ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބުތަކުގެ ލިސްޓުގައި ކްލަބު ވެލެންސިއާ ހިމެނެއެވެ. ޒަމާންވީ ތާރީހެއް އޮތް ވެލެންސިއާއަކީ ބައިނަލްއަގުވާމީ ލެވެލްއެއްގައިވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިން، ދިވެހީންގެ ފަޚުރުވެރި ކްލަބެކެވެ.
ދިވެހި ފުޓުބޯޅައިގައި ލެޖެންޑުންތަކެއް އުފެއްދި ވެލެންސިއާ 1990ގެ އަހަރުތަކުގެ އިތުރުން 2000ގެ ކުރީކޮޅުގައިވެސް ދިވެހި ފުޓުބޯޅައިގައި ރަސްކަން ކުރި އިރު، 2008 ވަނަ އަހަރުގެ ލީގު ނެގުމަށްފަހު އެޓީމު އަޑިއަޅާލިތަން ފެނުނެވެ. ކްލަބަށް އެކި ގޮތްގޮތުން ދިމާވި ހާލަތްތަކާއެކު ރެލިގޭޝަންގެ ބިރުވެސް ހީވި ވެލެންސިއާއަށް ކިރިޔާވެސް ނޭވައެއް ލެވުނުތަން ފެނުނީ 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބު ކުރުމާއެކުގައެވެ. އެފްއޭ ކަޕް ޗެމްޕިއަނުންގެެ ގޮތުގައި ވެލެންސިއާއަށް އޭއެފްސީ ކަޕްގެ ޖާގަވެސް، ޖެހިގެން އައި އަހަރު ލިބިފައިވާ އިރު، އެއީ ވެލެންސިއާގެ އެނބުރި އައުމަށް ލިބުނު އެންމެ ހެޔޮ ފުރުސަތު ކަމަށް ވެދާނެއެވެ.
އެހިސަބުންވެސް ޖެހިގެން އައި ސީޒަނަށް ވެލެންސިއާގެ ތައްޔާރީތައް ފެނުނީ ވަނދު ކޮށެވެ. މިދިޔަ ސީޒަންގެ އޭއެފްސީ ކަޕްގައިވެސް ވެލެންސިއާ ހަމަ ކުޅެލި ކަމެވެ. ތައްޔާރީތައް ދަށްކޮށް ދިޔަ އިރު، ލޯކަލް ލީގުވެސް ދިޔައީ ދަށްކޮށެވެ. މާލޭ ލީގު ހަތް ވަނައިގައި ނިންމާލި އިރު، ކިރިޔާ ސަލާމަތްވީއެވެ.
މި ސީޒަނަށް ޓީމުތައް ތައްޔާރުވަމުން ދިޔަ އިރު، ރާއްޖޭގެ ތާރީހީ، ބޮޑު ކްލަބަކުން މިދިޔަ ސީޒަން ނިންމާލި ދަށް ހިސާބުން މި ސީޒަން ފަށާނެ ކަމަކަށް ކްލަބަށް ހެޔޮއެދޭ ސަޕޯޓަރުން އުންމީދު ނުކުރާނެކަން ޔަގީނެވެ. ހާއްސަކޮށް ޓްރާންސްފާ މާކެޓްގައިވެސް ވެލެންސިއާ ފެނުނީ މަޑު ރާގެއްގައެވެ.
ސަޕޯޓަރުންގެ އުންމީދަށް ކުޑަވެސް އުންމީދެއް ލިބި، ވެލެންސިއާއިން ސީޒަނަށް ޓީމު އެކުލަވާލުމަށް ފެށީވެސް ރާއްޖޭގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) ޓީމާ ހަވާލުވި ހިސާބުންނެވެ. ކޯޗިންގައި މަދު ދުވަސްކޮޅެއް ނަމަވެސް ސޮބާގެ ޓްރެކް ރެކޯޑު ރަނގަޅެވެ. ސޮބާއާއެކު ވެލެންސިއާއިން ސަޕޯޓަރުންނަށް ދިން މެސެޖަކީ "ވެލެންސިއާ އަދި މަރުނުވާ" ކަމުގެ މެސެޖެވެ. ކުރިން ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ޓްރާންސްފާ މާކެޓްގައި އެހެން ކްލަބުތަކަށް ގޮސްފައިވާ އިރު، ސޮބާއަށް ޖެހުނީ ޓީމެއް ބިނާ ކުރުމަށް ކުޅުންތެރިން "ހޮވާލާ"ށެވެ.
