ބޯއިން 777 މަރުކާގެ އެމްއެޗު370 ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ މާޗު މަހު، ކުއަލަލަމްޕޫރުން ބެއިޖިންއަށް 239 މީހުންނާ އެއްކޮށް ދަތުރު ކުރަމުން ދަނިކޮށެވެ.

އެ ފްލައިޓް ހޯދުމުގެ މަސައްކަތް އޮސްޓްރޭލިއާ، މެލޭޝިއާ އަދި ޗައިނާއިން ގުޅިގެން މީގެ ކުރިން ކުރި ނަމަވެސް 1،046 ދުވަސް ފަހުން އެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. މަސައްކަތް ހުއްޓާލި ނަމަވެސް އެބޯޓުގެ ބައިތައް ވަނީ އިންޑިއާ ކަނޑުގައި އޮންނަ ރިޔޫނިއަން އިންނާއި މަޑަގަސްކަރައިން ފެނިފަ އެވެ.

comment ކޮމެންޓް