ސޮބާ ނުކުތީ ޗެލެންޖަކާއެކުގައެވެ. ހާއްސަކޮށް އޭނާ އެކުލަވާލި ތަޖުރިބާ މަދު، "އެވަރެޖް" ސްކޮޑާއެކު އޭނާގެ މަސައްކަތް ބުރަ ކަމަށް ސޮބާ ފުރަތަމަ ދުވަހުވެސް ބުންޏެވެ. ކުޅުންތެރިންގެ ހިތްވަރު ވަރަށް ވަރުގަދަވެ، ކްލަބުގެ އެހެނިހެން ގިނަ ކަންތައްތަކެއްވެސް ރަނގަޅުވެގެން ނޫނީ، މި ސީޒަން އުނދަގޫވާނެ ކަމަށް ސޮބާވެސް ގަބޫލުކުރިއެވެ. އެހެން ނަމަވެސް އޭނާ އުންމީދުކުރީ ގިނަ ބަޔަކު ހީނުކުރާ ވަރުގެ "ސަޕްރައިޒިން" ޓީމެއް އެކުލަވާލުމަށެވެ. ހާއްސަކޮށް ސޮބާގެ ކޯޗިން ފިލޯސޮފީގައި އެންމެ މުހިއްމު އެއް ކަންތައް، މަސައްކަތު ރޭޓް ރަނގަޅު ޓީމެއް ބިނާ ކުރުމަށެވެ.
މާލޭ ލީގުގެ 11 ވަނަ ހަފްތާގެ ކުޅުން ނިމުނު އިރު، ވެލެންސިއާއަށް ދިވެހި ޕްރިމިއާ ލީގުގެ އުންމީދު ގެއްލި، ރެލިގޭޝަން ޕްލޭ އޯފް ޔަގީން ވެއްޖެއެވެ. ސީޒަން ދިޔައީ "ގޯހުން ގޯހަށެވެ." ލީގުގައި ކުޅުނު 11 މެޗުން ލިބިފައި އޮތީ އެއް ޕޮއިންޓެވެ. މޮޅެއް ނުލިބެއެވެ. ކުޅުންތެރިން ދަނޑުމަތީގައި ދެއްކި ޕޮޒިޓިވް ކަންތަކަށްވުރެ ހެދި ގޯސްތައް ގިނައެވެ.
ސްކޮޑުގެ ރޫހެއް ނެތް - ސްކޮޑުގެ ތަޖުރިބާ މަދުވުން ޗެލެންޖަކަށް
ވެލެންސިއާއިން ލީގާ ކުރިމަތިލީ މެޗަކަށްފަހު މެޗެއް ކާމިޔާބުކޮށް، ދިވެހި ޕްރިމިއާ ލީގަށް ޓާގެޓް ހިފައިގެންނެވެ. ކުއްލި ގޮތަކަށް އެކުލަވާލި ސްކޮޑުގެ ކުޅުންތެރިންނަށް ސޮބާގެ ފުރިހަމަ އިތުބާރު ދިން ނަމަވެސް ހަގީގަތުގައި ކުޅުންތެރިންގެ މަސައްކަތު ރޭޓް ގިނަ މެޗުތަކުގައި ދަށްވެގެން ދިޔަތަން ފެނުނެވެ. ކުޅުންތެރިންގެ ފިޓްނަސް މައްސަލަތައް ސީޒަންގެ ކުރީ ކޮޅުގައި ދިމާވި ނަމަވެސް، ފަހުން ކުޅުންތެރިންގެ ވިސްނުމުގައި މޮޅުވުމުގެ ރޫހު ނެތް ކަމަށް ސޮބާވެސް ވަނީ ފާހަގަކޮށްފައެވެ.
"ވެލެންސިއާއަށް ލިބުނު ބްރޭކްގެ ރަނގަޅުކަން އެނގޭނީ ވިކްޓަރީ މެޗަށް ފަހު. މިހާރު ނުބުނެވޭނެ ފިޓްނަސް މައްސަލައެއް އުޅޭނެއެކޭ. އެކަމަށް ވަރަށް މަސައްކަތް ކުރެވިއްޖެ. ކުޅުންތެރިންގެ ވިސްނުމުގެ މައްސަލައެއް މިހާރު އުޅޭނީ،" ސީޒަން ބްރޭކަށްފަހު ސޮބާ ބުނެފައިވެއެވެ.
ޓީމު އެކުލަވާލި އިރުވެސް ސޮބާ ހަނދާން ކޮށްދެމުން އައީ އޭނާގެ ޓީމުގައި ގައުމީ ޓީމުގެ، ނޫނީ ގައުމީ ލެވެލްގެ ހަތް ކުޅުންތެރިން އަށް ކުޅުންތެރިން ނެތްކަން ގަބޫލުކުރާ ކަމަށާއި، އެއީ ކުރިމަތިވާނެ ޗެލެންޖެއް ކަމަށެވެ. އެހެންކަމުން ކުޅުންތެރިން އެކަމަށް ވިސްނައި މަސައްކަތް ކޮށްގެން ނޫނީ ނަތީޖާ ނުނެރެވޭނެ ކަމަށްވެސް ކޯޗުު ސޮބާއާއި އޭނާގެ ކޯޗިން ޓީމުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔައެވެ.
"އަސްލު ޓީމުގައި ސީނިއާ ކުޅުންތެރިން މަދުވުމަކީ މެޗުތައް ކުޅެން އުނދަގޫވާނެ ކަމެއް. ހާއްސަކޮށް ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނަ އިރު، ސީނިއާ ކުޅުންތެރިން ނެތުމަކަކީ ދަތިތައް ކުރިމަތިވާނެ ކަމެއް." ސީޒަންގެ ދެވަނަ ބުރު ފެށުމުގެ ކުރިން ވެލެންސިއާގެ އެސިސްޓެންޓް ކޯޗު، އަދި ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް އާދަމް އަބްދުލްލަތީފު (ލައްޗޭ) ބުނެފައިވެއެވެ.
ލައްޗޭގެ ވާހަކަ އޭނާ ވަނީ ވެލެންސިއާއިން ދެވަނަ ބުރުގައި ކުޅުނު ގިނަ މެޗުތަކަށްފަހުވެސް ތަކުރާރުކޮށް ފާހަގަކޮށްފައެވެ. ހާއްސަކޮށް މެޗުތަކުން މޮޅެއް ނުވެވި ދެމިގެންދާ ސިލްސިލާއަށް ނިމުމެއް ގެންނަ ކަމަށްވާނަމަ ތަޖުރިބާ ހުރި، ލީޑާޝިޕް ހުރި ކުޅުންތެރިންތަކެއް ވެލެންސިއާއަށް ބޭނުންވާނެ ކަމަށްވެސް ލައްޗޭ ބުނަމުން ދިޔައެވެ.
ބިދޭސީ ކުޅުންތެރިންގެ ކުޅުން ދަށް
މާލޭ ލީގުގެ މި ސީޒަން ފެށީ ޓީމުތަކަށް އަލަށް ގެނައި ގިނަ ބިދޭސީ ކުޅުންތެރިންތަކަކާ އެކުގައެވެ. ހަގީގަތުގައި މި އަހަރުގެ މާލޭ ލީގުން ވަރުގަދަ ބިދޭސީ ކުޅުންތެރިންތަކެއް ފެނިގެންދެއެވެ. ހާއްސަކޮށް މެޗުތަކުގެ ނަތީޖާ ބަދަލުކޮށްލުމުގައި ޓީމުތަކުގެ ބިދޭސީ ކުޅުންތެރިން މުހިއްމު ރޯލެއް ކުޅޭތަން ފެނިގެންދިޔައެވެ. އެހެން ނަމަވެސް ވެލެންސިއާ ޓީމަށް ގެނައި ޒުވާން ބިދޭސީ ކުޅުންތެރިންގެ ފަރާތުން އެ ތަފާތު ނުފެނުނު ކަން ފާހަގަކޮށްލެވުނެވެ.
މި ސީޒަންގައި ވެލެންސިއާއަށް އުމުރުން 21 އަހަރުގެ ކިރިގިސްތާން ޑިފެންޑަރެއްގެ އިތުރުން އުމުރުން 23 އަހަރުގެ ޔުކުރެއިންގެ މިޑްފީލްޑަރެއްގެ އިތުރުން ހަމަ އެގައުމަށް ނިސްބަތްވާ 25 އަހަރުގެ ފޯވަޑެއް ގެނެސްފައިވެއެވެ.
އޭގެ އިތުރުން ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިޔަކީ ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާ ހުރި، ޖަޕާން ކީޕަރު ޖުން ކޮޗީއެވެ. ސީޒަންގައި ވެލެންސިއާ ކޮޅަށް 20 ގޯލް ވަދެފައިވާ އިރު، އެޓީމަށް ޖެހުނީ އެންމެ ހަތަރު ގޯލެވެ. އޭގެ ތެރެއިން ޔުކުރެއިންގެ ޒުވާން ފޯވަޑް ސާގީ ޑްރީގާއަށް ކާމިޔާބުކުރެވުނީ އެންމެ ތިން ގޯލެވެ. ޑިފެންސަށް ގެނައި ބިދޭސީ ކުޅުންތެރިޔާއަށް އަނިޔާގެ ގިނަ މައްސަލަތަކެއްވެސް ކުރިމަތިވި އިރު، ކީޕަރު ޖުން ކޮޗީއަވެސް މި ސީޒަން އުނދަގޫވެގެން ދިޔައެވެ.
ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން އެންމެ އެކަށޭނެ ހިތްވަރެއް ދަނޑުމަތިން ފެނިފައިނުވާ އިރު، ޓީމުގެ ރާއްޖޭގެ ކުޅުންތެރިން އެ ކުޅުންތެރިންގެ މަސައްކަތަށް ބަރޯސާވުމުން ނަތީޖާ ނުކުތީ ހިތިކޮށެވެ.
އަންނަ ސީޒަންގައި މާލޭ ލީގުގައި ދެމިއޮތުމަށް ވެލެންސިއާއަށް އޮތީ ޕްލޭ އޯފް ކާމިޔާބުކުރުމެވެ. ދެވަނަ ޑިވިޝަންގެ ރަނަރަޕް ޖޭޖޭ ސްޕޯޓްސް ކްލަބާއި ވެލެންސިއާގެ އިތުރުން، މާލޭ ލީގުގެ ހަތްވަނައަށް ދާ ޓީމުވެސް ޕްލޭ އޯފްގައި ކުޅޭ އިރު، އޭގެ ތެރެއިން އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަން (މާލޭ ލީގު)ގައި ދެމި އޮންނާނީ އެއް ޓީމެވެ. އަނެއް ދެޓީމު ރެލިގޭޓް ވާނެއެވެ.
މާލޭ ލީގުގައި ވެލެންސިއާއަށް ބާކީ ތިން މެޗު އޮތް އިރު، މޮޅެއް ނުލިބި އޮތުމަކީ ލިބޭނެ ބޮޑު މާޔޫސް ކަމެކެވެ. ދިވެހި ފުޓުބޯޅައިގައި އެންމެ ވަރުގަދައަށް ފިޔަ ޖެހި އެއް ކަލަބު، ވެލެންސިއާ މިއަދު ފުރަތަމަ ޑިވިޝަނުން ކައްސާލުމުގެ ތުންފަތްމަތީގައި އޮތް އިރު، ޓީމުގެ ދުރުވިސްނުމުގެ ޕްލޭނަކީ މިސްރާބެއް އޮތް އެއްޗެއްތޯ ސުވާލުކޮށްލެވެއެވެ.